ސިއްދީގަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ހޯމްމިނިސްޓަރީގެ ޑެޕިއުޓީ މިިނިސްޓަރު ސިއްދީގު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގަށް ކްރިމިނަލްކޯޓް ސަރަހައްދުން ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ސިއްދީގަށް ހަމަލާދީފައި ވަނީ މިއަދު ހެނދުނު ކްރިމިނަލް ކޯޓު ސަރަހައްދުންނެވެ. ސިއްދީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓު ސަރަހައްދުން އޭނާ އަށް ހަމަލާދީ މާރާމާރި ހިންގާ ގައިން "ލޭދުއްވާލައިފި" ކަމަށެވެ.

ސިއްދީގު ވިދާޅުވީ އަދި ވެސް ހަމަލާދޭނެ ކަމަށް ފުލުސް އޮފިސަރުގެ ކުރިމަތީ، ހަމަލާދިން މީހާ ބުނެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓު ސަރަހައްދުން މާރާމާރިއެއް ހިންގި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އޭނާ އަށް ހަމަލާދިނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ނަމަވެސް ސިއްދީގު ފާހަގަކުރެވެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހުގެ ސަރުކާރަށް އެންމެ ފާޅުކޮށް ފާޑުވިދާޅުވަމުން ގެންދަވަނީ ވެސް ސިއްދީގެވެ.

ސިއްދީގަށް ހަމަލާދިން މައްސަލަ ކުށްވެރިކޮށް ޕީޕީއެމް އިން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ސިއްދީގަށް ހަމަލާދިނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމަކީ އަދި ސަރުކާރަށް ފާޑުކިޔުމަކީ ގާނޫނީ ހައްގެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

comment ކޮމެންޓް