އެނގެމުން މިދަނީ ޝަރުއީ ދާއިރާ އިސްލާހުކުރަން އުޅެނީ ހަމައެކަނި އެމްޑީޕީންކަން: އީވާ

އީވާ އާއި އިތުރު ބަޔަކު ކްރިމިނަލް ކޯޓުން ނުކުމެވަޑައިގެން ދަނީ: އިވާ ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ވީ ވައުދު ފުއްދާނީ ހަމައެކަނި އެމްޑީޕީންކަމަށް މިހާރު އެނގިއްޖެ ކަމަށް --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ޝަރުއީ ދާއިރާ އިސްލާހު ކުރަން ނުޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އައްޑޫ މީދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ފަރުހާދު ވިދާޅުވުމުން އެނގިގެން ދަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވައުދު ފުއްދާނީ ހަމައެކަނި އެމްޑީޕީން އެކަނި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ އިވާ މިއަދު "ސަން" އަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކޯލިޝަންގެ ފަރާތުން ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުން ކަމަށާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން އެފަދަ ގޮތަށް ވާހަކަ ދެއްކެވުމުން ދޭހަ ވެގެން ދަނީ، އެ ވައުދު ފުއްދާނެ ހަމައެކަނި ބަޔަކީ އެމްޑީޕީ ކަން ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންވީ އެންމެ ބޮޑު އެއް ވައުދު އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުން. [އެމްޑީޕީ ފަދައިން] އެ ވައުދުވީ އެއް ބަޔަކީ އެއީ ޖުހޫރީ ޕާޓީ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން އެކި ތަންތާގައި ވިދާޅުވަމުން އެ ގެންދަވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ނުޖެހެޔޭ. ނަމަވެސް ރައްޔިތުން ރިޔާސީ އިންތިހާބުގައި ލީ ވޯޓުގައި ހިމެނޭ ޝަރުއީ ދާއިރާ އިސްލާހު ކުރަން،" އިވާ ވިދާޅުވިއެވެ.

"[އެގޮތަށް ވާހަކަ ދެއްކުމުން] މިހާރު މި އެނގޭ އެއްޗަކީ، ޝަރުއީ ނިޒާމް އިސްލާހު ކުރަން ތިބި ހަމަ އެކަނި ބަޔަކީ އެމްޑީޕީ ކަން. އެހެން މީހުން އެއީ ވީ ވައުދެއް ނޫން ކަމަށް އެ ހަދަނީ،"

އިވާ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދުނުއިރު، ހުށަހެޅި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުން ކަމަށާއި ޝަރުއީ ދާއިރާ އިސްލާހު ނުކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައިވެވަޑައިގެންނެވި ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ފަރުހާދު ވިދާޅުވީ "މިިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު ކިލަނބުކުރަން ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅުން އެޖެންޑާ 19 އަކާ އެނެކައްޗެއްގެ ބޭނުމަކީ ސީދާ ޚުދުމުހުތާރުވުން އެނޫން އެއްވެސް ކަމެއް ނެތް. ޝަރުއީ ނިޒާނެއް ރާއްޖޭގައި އިސްލާހުކުރާކަށް ނުޖެހޭ. މިވަގުތު ޝަރުއީ ނިޒާމް ރާއްޖޭގައި ވަރަށް ފުރިހަމަކޮށް އޮތީ އެހެންވީމާ އެދައްކަނީ އެއްވެސް ތާކުންތާކު ނުޖެހޭ ދަޅަ. ތިމާމެންގެ އަތުތެރެއަށް ޖުޑިޝަރީ ނުލެވިގެން އެވާހަކަ ދައްކަނީ" ކަމަށެވެ.

https://sun.mv/115296

ފަރުހާދުގެ އިތުރުން މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާ އަށް ވާދަ ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހަމަދު ވެސް ވަނީ އެމްޑީޕީގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އެޖެންޑާ އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެމްޑީޕީ އިން ވަނީ އެ ޕާޓީގެ "އެޖެންޑާ19" ގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހިމަނާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ގިނަ ބާރުތަކެއް ކުޑަކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ޕާޓީގެ "އެޖެންޑާ 19" ގައި ހިމެނެއެވެ.

https://sun.mv/114607

comment ކޮމެންޓް