ހުޅުމާލޭގައި ރޭ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި

ހުޅުމާލޭ ސެންޓްރޯ މޯލް ކައިރީގައި ރޭ ހިނގި އެކްސިޑެންޓަކަށް ފަހު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ހުޅުމާލޭގައި ރޭ ހިންގި ދެ މާރާމާރީ އެއްގައި ދެ ޒުވާނަކު ޒަހަމް ކޮށްލައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ، މާރާމާރީގައި އަނިޔާވެގެން ގެނައި 28 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އޭގެތެރެއިން 28 އަހަރުގެ ޒުވާނާގެ ބޮލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު ސީޓީ ސްކޭނެއް ހެދުމަށް އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

އަދި 23 އަހަރު ޒުވާނާ، ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް އާޝިޔާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ 12:10ގައި ކަމަށެވެ.

"ހުޅުމާލޭ ސެންޓްރޯ މޯލް ކައިރީގައި އެ މާރާމާރީ ހިންގީ. ޒަހަމްވި މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މާރާމާރީ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 23 އަހަރުގެ ޒުވާނާއަށް އަނިޔާވެފައިވަނީ، ހުޅުމާލޭ 122-125 ފްލެޓް ކައިރިން ސައިކަލުގައި ދަނިކޮށް އިތުރު މީހަކު އޭނާއަށް ހަމަލާ ދިނުމުން ސިކަލް ކޮންޓްރޯލް ނުކުރެވި ކާރެއްގައި ޖެހިގެންނެވެ.

މަލޭގައި ދޭތެރެ ދޭތެރެއިން މާރާމާރީތައް ހިންގައި ބައެއް މީހުން ވަނީ މަރު ވެސް ވެފައެވެ.

comment ކޮމެންޓް