ކެބިނެޓަށް އައްޔަނުކޮށްފައިވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާމެދު ގޮތެއް ނިންމުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ ވަޒީރުންގެ ވަނަވަރު ހޯދުމަށް ހުށަހެޅުމާ ބެހޭގޮތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މަޝްވަރާކޮށްފިއެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވާ ބަންޑާރަނައިބާއި 19 ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެކަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ މުގައްރިއާއި ނައިބް މުގައްރިރު ހޮވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރީ ސިޔާސީ މަގާމްތަކުގައި ނަޒާހަތްތެރި މީހުން ބަހައްޓަން ޖެހޭނެކަމަށް ބުނެ ކަމަށެވެ.
އޭސީސީން ވަޒީރުންގެ ވަނަވަރު ހޯދާނީ "އަމާ ބުނީތީ ފަރަށް ދާ އުސޫލުން" ނޫންކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ އެކަން ކުރަންޖެހޭނީ ރައްޔިތުންނަށް ގަބޫލުކުރެވޭ ފެންވަރެއްގައި ވަޒީރުންނަށް ވަކިވަކިން މާކްސް ދެވިގެން ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުން ނަމެއް ފޮނުވުމުން އެ ނަމަށް ރުހުން ދޭން ޖެހޭ ގޮތް ދޫކޮށްލަން ޖެހޭ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު މި ހުށަހަޅަނީ އެންޓި ކަރޮޕްޝަން ކޮމިޝަނަށް މައުލޫމާތު ސާފު ކުރުމަށް ހުށަހަޅަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފްގެ ހުށަހެޅުމަށް ތާއިދު ކުރައްވައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު އަލީ ހުސައިން ވިދާޅުވީ، އޭސީސީގެ އިތުރުން އިކޮނަމިކް މިނިސްޓްރީންވެސް ވަޒީރުން އައްޔަނުކުރުމާ ހަމައަށް އެބޭފުޅުންގެ ވިޔަފާރީތަކާއި ގުޅޭ މުއާމަލާތްތައް ހުރީ ކިހިނެއްތޯ ސާފުކުރަންޖެހޭ ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރަކީ އޭރުގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިބި ފަރާތްތަކަށް މަނީ ލޯންޑްރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ފަސް އަހަރުކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، މިހާރު ތިބި ވަޒީރުންގެ ފަތިފުށް ސިއްރު ޑޮކިއުމެންޓެއްގެ ގޮތުގައި ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހޯދަންޖެހޭ ކަމަށެވެ.
"މިކަން ކޮންމެހެން އަވަސް އަރުވާލާފައި ހަމައެކަނި އަޅުގަނޑުމެން ބޭނުންވާ މަދު ތަނަކުން އެކަން ގެނެސް، ކޮންމެހެން އެންޑޯޒްކޮށް ރުހުން ދޭން ނުޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.
އެހެން ނަމަވެސް އެ ހުށަހެޅުމަށް މިއަދުގެ ބައްދަލުވުމުގައި ވޯޓަށް އަހާފައެއް ނުވެއެވެ. އަދި ބެލެވޭ ގޮތުގައި ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި އެ ހުށަހެޅުމަށް ވޯޓަށް އަހާނެއެވެ.