ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ވީޑިއޯތަކެއް ޑިލީޓުކޮށްލި މައްސަލައެއްގައި ޕީއެސްއެމްގެ ޓީވީއެމް ޗެނަލް ހިންގާ އިމާރާތުގައި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ ފޮރެންސިކް ޓީމު މިއަދު ހެނދުނުން ފެށިގެން ޓީވީއެމްގައި ހަރަކާތްތެރިވަމުން ދަނީ 2018 ވަނަ އަހަރުގެ ހުރިހާ އިވެންޓެއްގެ ވީޑިއޯ، އޯޑިއޯ އަދި ފޮޓޯތައް ސޭވްކޮށްފައި ހުރި ފޯލްޑާއެއް ޑިލީޓުކޮށްލާފައި ވާތީއެވެ.
"[ޑެއިލީ އިވެންޓްސް ފޯލްޑާ] އިންނާނީ އެޑިޓިންގް ބޫތުގައި އިންނަ ސިސްޓަމްގައި. ފޯލްޑާ ޑިލީޓްކޮށްލާފައި އިނީ ވީއައިޕީ އެޑިޓިން ބޫތުން. އެ ބޫތަކީ ދައުލަތުގެ ވެރިންނާއި ރައީސްގެ އެއްޗެހި އެޑިޓްކުރަން ހާއްސަ ބޫތެއް." ޕީއެސްއެމްގެ ނިއުސްރޫމުގައި މަސައްކަތްކުރާ މުވައްޒަފަކު "ސަން"އަށް ބުންޏެވެ.
ފޯލްޑާ ޑިލީޓްކޮށްލި އިރު އެޑިޓިންގް ބޫތާ ދިމާލުގައި އިން ސީސީޓީވީ ކެމެރާ ވަނީ ހަލާކުވެފައި ކަމަށް އެ މުވައްޒަފު ބުންޏެވެ. ފޯލްޑާ ޑިލީޓްކޮށްލިކަމަށް ލަފާ ކުރެވެނީ ރޭގެ ވަގުތެއްގައި ކަމަށް އޭނާ ބުންޏެވެ.
އެ އެޑިޓިންގް ބޫތަށް އެކްސެސްވެވޭނީ ހަމައެކަނި ޕީއެސްއެމްގެ ނިއުސްރޫމުގެ މުވައްޒަފުންނަށް ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ ކުރިންވެސް އެޑިޓިން ބޫތުގައި ބާއްވާފައި އޮތް އާކައިވް ކުރާ ހާޑެއް ގެއްލިފައިވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.
އޭރު އެ ހާޑު ގެއްލިފައިވަނީ ވެރިންގެ އެނގުމަށް ބަދަލެއް ގެންނަން ކަމަށް ބުނެ ސީސީޓީވީ ކެމެރާ ނެގިތާ އެއް ދުވަސް ފަހުން ކަމަށްވެސް އެ މުވައްޒަފު ބުންޏެވެ.