ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނުން އިންޑިއާއާ ވިޔަފާރީގެ ގުޅުން ކަނޑާލައިފި

ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ވަނީ އިންޑިއާއާ ވިޔަފާރީގެ ގުޅުން ކަނޑާލަން ނިންމާފަ -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (އޮގަސްޓު 8): ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނުން އިންޑިއާއާ ވިޔަފާރީގެ ގުޅުންތައް ކަނޑާލައި، އެގައުމުގައި ހުންނަވާ އިންޑިއާގެ ސަފީރު އަނބުރާ ފޮނުވާލާނެ ކަމަށް ބުނެފި އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން އިސްކޮށް ހުންނެވި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު އެގައުމުން ނިންމާފައި ވަނީ ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ކުޑަކޮށް، ވިޔަފާރީގެ ގުޅުން ކަނޑާލުމަށެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރައިޝީ ވަނީ އިންޑިއާގެ ސަފީރު އަޖޭ ބިސާރިއާ އަނބުރާ ފޮނުވާލާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޕާކިސްތާނުން އިންޑިއާއަށް އަލަށް އައްޔަން ކުރި ސަފީރު މުއީނުލްހައްގު ދިއްލީއަށް ވަޑައިނުގަންނަވާނެ ކަމަށް ގުރައިޝީ ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާ އިން ވަނީ އެގައުމުގެ ގާނޫނު އަސާސީން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތައް ލިބިދޭ މާއްދާ 370 އުވާލައިފަ އެވެ. އަދި އިއްޔެ އެގައުމުގެ ޕާލިމެންޓުގެ ތިރީގެއިން ވަނީ ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅި ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލަން ހުށަހަޅާފައިވާ ގަރާރަކަށް ރުހުން ދީފަ އެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަޑާކް އެއް ޓެރިޓަރީއަށެވެ.

އިންޑިއާގެ އެނިންމުމާ އެކު ކަޝްމީރަށް ޑިފެންސް އާއި ދާހިލީ ކަންތައްތަކާއި ކޮމިއުނިކޭޝަންސް ނޫން އެހެން ކަންތައްތަކުގައި އަމިއްލައަށް ގޮތް ނިންމުމަށް ދީފައިވާ ބާރު ގެއްލިގެންދާނެ އެވެ. އަދި އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ރައްޔިތުންނަށް ކަޝްމީރުން ބިން މިލްކު ކުރެވި، އެސަރަހައްދުގައި ވަޒަންވެރިވެވޭނެ އެވެ.

މާއްދާ 370 އުވާލުމަކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދެކެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބީޖޭޕީގެ މަގުސަދަކީ މުސްލިމް މެޖޯރިޓީ އޮންނަ ކަޝްމީރުގައި ހިންދޫންގެ އާބާދީ އިތުރު ކުރުމެވެ.

އިންޑިއާ އާއި ޕާކިސްތާން 1947ގައި މިނިވަންވި ފަހުން ދެގައުމުން ވަނީ ކަޝްމީރުގެ މައްސަލައިގައި ދެ ފަހަރަކު ހަނގުރާމަކޮށްފަ އެވެ. އަދި ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގެ ގިނަ އަދަދެއްގެ މީހުން ޕާކިސްތާނާ ގުޅެން ބޭނުންވާ އިރު، ކަޝްމީރަކީ މިނިވަން ދައުލަތަކަށް ހެދުމަށް ވެސް ބައެއް މީހުން ބޭނުންވެ އެވެ.

comment ކޮމެންޓް