އަތޮޅުތެރޭ ސްކޫލުތަކުން މާލޭ ސްކޫލުތަކަށް ބަދަލުވާން 790 ފޯމު

އިސްކަންދަރު ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ދިރާސީ އައު އަހަރަށް އަތޮޅުތެރޭ ސްކޫލުތަކުން މާލޭ ސްކޫލުތަކަށް ބަދަލުވާން 790 ފޯމު ހުށަހަޅާފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދިރާސީ އައު އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމު ހުށަހަޅާފައި ވާގޮތުގެ އަދާހަމަ މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި އަދާހަމައިން ދައްކާގޮތުގައި، އެންމެ ގިނަ ފޯމު ހުށަހަޅާފައި ވަނީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވެއްދުމަށެވެ. އެގޮތުން މާލޭ ސްކޫލުތަކުގެ ގްރޭޑު އެކަކަށް ވެއްދުމަށް 2290 ފޯމު ހުށަހަޅާފައި ވެއެވެ. ގްރޭޑް އެކެއް ފިޔަވާ އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް ހުށަހަޅާފައި ވަނީ، 1450 ފޯމެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް އެދި 660 ފޯމު ހުށަހަޅާފައި ވެއެވެ.

ސްކޫލުތަކަށް ވަނުމާއި ގްރޭޑުތަކަށް ކުދިން ވެއްދުމަށް އަދި ސްކޫލު ބަދަލުކުރުމަށް ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ 2:00ގެ ކުރިއެވެ. ސުން މިނިޓުގެ ނިޔަލަށް ހުށަހަޅާފައިވާ ފޯމުތަކުގެ ޖަވާބު މިމަހުގެ 13ވަނަ ދުވަހު ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮންމެ އަހަރަކު ވެސް ދިރާސީ އައު އަހަރު ފެށުމުގެ ކުރިން އަތޮޅުތެރޭގެ ގިނަ ބަޔަކު މާލެ ހިޖުރަކޮށް، އަލަށް ސްކޫލަށް ވައްދާ ކުދިންގެ އަދަދު އިތުރުވެއެވެ.

comment ކޮމެންޓް