ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ހުރި ދަތިތަކަށް ހައްލުހޯދަނީ

ރާއްޖެ- އިންޑިއާ ކޮންސިއުލާ ޓޯކްސްގެ ދެވަނަ ބުރު ފެށުން --- ސަން ފޮޓޯ

މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށްދާ ރާއްޖެ-އިންޑިއާ ކޮންސިއުލާ ޓޯކްސްގައި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ - އިންޑިއާ ކޮންސިއުލާ ޓޯކްސް ފައްޓަވައިދެއްވުމަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"އެތައް ހާސް އިންޑިއާ ރައްޔިތުންނެއް ރާއްޖޭގައި އެބައުޅޭ. އެ ބޭފުޅުންގެ ހިދުމަތް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އިގްތިސޯދަށް އެބަ ލިބޭ. މި ބޭފުޅުން ރާއްޖޭގައި އުޅޭއިރު ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވޭނެ،" ޝާހިދު ވިދާޅުވިއެވެ.

އިންޑިއާގައި އުޅޭ ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދީ، ރާއްޖެ - އިންޑިއާ ވިސާގެ ކަންތަކަށްވެސް ފަސޭހަ އިންތިޒާމެއް އަވަސް މުސްތަގުބަލެއްގައި ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/112771

ރާއްޖެ - އިންޑިއާ ވިސާގެ ކަންތައް ފަސޭހަ ކުރުމަށް ފޮރިން މިނިސްޓަރު ޝާހިދު މިދިޔަ މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަންނަ ހަފްތާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އާ ވިސާ އެގްރިމެންޓުގައި ސޮއިކުރެވޭވަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮންސިއުލާ ޓޯކްސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އޮންނަނީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މިހާރު ކުރިއަށްދާ މަޝްވަރާތައް މުހިއްމު ކަމަށެވެ.

"އަބަދުވެސް އިންޑިއާއިން ރާއްޖެ އަށްޓަކައި އޮންނާނެ. ރާއްޖެއަކީ އިންޑިއާއަށް ހާއްސަ ގައުމެއް،" ސަފީރު ވިދާޅުވިއެވެ.

comment ކޮމެންޓް