ޕީޖީގެ އޮފީސް ކޮޓަރި ހެދުމަށް ހަރަދު ކުރީ އަމިއްލަ ކުންފުންޏަކުން

ޕީޖީ ބިޝާމް ރައްޔިތުން މަޖިލީޙުގެ ޖުޑިޝަރީ ކޮމިޓީގައި: ބިޝާމްއާ މެދު މެންބަރުން ތުހުމަތުކެއް ކުރެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އޮފީހުގެ ކޮޓަރިކޮޅު ހެދުމަށް ސީއެސްއާރުގެ ދަށުން އަމިއްލަ ކުންފުންޏަކުން ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބިޝާމް ހާޒިރުކޮށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ސުވާލުކުރެއްވީ، ޕީޖީގެ އޮފީހުގެ ކޮޓަރިކޮޅު މަރާމާތު ކުރުމަށް ސީއެސްއާރުގެ ދަށުން އަމިއްލަ ކުންފުންޏަކުން ހަރަދުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ސުވާލާ ގުޅިގެން ޕީޖީ ބިޝާމް ވިދާޅުވީ، މަޖީދީ މަގުގައި ހުރި އިމާރާތުން ވެލާނާގެ 12 ވަނަ ފަންގިފިލާއަށް ޕީޖީގެ އޮފީސް ބަދަލު ކުރުމަށާއި އޮފީހުގެ މަރާމާތަށް ވަރަށް ބޮޑު އެއްޗެއް ދައުލަތުން ހަރަދު ކުރަން ޖެހުނު ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ހަރަދުތައް ސީއެސްއާރުގެ ދަށުން އަމިއްލަ ކުންފުންޏަކުން ކުރުމަށް އޭރުގެ ސަރުކާރުން ހަމަޖެއްސި ކަމަށް ޕީޖީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ އޮފީސް ކޮޓަރި ހެދުން ހިމެނޭ ގޮތުން ސީއެސްއާރުގެ ދަށުން އެ ހަރަދުތައް ކުރީ ހަމަޖެހިފައި އޮންނަ އުސޫލުން ކޮޓޭޝަން ވެސް ހޯދައިގެން ސަރުކާރުގެ ބެލުމުގެ ދަށުން އެވެ.

"ސީދާ ކޮންކުންފުންޏެއް ކަމެއް ދަންނަވާކަށް ނޭނގޭ މިވަގުތަކު. އެކަމަކު އެ ހުރިހާ ލިޔެކިޔުންތަކެއް އަޅުގަނޑުމެންގެ އޮފީހުގައި ހުންނާނެ. އެއީ އުސޫލުގެ ތެރެއިން ކުރެވިފައި އޮތް ކަމެއް،" ބިޝާމް ވިދާޅުވި އެވެ.

ސިރާޖު ދެން ސުވާލު ކުރެއްވީ، ޕީޖީގެ އޮފީހުގެ ކޮޓަރި ކޮޅު ތައްޔާރު ކުރުމަށް ސީއެސްއާރުގެ ދަށުން އަމިއްލަ ކުންފުނިން، އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް އަޑުއިވިފައިވާތީ އެކަމުގެ ހަގީގަތާ މެދު އެވެ. އެ ސުވާލުގެ ޖަވާބުގައި ޕީޖީ ބިޝާމް ވިދާޅުވީ އެކަމަށް ޖުމްލަ ހަރަދުވި އަދަދު މިހާރު ހަނދާން ނެތް ކަމަށާއި ނަމަވެސް ފަހުން އެ މައުލޫމާތު ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ޕީޖީގެ ހައިސިއްޔަތުން އޮސްޓްރޭލިޔާއަށް ކުރައްވަން ހަމަޖެހުނު ޓްރޭނިން ދަތުރަކަށް ލިބެން ޖެހޭ ފައިސާ ޕީޖީގެ އަމިއްލަ އެކައުންޓަކަށް ޖަމްއިއްޔާއަކުން ޖަމާކޮށްދިން މައްސަލައަކާ ގުޅިގެން ވެސް ކޮމިޓީގައި ޕީޖީއަށް ސުވާލު އަމާޒުކުރި އެވެ.

ޕީޖީ ބިޝާމް ވިދާޅުވީ ޔޫއެންއޯޑީސީގެ ޓްރޭނިންއަކަށް އޮސްޓްރޭލިޔާއަށް ދިޔުމަށް ދަތުރުގެ ހަރަދަށް އެ ޖަމާއަތުން ދޭން ޖެހޭ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ޓްރެއިނިންތަކަށް ލިބޭ ދަތުރު ފައިސާ އާންމުކޮށް އަމިއްލަ އެކައުންޓަށް ޖަމާނުކުރި ނަމަވެސް ޔޫއެންއޯޑިސީއިން އަބަދުވެސް އެފަދަ ފައިސާ ޖަމާކޮށްދެނީ އެ މީހެއްގެ އަމިއްލަ އެކައުންޓަށް ކަމަށެވެ. އެގޮތުން 848 ޑޮލަރު އޭނާގެ އެކައުންޓަށް އެ ޖަމާއަތުން ޖަމާކުރި ނަމަވެސް، އެވަގުތު އެ ޓްރެއިނިންއަށް ދެވެން ނެތުމުން އެ ފައިސާ އަނބުރާ ރައްދުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެވަގުތު މުހިންމު ޝަރީއަތްތަކެއް ހިނގަމުން ދާތީ، އަޅުގަނޑަށް ވިސްނުނީ އެދަނޑިވަޅުގައި މުހިންމޭ އަޅުގަނޑުމެންގެ ޓީމް ގައިޑްކޮށްދޭން އަޅުގަނޑު މިކޮޅުގައި މަޑުކުރުން. އެހެންވެ، އަޅުގަނޑު އެ ދަތުރު ނުދަން. އެހެންވެ، އެ ފައިސާ އަޅުގަނޑު ވާނީ އަނބުރާ ރައްދުކޮށްފައި. އެކަން ލިޔެކިޔުންތަކުން ހުންނާނެ ފެންނަން،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.

އޭނާ ވަނީ މީގެ ކުރިން ސިޔާސީ ފަރާތްތަކަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ދައުވާ އުފުލުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އޭނާއަށް ފޯރާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުފުލާފައި ހުރި އެކި ދައުވާތަކުގައި ޕީޖީގެ ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރީ އެކަށީގެންވާ ގާނޫނީ ސަބަބުތައް ހުރެގެން ކަމަށް ވެސް ބިޝާމް ކޮމިޓީގައި ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން ދެން ތިޔަ ބޭފުޅުންނަށް ތިޔަ ތުހުމަތު ކުރައްވާ ފަދަ ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.

comment ކޮމެންޓް