ރައީސްކަމުގައި ހުރިހާ ހިނދަކު އެއްވެސް ލީޑަރަކަށް ދެރަގޮތެއް ވިޔަކަ ނުދޭނަން: ރައީސް ސޯލިހު

ރައީސް ސޯލިހު -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އެމަނިކުފާނު ހުރިހާ ދުވަހަކު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ލީޑަރަކަށް އަދި އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ކުރާ މަސައްކަތުގައި އެއިން އެއްވެސް ލީޑަރަކު ބާކީވެގެނެއް ނުދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެ ހުރިހާ ލީޑަރުންނާއެކު ވެވަޑައިގެންނެވި ވައުދުތަކަކާ އެކު ކަމަށާއި އެ ވައުދުތައް ފުއްދުމަކީ އެމަނިކުފާނާއި އެމަނިކުފާނުގެ ބައިވެރިން ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ.

"ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދުތަކެއް އެއީ އަޅުގަނޑުގެ ޒިންމާއެއް، ވާޖިބެއް، އެ ވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކީގައި މިވަނީ އެ މަސައްކަތް ފަށައިގެންފައި،" ރައީސް ވިދާޅުވިއެވެ.

އެމްޑީީއަކީ ވައުދުވާ، އަދި ވައުދު ފުއްދަންވެސް އެނގޭ ބައެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާ އަދި ބޯހިޔާވަހި ކަމުގެ ދާއިރާ އިން ވައުދު ފުއްދުމަށްޓަކައި ފާއިތުވި ދުވަސްތަކުގައި މަސައްކަތްތައް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތައުލީމީ ދާއިރާއަށް ބަލާއިރު، ހެނދުނުގެ ނާސްތާ ބޭނުންވާ ހުރިހާ ދަރިވަރުންނަށް ދިނުމުގެ މަސައްކަތް ފަށައި މި އަންނަ ތާމް ފެށޭއިރު މުޅި ރާއްޖޭގައި ހުރި ހުރިހާ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ހެނދުނުގެ ނާސްތާ ބޭނުންވާ ހުރިހާ ދަރިވަރުންނަށް ސަރުކާރުން ހިލޭ ނާސްތާ ފޯރުކޮށްދެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ބިން ހިއްކައި ހުޅުމާލެ ތަރައްގީކުރަން ފެށީ މާލޭގައި ދިރިއުޅޭ މީހުންނަށް ލިޔެއް ހޯދައިދިނުމަށްޓަކައި ކަމަށާއި ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވައްސާހަމަޔަށް ދިޔައިރުވެސް އެކަމަށް ހައްލެއް އައިސްފައިނުވާ ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި މީހުން ދިރިއުޅެމުން މިދަނީ މާލޭގައި. ގްރޭޓާ މާލޭ ސަރަހައްދުގައި މިގޮތަށް ކުރިއަށްދާކަމަށް ވަންޏާ ކުރިއަށް އޮތް ގާތްގަނޑަކަށް 15 އަހަރުގެ ތެރޭގައި ރާއްޖޭގެ ދެބައިކުޅަ އެއްބައި ދިރިއުޅޭނެތަނަކީ މިއީ ކަމުގައި އެބަ ދައްކާ. މިއީ އަޅުގަނޑު މިދެންނެވި ވާހަކައަކީ،" ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ބޭނުންވެފައި ވަނީ ކިތައް މީހުންނަށްކަން މިއަދާއަހަމައަށް ވެސް ބެލިފައި ނެތް ކަމަށާއި އެކަމުގެ ދިރާސާ ވަރަށް އަވަހަށް ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ލިބޭ އާމްދަނީ އާއި ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ގުޅެން އެބަޖެހޭ ކަމަށާއި ކުރީގެ ސަރުކާރުން އެޅި ފްލެޓުތަކަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހުރި ތަންތަން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ހުރިހާ އެންމެނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް