ބޯކޯ ހަރާމް އިން ރަހީނުކުރި އަންހެން ކުދިންތަކެއްގެ ވީޑިއޯ އާންމުކޮށްފި

ނައިޖީރިއާގެ އިރުއުތުުރުގެ ޗިބޮކްގައި ހުންނަ ސަރަހައްދަކުން ބޯކޯ ހަރާމުން ވަގަށް ނަގާފައިވާ އަންހެންކުދިންތަކެއްގެ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް އެ ޖަމާއަތުން އާންމުކޮށްފި އެވެ.

އެ ވީޑިއޯ އިން ފެންނަނީ ނައިޖީރިއާގެ ސަރުކާރު ސްކޫލެއްގައި ކިޔަވާ 276 އަންހެން ކުދިންނެވެ.

އެކުދިން ރަހީނުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޭޕްރިލްގަ އެވެ. އެ 276 ކުދިންގެ ތެރެއިން ބައެއް ކުދިން ސަލާމަތްވެފައިވާ އިރު ބޯކޯހަރާމް އިން ވަނީ އެމީހުން އަމިއްލަ އަށް ވެސް އޭގެ ތެރެއިން ބައެއް ކުދިން ދޫކޮށްލައިފަ އެވެ. އަދި ވެސް 100 ވަރަކަށް ކުދިން ބޯކޯ ހަރާމްގެ ބާރުގެ ދަށުގައި އެބަތިބި ކަމަށް ހަބަރުތައް ބުނެ އެވެ.

މިނިވަންވި ކުދިން މިނިވަންކޮށްފައި ވަނީ ނައިޖީރިއާގެ ފުލުހުން ހައްޔަރުކޮށްފައިވާ ބައެއް ހަނގުރާމަވެރިން މިނިވަން ކުރާނެ ކަމަށް ބުނެ އެގައުމުގެ ސަރުކާރުން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

ބޯކޯ ހަރާމުން އާންމު ކުރި ވީޑިއޯގައި އެއް ކުއްޖަކު ބުނާ ގޮތުން އެމީހުން އެތަނުން ސަލާމަތް ވާނެ ކަމުގެ އުއްމީދެއް ނެތެވެ. ނަމަވެސް ބޯކޯ ހަރާމުގެ މީހުންނާ އެކު އެކުދިން ތިބީ އުފަލުން ކަމަށާއި އެއްވެސް ދައްޗެއް ނެތްކަމަށް ވެސް އެ ވީޑިއޯގައި ބުނެ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުން ބައެއް ކުދިން ތިބީ ތުއްތު ކުދިން އުރައިގެންނެވެ. އެ ވީޑިއޯގެ ސައްހަކަން ޔަގީން ނުކުރެވޭ ކަމަށް އަލްޖަޒީރާ ބުނެ އެވެ.

ބޯކޯ ހަރާމް އިން އެފަދަ ވީޑިއޯއެއް އާންމު ކުރީ އެ ޖަމާއަތަކީ އަދި ވެސް ބާރު ހުރި ޖަމާއަތެއްކަން ދެއްކުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ނައިޖީރިއާގެ އިރު އުތުރުގައި 'އިސްލާމީ ހިލާފަތެއް' އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބޯކޯ ހަރާމުން ވަނީ 20000 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ.

comment ކޮމެންޓް