ކޮރަޕްޝަންގެ ކުށް ސާބިތުވި ފިލިޕީންސްގެ ކުރީގެ ފަސްޓް ލޭޑީ ހައްޔަރު ކުރުން ލަސްކޮށްފި

އިމެލްޑާ މާކޯސްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެފައި -- ފޮޓޯ: އޭޕީ

މެނީލާ (ނޮވެމްބަރު 16): މިދިޔަ ހަފްތާގައި ކޮރަޕްޝަނުގެ ކުށް ސާބިތުވި ފިލިޕީންސްގެ ކުރީގެ ފަސްޓް ލޭޑީ އިމެލްޑާ މާކޯސް ހައްޔަރު ކުރުން ލަސްކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު، 89 އަހަރުގެ މާކޯސްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ހަތް މައްސަލައެއް ސާބިތުވެފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ އޭގެއިން ކޮންމެ މައްސަލައަކަށް ހަ އަހަރާއި 11 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން އަމުރުކޮށްފަ އެވެ.

ނަމަވެސް އެހުކުމް ކުރިތާ ހަފްތާއެއްވީ އިރުވެސް މާކޯސް ހައްޔަރު ކުރުމުގެ އަމުރެއް އެންޓި-ކޮރަޕްޝަން ކޯޓުން ނުނެރެ އެވެ. އަދި މިއަދު ކޯޓުން ވަނީ ކަފާލާތުގެ ގޮތުގައި މާކޯސް ދެއްކި 7،400 ޑޮލަރު ގަބޫލުކޮށް، އޭނާ ހައްޔަރު ކުރުން ލަސްކޮށްފަ އެވެ.

މާކޯސްގެ ވަކީލުން ވަނީ މިދިޔަ ހުކުރު ދުވަހު އޭނާއަށް ކޯޓަށް ހާޒިރު ނުވެވުނީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަދު މާކޯސް ވިދާޅުވި ގޮތުގައި އެދުވަހު އޭނާގެ މައްޗަށް ހުކުމް ކުރިކަންވެސް އެނގި ނުލައްވަ އެވެ.

މާކޯސްގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް އޭނާގެ ވަކީލުން ވިދާޅުވި އެވެ.

ފިލިޕީންސްގައި 21 އަހަރުވަންދެން ވެރިކަން ކުރެއްވި ފާޑިނަންޑް މާކޯސް ވެރިކަމުން ދުރުކުރީ އެގައުމުގެ ރައްޔިތުން ތެދުވެ އެވެ. އޭނާގެ ވެރިކަމުގައި އެއާއިލާއިން އިންސާނީ ހައްގުތަކަށް އަރައި ގަނެ، ކޮރަޕްޝަނުގެ ގިނަ އަމަލުތައް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މާކޯސް ވެރިކަމުން ދުރުކުރުމުން އެއާއިލާ ބަދަލުވީ ހަވާއީއަށެވެ. ނަމަވެސް އޭނާ އަވަހާރަވުމުން މާކޯސް އާއިލާގެ މެމްބަރުން ވަނީ އެނބުރި ގައުމަށް ގޮސް، ސިޔާސީ މަގާމުތަކަށް ވާދަ ކޮށްފަ އެވެ. އެގޮތުން އިމެލްޑާ މާކޯސްއަކީވެސް ފިލިޕީންސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

comment ކޮމެންޓް