ޕީއެންސީ އިން ޕީޕީއެމްގެ ތަކެތި ބޭނުންކުރި މައްސަލަ ބަލަނީ ގާނޫނާ ހިލާފަށް!؟

ޖެނުއަރީ 27، 2019: ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެ މައްސަލައަކީ ޔާމީން މިހާރު ރައީސްކަން ކުރައްވާ ޕީޕީއެމްގެ މުދާ ޕީއެންސީ އުފައްދަން ބޭނުން ކުރި މައްސަލަ އެކެވެ.

އެ މައްސަލަ ދެ ދުވަހެއް ތެރޭގައި ބަލައި ނިންމަން އަންގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. ޕީއެންސީގެ މައްސަލަ ބަލަނީ މި މަހުގެ 24 ވަނަ ދުވަހު އާންމު ކުރި ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނެފައިވާ މާއްދާ އަކާ ހަވާލާދީ އެވެ. އެ ގަވައިދު ގެޒެޓް ކޮށްފައި ވަނީ ޕީއެންސީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ވެސް ދިން ފަހުންނެވެ.

ޕީއެންސީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ އަށް ވަނަ މާއްދާގެ (ހ) އަށް ފަހުން ގެނައި އިސްލާހުގައި، ޕާޓީ އުފައްދަން ދީފައިވާ ހުއްދަ ބާތިލު ކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ޕާޓީއެއް ހަދަން ހުއްދަ ދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ ރަޖިސްޓްރީ ކުރެވި ހިނގަމުންދާ އެހެން ޕާޓީއެއްގެ ވަސީލަތްތައް ނުވަތަ މުވައްޒަފުން ބޭނުން ކޮށްގެންކަން ނުވަތަ އެ ޕާޓީއެއްގެ ކަންކަމުގައި ޒިންމާވާނެ އިސްފަރާތެއް ނެތުމުގެ ސަބަބުން އެ ޕާޓީއެއް ހިންގުން ހުއްޓިގެން ހިނގައިދާނެ ފަދަ ގޮތަކަށް ކަމަށްވާ ނަމަ ހުއްދަ ބާތިލުވާނެ ކަމަށް ގަވައިދުގައި ވަނީ ބަޔާން ކޮށްފަ އެވެ.

ބައެއް ބޭފުޅުން އުފައްދަމުންދާ ސުވާލަކީ ކުރިން ޕާޓީ ހަދަން ދީފައިވާ ހުއްދައެއް ފަހުން ހަދާ ގަވައިދަކުން ބާތިލު ކުރެވިދާނެތޯ އެވެ. ޕީއެންސީ އުފައްދަން ހުއްދަ ދިން ފަހުން އާންމު ކުރި އެ ގަވައިދުގައި ލިޔެފައިވާ މާއްދާއަކަށް ދީފައވާ ހުއްދަ ބާތިލު ކުރެވިދާނެތޯ އެވެ. ގާނޫނީ ބޭފުޅުންގެ މެދުގައި އެކަމުގައި ހިޔާލު ތަފާތުވުންތަކެއް އެބަ ހުއްޓެވެ.

ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުން ފަހުން ހެދި ގަވައިދަކުން ކުރިން ކޮށްފައިވާ ކަމަކަށް ފިޔަވަޅު އަޅުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ. ގާނޫނީ ވަކީލަކު ނަން ނުޖަހަން ޝަރުތުކޮށް 'ސަން' އަށް ވިދާޅުވީ ޕީއެންސީ އިން ޕާޓީ އުފައްދަން ބޭނުންވާ 3000 މީހުންގެ ފޯމު ހަމަކޮށް ހުށަހަޅައި ޕާޓީ އުފައްދަން ޖަލްސާ ބާއްވަން ހުއްދަ ދިން ފަހުން އާންމު ކުރި ގަވައިދަކުން ދީފައިވަައިވާ ހުއްދަ ބާތިލު ނުކުރެވޭނެ ކަމަށެވެ.

