ފްލައިޓަކުން ތަންމަކުނު ފެނި، ފުރުން ހަތަރު ގަޑިއިރަށް ލަސްވެއްޖެ

ބްރިޓިޝް އެއާވޭސްގެ ބޯޓެއް ---

ފުރަން ތައްޔާރުވެފައި އޮތް ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓަކުން ތަންމަކުނުތަކެއް ފެނި، އެ ފްލައިޓު ފުރުން ހަތަރު ގަޑިއިރަށް ލަސްވެއްޖެ އެވެ.

އިނގިރޭސިވިލާތުން އެފްރިކާގެ ގާނާއަށް ދަތުރުކުރަން ތައްޔާރުވެފައި އޮތް ފްލައިޓުން ތަންމަކުނު ފެނުނީ، އެ ފްލައިޓުގެ ކެބިން ކްރޫއިންނަށެވެ. ކްރޫރިންނަށް ތަންމަކުނުތައް ފެނިފައި ވަނީ، ބޯޓުގެ ސީޓުތަކުންނެވެ.

އިނގިރޭސިވިލާތުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓުން ތަންމަކުނު ފެނުނީ ބޯޓު ނައްޓާލަން ތައްޔާރުވަމުން ދަނިކޮށެވެ. އެތަކެތި ފެނުމާ އެކު، ފަސިންޖަރުން ބޯޓުގައި ބައިތިއްބާފައި ބޯޓުގެ ކްރޫއިން ބޯޓުން ފޭބީ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.

"ކްރޫއިން ބުނީ އެ ހާލަތުގައި އޮތް ބޯޓެއްގައި މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް،" ބޯޓުގައި އެވަގުތު ހުރި މީހަކު އިނގިރޭސިވިލާތުގެ "ދަ ސަން"އަށް ބުންޏެވެ.

ބޯޓުން ތަންމަކުނު ފެނި، ބޯޓުގެ ކްރޫއިން ބޯޓު ދޫކޮށް ދިއުމުން، ގާނާއަށް ދަތުރުކުރުމަށް އޮތް އެ ފްލައިޓު ވަނީ ހަތަރު ގަޑިއިރަށް ލަސްވެފަ އެވެ.

އެހެން ނަމަވެސް އެ އެއާލައިނުގެ އެހެން ބޯޓެއް ހޯދައިގެން ފަހުން ވަނީ ގާނާއަށް ކުރާ ދަތުރު ކުރިޔަށް ގެންގޮސްފަ އެވެ.

ބްރިޓިޝް އެއާވޭސްގެ ތަރުޖަމާނަކު ޔާހޫ ނިއުސް ޔޫކޭއަށް ވިދާޅުވި ގޮތުގައި، ބޯޓަށް ދިމާވެފައިވާ ހާލަތު އެނގުމާ އެކު ޚިދުމަތް ދިނުމުން ފްލައިޓު އެއްފަރާތްކޮށް، ތަންމަކުނު ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް