ބ. ތުޅާދޫ ސުކޫލުގައި ކިޔަވާ ކުދިންނަށް ހޭނެތުމާ ޖިންނި މޮޔަވުން ފަދަ ގޮތްތަކެއް ވާތީ އެ ސުކޫލުގައި ހުރި ބޮޑު ނިކަ ގަހެއް ކަނޑައިދިނުމަށް އެދިއްޖެ އެވެ.
ތުޅާދޫއިން 'ސަން' އާ ވާހަކަދެއްކި މީހަކު ބުނީ އެރަށު ސުކޫލުގެ ކުދިން ހޭނުތުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށެވެ. ހޭނެތުން އެކަންޏެއް ނޫނެވެ. ޖިންނި މޮޔަވުމާއި ދަތްތައް ބާރުވެ އެކި ގޮތްގޮތް ވާކަމަށް އެރަށު މީހަކު ބުންޏެވެ. މީގެ އެތަކެއް އަހަރެއް ކުރިންވެސް އެމައްސަލަ ބޮޑުވެގެން ތުޅާދޫ ސުކޫލުން ގަހެއް ވަނީ ކަނޑާފަ އެވެ.
އަނެއްކާވެސް އެކަންތައް ބޮޑުވެ ތުޅާދޫ ސުކޫލުގެ ބެލެނިވެރިން މިއަދު ނުކުމެ ވަނީ އެރަށު ސުކޫލު ބަންދުކޮށްފަ އެވެ.
"މީގެ ހަފްތާއެއް ކުރިން ތުޅާދޫ ސުކޫލުގެ ގްރޭޑް 10 ގައި އުޅޭ ބެލެނިވެރިންނާއި ޕީޓީއޭއިން ވަނީ ސުކޫލު މެނޭޖްމެންޓާ ބައްދަލުކޮށްފައި. އެ ގަސް ކަނޑައިދޭން އެދުމުން ސުކޫލުން ބުނީ އީޕީއޭގެ ހުއްދަ ނުލިބިގެން ކަމަށް ގަސް ނުކެނޑިގެން އުޅެނީ،" ތުޅާދޫއިން 'ސަން' އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެމީހާ ބުނިގޮތުން އެމައްސަލަ ދިމާވާ 12 ވަރަކަށް ކުދިން އެރަށު ސުކޫލުގައި އުޅެ އެވެ. އަދި މައްސަލަ ދިމާވެ ބައެއް ފަހަރު ރަނގަޅުވާނެ އެތައް ދުވަހެއް ނަގާ ކަމަށްވެސް ބުންޏެވެ.
"ރުޣްޔާ ކުރާ މީހުންނަށް ދައްކައިގެން ބައެއް ކުދިން ރަނގަޅުވެފަ ހުރީ،" އެމީހާ ކިޔައިދިނެވެ.
ތުޅާދޫ ސުކޫލުގެ ބެލެނިވެރިން މިހާރު ވަނީީ އެ ސުކޫލުގައި ހުރި ބޮޑު ނިކަގަސް ކަނޑައިދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއްވެސް ހުށަހަޅައިފަ އެވެ.