ޕްރައިމަރީގައި 86،000 މިީހުނަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވޭ: އެމްޑީޕީ

އެމްޑީޕީ އިން ބޭއްވި ހަރާކާތެއްގެ ތެރެއިން އެ ޕާޓީގެ މެމްބަރުންތަކެއް -- ސަން ފޮޓޯ/ފަޔާޒު މޫސާ

މިއަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި 86،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެޕާޓީން ބުނެއެފިއެވެ.

އެމްޑީޕީ ޕްރައިމަރީގައި ވޯޓް ލެވޭ މީހުންގެ ދާއިމީ ލިސްޓް މިއަދު ވަނީ އާންމުކުރައްވާފައެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު މިއަދު "ސަން" އަށް ވިދާޅުވީ، ދާއިމީ ލިސްޓްގައި ދަފްތަރުގެ މީހުން އަދި ހިމަނާފައި ނުވާނެ ކަމަށާއި ދަފްތަރު މީހުންނާ އެކު 86،091 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވާ ކަމަށެވެ.

ދާއިމީ ލިސްޓް މިހާރު ވަނީ އެޕާޓީ ވެބްސައިޓްފައި ޝާއިއުކޮށްފައެވެ. ދަފްތަރު މީހުން ނުހިމަނާ އަންމު ކުރި ދާއިމީ ލިސްޓްގައި ވާގޮތުން 84،880 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މަނިކު ވިދާޅުވީ، ވަރަށް އަވަހަށް އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ދަފްތަރުގައި ހިމެނޭ މީހުންގެ ލިސްޓް ވެސް އާންމު ކުރައްވާނެ ކަމަށެވެ. އަދި އެ ލިސްޓް ގައި އެކުލަވާލައިފައިވަނީ އިލެކްޝަން ކޮމިޝަން އިން މާލޭ ދާއިރާތަކަށް ދަފްތަރު މީހުން ބާހާފައިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެވުމަށް ޕްރައިމަރީއަށް 280 ފަރާތުން ވަނީ ކުރިމަތިލައިފަ އެވެ. މަޖިލީހުގެ 86 ދާއިރާއަކަށް އެޕާޓީގެ ފަރާތުން ކުރިމަތިލައްވާ އިރު، އެންމެ ކެންޑިޑޭޓެއް ކުރިމަތިލާފައި އޮތުމުން ނުވަ ދާއިރާގެ ޕްރައިމަރީ ނޯންނާނެއެވެ. އެހެން ކަމުން ޕްރައިމްރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 77 ދާއިރާއެއްގައެވެ.

comment ކޮމެންޓް