ބޯކޯހަރާމުގެ ބަޔަކު އިސްލާހު ކުރުމަށްފަހު މުޖުތަމައަށް ދޫކޮށްލައިފި

ބޮކޯހަރާމްގެ އަތްދަށުން ސަލާމަތްވެފައިވާ އަންހެނުންތަކެއް.ބޮކޯހަރަމްގެ މެމްބަރުންކަމަށް ޝައްކުކުރެވިެގން ހައްުޔަރުކުރި ބަޔަކު، އިސްލާހުވަމުން ވަނީ ދޫކޮށްލައިފައި --- ފޮޓޯ/އަނަޑަލޫ އެޖެންސީ

ނައިޖީރިއާގެ ބޯކޯހަރާމް ޖަމާއަތުގެ މެމްބަރުންކަމަށް ޝައްކު ކުރެވިގެން ހައްޔަރުކުރި ބަޔަކު، އިސްލާހުކުރުމަށްފަހު މުޖުތަމައުގެ ތެރެއަށް އަނބުރާ ދޫކޮށްލައިފިއެވެ.

ނައިޖީރިއާގެ ސަރުކާރުން ބުނީ ހައްޔަރުކުރި 244 މީހުން ދޫކޮށްލައިފައިވަނީ އެމީހުން އިސްލާހުކުރުމަށް ހިންގި ޕްރޮގްރާމަކުން ފާސްވުމުން ކަމަށެވެ.

ނައިޖީރިއާގެ އަސްކަރިއްޔާއިން މި މީހުން ދޫކޮށްލީ އެގައުމުގެ ދާޚިލީ ހަނގުރާމަ ނިމުމުގެ ހަނދާނުގައި ފާހަގަކުރާ އާމްޑް ފޯސެސް ރިމެމްބްރަންސް ޑޭއާ ގުޅިގެންނެވެ.

މީގެ ކުރިންވެސް ބޮކޯހަރާމްގެ މެމްބަރުން ނުވަތަ ބޯކޯހަރާމްގެ މެމްބަރުން ކަމަށް ޝައްކުކުރެވޭ މީހުން ހައްޔަރުކޮށް، އިސްލާހުކުރުމަށްފަހު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައިވެއެވެ. އެހެން ނަމަވެސް މިއީ މިފަދައިން އެއްފަހަރާ އެންމެ ގިނަ ބަޔަކު ދޫކޮށްލި ފަހަރެވެ.

"މި މީހުން މިވަނީ މުޖުތަމައުގެ ތެރެއަށް އަލުން ދޫކޮށްލުމަށްޓަކައި އިސްލާހު ކުރެވިފައި. މި މީހުން ހަވާލުކުރެވޭނީ ނައިޖީރިއާގެ ބޯނޯ ސްޓޭޓު ސަރުކާރާ،" ނައިޖީރިއާ އަސްކަރިއްޔާގެ މޭޖަރ ޖެނެރަލް ނިކޮލަސް ރޮޖާސް ވިދާޅުވިއެވެ.

ބޮކޯހަރާމްއާ ގުޅުންހުރި ބަޔަކު ދޫކޮށްލާފައިވާ މި ދަނޑިވަޅަކީ، 2014 ވަނަ އަހަރު ބޮކޯހަރާމްއިން ރަހީނުކުރި އަންހެން ކުދިންތަކެއް ފެންނަ ވީޑިއޯއެއް އާންމުކޮށްފައިވާ ދަނޑިވަޅެކެވެ.

ރަހީނުކުރި ބައެއް ކުދިން، ނައިޖީރިއާގެ ސިފައިންގެ މަސައްކަތުން ސަލާމަތްކޮށްފައިވާ އިރު، ބައެއް ކުދިން އަދިވެސް ބޮކޯހަރާމްގެ އަތްދަށުގައި އެބަ ތިއްބެވެ.

މީގެ އަށް އަހަރު ކުރިން ފެށިގެން ބޮކޯހަރާމުން ދޭތެރެ ދޭތެރެއިން ދެމުން އައި ހަމަލާތަކުގައި މިހާތަނަށް 20،000 މީހުން ވަނީ މަރުވެފައެވެ. ބޯކޯހަރާމުން މަސައްކަތްކުރަމުންދަނީ އެގައުމުގައި އިސްލާމީ ޚިލާފަތެއް ގާއިމުކުރުމަށެވެ.

comment ކޮމެންޓް