"ވަކި ބަޔަކަށް ޓާގެޓްކޮށްގެން އައިސްފައި އޮތް ގަވައިދެއްކަން އެނގޭ ދެއްތޯ ގަވައިދު އައިސްފައި އޮތް ގޮތުން ވެސް." އެ ވަކީލު ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕީޕީއެމުން ވެސް އަދި ޕީއެންސީ އިން ވެސް ބުނާ ގޮތުން ޕީއެންސީ އުފެއްދުމުގައި ޕީޕީއެމްގެ މުދަލާއި ވަސީލަތެއް ބޭނުމެއް ނުކުރެ އެވެ. އަދި އެއް އިމާރާތެއްގައި މަސައްކަތް ކުރަމުން ދިއުމަކީ ޕީޕީއެމްގެ މުދާ ބޭނުން ކުރުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ޕީއެންސީގެ ވަގުތީ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އެފަރާތްތަކާ މެދު ޒާތީ ކަމެއް އޮތް ކަމަށެވެ. އަދި ސީދާ އެ ބޭފުޅުންނަށް ޓާގެޓްކޮށްގެން ގަވައިދުތައް ހަދަމުންދާ ކަމަށް އަބްދުއްރަހީމް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ނަމަވެސް ޕީޕީއެމްގެ މުދާ ޕީއެންސީ އިން ބޭނުން ކުރާ މައްސަލަ އަލަށް އާންމު ކުރި ގަވައިދުގެ ދަށުން ބެލުން ގާނޫނާ ހިލާފު ނޫން ކަމަށް ވިދާޅުވާ ވަކީލުން ވެސް އެ ތިއްބެވި އެވެ. އެފަދަ ވަކީލަކު 'ސަން' އަށް ވިދާޅުވީ އެ ގަވައިދުގައި ބަޔާންކޮށްފައި ވަނީ ޕާޓީ އުފައްދަން ދީފައިވާ ހުއްދަ ބާތިލު ކުރުމާ ބެހޭ މާއްދާތަކެއް ކަމަށެވެ. އަދި އެއީ ޕާޓީ އުފައްދަން ޕީއެންސީއަށް ހުއްދަން ދިން ފަހުން ކަމުގައިވީ ނަމަވެސް އެ ހުއްދަ ބާތިލު ކުރުމާ މެދު އެ ގަވައިދުގެ ދަށުން ގޮތެއް ނިންމޭނެ ކަމަށް އެ ވަކީލު ވިދާޅުވި އެވެ.

ޕީއެންސީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެ ގަވައިދުގައި ބަޔާންކޮށްފައި ވަނީ ޕާޓީ އުފައްދަން ދީފައިވާ ހުއްދަ ބާތިލު ކުރުމާ ބެހޭ މާއްދާތަކެއް. އެއީ ޕާޓީ އުފައްދަން ހުއްދަ ނުދޭނެ މާއްދާތަކެއް ނޫން. އެހެންވީމާ ހުއްދަ ދިން ފަހުން އެކުލަވާލާ ގަވައިދެއްގެ ދަށުން ހުއްދަ ބާތިލު ކުރެވޭނެ." އެ ވަކީލު ވިދާޅުވި އެވެ.

ވަކި ބަޔަކަށް ޓާގެޓްކޮށްގެން ގަވައިދު ހަދާފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެ ވަކީލު ވިދާޅުވީ ގާނޫނުތަކާއި ގަވައިދުތައް ހަދަނީ ހާލަތު މެދުވެރިވުމުން އެ ހާލަތާ މެދު އަމަލު ކުރާނެ ގާނޫނީ އޮނިގަނޑެއް ބޭނުންވާތީ ކަމަށެވެ.

އެހެން ގާނޫނީ ވަކީލަކު ވިދާޅުވީ، "ހުއްދަ ދިން ފަހުން ހަދާ ގަވައިދަކުން ވެސް ހުއްދަ ބާތިލު ކުރެވިދާނެ. އެހެންނަމަވެސް އެ ގޮތަށް ހުއްދަ ބާތިލުކުރެވޭނީ ގަވައިދަށް އަލަށް އިތުރު ކުރި މާއްދާ އާންމު ކުރާ ފަހުން، އެ މާއްދާގައި ބުނާ އަމަލު ކޮށްފި ނަމަ. އަލަށް އުފައްދާ ޕާޓީއެއްގެ އަމަލުތަކުގެ ސަބަބުން ކުރީން އޮތް ޕާޓީއަކަށް ގެއްލުން ވާތީ، އެ ކަމަށް ހައްލު ހޯދައިދޭން ހާލަތަށް ރިއާޔަތްކޮށް ގަވައިދު އިސްލާހު ކުރެވޭނެ. ހާލަތެއް މެދުވެރި ވުމަކީ ގަވައިދު އިސްލާހު ކުރަން ޖެހޭ ސަބަބެއް. އެހެންނަމަވެސް އެ ގަވައިދެއް އާންމު ކުރުމުގެ ކުރީން ކޮށްފައިވާ ކަމަކަށް، އެ އާ ގަވައިދުގެ ދަށުން ފިޔަވަޅެއް ނޭޅޭނެ. ގަވައިދު އާންމު ކުރާ ފަހުން އެކަން ތަކުރާރުކޮށްފި ނަމަ ފިޔަވަޅު އެޅޭނީ." ކަމަށެވެ.

ޕީއެންސީ އުފެއްދުމަށް ފަހު ޕީޕީއެމް ދަރަށްޏަށް ޒިންމާވާނެ މީހެއް ނެތި ދޫކޮށްލަން ޕާޓީގެ ވެރިން ރާވަމުންދާ ކަމަށް ތުހުމަތުކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވެސް ވިދާޅުވެފައި ވަނީ ޕީޕީއެމް ވައިގެ ތެރެއަށް ދޫކޮށްލާފައި އެހެން ޕާޓީއެއް ހަދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ޕީޕީއެމްގެ މުދާ ޕީއެންސީ އިން ބޭނުންކުރާ މައްސަލަ ދެ ދުވަހެއްގެ ތެރޭގައި ނިންމަން އިލެކްޝަނުން އަންގާފައިވާ އިރު ޕީއެންސީ އިން މިހާރު ވާނީ އެޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ވެސް ބާއްވައިފަ އެވެ.

comment ކޮމެންޓް