ވޭލްސް ގައުމީޓީމުގެ ކޯޗަކަށް ގިގްސް ހަމަޖައްސައިފި

ރަވޭލްސް ގައުމީ ޓީމުގެ އައު ކޯޗު ގިގްސް -- ފޮޓޯ: ގެޓީ

ވޭލްސް ގައުމީ ޓީމުގެ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރަޔާން ގިގްސް ހަމަޖައްސައިފިއެވެ.

ވޭލްސްއަށް ނިސްބަތްވާ ފުޓުބޯޅަ ތަރި ރަޔަން ގިގްސް، އެގައުމުގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ވޭލްސްގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ކުރިންހުރި ކްރިސް ކޯލްމަންވަނީ ނޮވެމްބަރު މަހު ސަންޑަލޭންޑްގެ ކޯޗު ކަމާ ހަވާލުވެފައެވެ.

މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްނުދެވުމާއެކު ކޯލްމަން އެ މަގާމުން ދުރުކޮށްފައިވާއިރު، ގިގްސްއާއެކު ވޭލްސްގެ ގައުމީ ޓީމުގެ ކޯޗު ކަމަށް އިންޓަވިއު ކޮށްފައިވަނީ އެގައުމުގެ ގައުމީ ޓީމަށް 78 މެޗު ކުޅެދީފައިވާ ކްރެގް ބެލަމީގެ އިތުރުން ކުރިން ގައުމީ ޓީމުގެ ކޯޗުކަންކުރި ކޯލްމަންގެ އެސިސްޓެންޓް ކޯޗު ރޮބާޓްސްއާއެވެ. ބެލަމީއަކީ މިހާރު އޭނާގެ ކްލަބު ކެރިއަރު ފެށި ބްލެކްބާން ރޯވާސްގެ އެކަޑެމީ ކޯޗެކެވެ.

ވޭލްސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު ގިގްސް ބުނީ އެންމެ ބޮޑު ޗެލެންޖަކީ 2020 ވަނަ އަހަރުގެ ޔޫރޯއަށް ޓީމު ކޮލިފައިކޮށްދިނުން ކަމަށާއި، ޓީމާއެކު މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ގިގްސްގެ ކްލަބު ކެރިއަރު އެއްކޮށް ހޭދަކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގައެވެ. އޭނާވަނީ އެ ކްލަބަށް 963 މެޗު ކުޅެދީ 168 ގޯލް ޖަހައިދީފައެވެ. ވޭލްސްގެ ގައުމީ ޓީމަށް 64 މެޗު ކުޅެދީފައިވާ ގިގްސް ކޯޗެއްގެ ގޮތުންވެސް މީގެކުރިން ފެނިގެން ގޮސްފައިވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. 2014 ވަނަ އަހަރުގެ ސީޒަންގައި ގިގްސް ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ ގޮތުން ހަތަރު މެޗުގައި އިރުޝާދު ދީފައެވެ.

މީގެ ކުރިން ގިގްސްވަނީ ވޭލްސްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އޭނާ ޝައުގުވެރިވާކަންވެސް ހާމަކޮށްފައެވެ.

comment ކޮމެންޓް