ހުރިހާ ޕާޓީއަކުން އެއް ކެންޑިޑޭޓެއް ނެރުނަސް އެއްޗެއް ހިތަކަށް ނާރާ: އަޒުލީން

ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ޕީޕީއެމް ޖަލްސާއެއްގަިއ ވާހަކަފުޅު ދައްކަވަނީ --- ސަންފައިލް ފޮޓޯ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުނަސް އެއްވެސް ހިތަށް ނާރާ ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އަޒުލީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ދެ ކެންޑިޑޭޓަކު ނެރުނަސް މައްސަލައެއް ނެތް ކަމަށެވެ.

އަޒުލީން ވިދާޅުވީ ގައުމާ މެދު އެހާ ޒިންމާދާރުކަން ކުޑަގޮތަކަށް ވާހަކަ ދައްކާ ބަޔަކަށް އެއް ކެންޑިޑޭޓަކު ނެރެގެން ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.

"މިބައި މީހުންގެ ޒިންމާދާރުކަން ކުޑަކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. މިބައި މީހުން ވާހަކަ ދެއްކުމުގައިވެސް އެންމެ ފުރަތަމަ ގައުމު އިސްކުރެވޭ ތަނެއް ނާދޭ. އަބަދުވެސް މިފެންނަނީ މަގުމަތި ހަލަބޮލި ކޮށްގެން ކޮންމެސް ކަހަލަ ނޭއްގާނީ އަމަލެއް ހިންގުމަށް ހިތްވަރުދޭތަން މި ފެންނަނީ،" އަޒުލީން ވިދާޅުވި އެވެ.

އަޒުލީން ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދުތައް ސައްތައިސައްތަ ފުއްދައިގެން ރައްޔިތުން ކުރިމައްޗަށް އަނެއްކާ ނުކުންނަ ސަރުކާރު ރައީސް ޔާމީން ސަރުކާރު ނޫނީ ނޯންނާނެ ކަމަށެވެ. އެހެންވީމަ ރިޔާސީ އިންތިހާބާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އަޒުލީން ވިދާޅުވި އެވެ.

"އެބޭފުޅުން ހުރިހާއެންމެން ވެގެން އެއް ކެންޑިޑޭޓަކު ނެރުނަސް އަޅުގަނޑުމެން ހިތަކަށް ނާރާ އެއްވެސް އެއްޗެކޭ،" އަޒުލީން ވިދާޅުވި އެވެ.

އަޒުލީން ވިދާޅުވީ އިދިކޮޅުގައި ތިބީ ރައްޔިތުން ޓެސްޓްކުރަން ހަވާލު ކުރި ޒިންމާތަކުން ފެއިލްވެފައި ތިބި މީހުން ކަމަށެވެ. އަދި އެމީހުންނަކީ ރައްޔިތުން "ނޫނެކޭ" "ނޯއޭ" ވިދާޅުވެފައި ތިބި ބައެއް ކަމަށްވެސް އަޒުލީން ވިދާޅުވި އެވެ.

"މީގެ 30 ހަކަށް އަހަރު ކުރިން ވެރިކަން ކުރެއްވި ބޭފުޅާއިން ފެށިގެން އެފަހުން ރައީސްކަން ކުރެއްވި ދެ ބޭފުޅަކު ހިމެނި ވަޑައިގަންވާ ގޮތަށް ކޯލިޝަނެއް ހައްދަވައިގެން އުޅުއްވަނީ. އެދެބޭފުޅުންނަށްވެސް އެއްގަލަކަށް އެރޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ދެން ކިހިނެތްތޯ އެއް ކެންޑިޑޭޓަކު އަންނަނީ،" އަޒުލީން ވިދާޅުވި އެވެ.

އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށް އަޒުލީން ވިދާޅުވި އެވެ. އަދި އެއަށްފަހު ރައްޔިތުން ހީވެސް ނުކުރާ ފަދަ " ފޮނި މީރުކަން" ގެނެސް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

comment ކޮމެންޓް