ހަނިމާދޫގައި އާދަޔާޚިލާފަށް ޑެންގީ ފެތުރެނީ

ހަނިމާދޫ---

ހދ. ހަނިމާދޫގައި އާދަޔާޚިލާފަށް ޑެންގީ ހުން ފެތުރެމުންދާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ "ސަން" އަށް ވިދާޅުވީ ފާއިތުވި ޑިސެމްބަރު މަހުގެ ފަހުކޮޅުވެސް އެރަށުގައި އާދަޔާޚިލާފަށް ޑެންގީ ފެތުރުނު ކަމަށެވެ. އޭރު ކައުންސިލުން އިސްނަގައިގެން ސިއްހީ މަރުކަޒާ ގުޅިގެން ރަށުތެރެއަށް ފޮގްކޮށްހެދި ކަމަށާއި ގޭގޭގައި ފެން ހެދޭނެހެން ހުންނަ ތަންތަން ނައްތާލުމަށް ޚާއްސަ ޕްރޮގްރާމެއްވެސް ހިންގި ކަމަށެވެ.

ޑިސެމްބަރު މަހު ހުން ފެތުރުނު އިރު ދެ މީހަކު ހާލު ސީރިއަސްވެ މާލެ ފޮނުވާލި ކަމަށާއި އެތަނުން އެކަކު އަދިވެސް ހޮސްޕިޓަލުން ފަރުވާ ހޯދާކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އަނެއްކާވެސް ޖެނުއަރީ މަހު ޑެންގީ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެވްރެޖްކޮށް ދުވާލަކު ޑެންގީ ހުމުގެ ފަސް ކޭސް ރިޕޯޓުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް އަށް މީހަކު ވަނީ އެޑްމިޓް ކުރެވިފަ. ހެލްތް ސެންޓަރުގައި ހުންނަނީ އަށް އެނދު. ވަސީލަތްތައް ނެތީމަ އިތުރު އެނދު ބަހައްޓައިގެންވެސް ފަރުވާ ދެވޭކަށް ނެތް. އެހެންވެ ގެއަށް ފޮނުވާލަނި. ޑެންގީ އަށް ޓެސްޓް ކުރަން ބޭނުން ކުރާ ކިޓްވެސް ހުސްވެފައިވާކަމަށް މައުލޫމާތު ލިބެނީ. ހެލްތް ސެންޓަރުން ބުނަނީ މިހާރު ރިކުއެސްޓް ކޮށްފައިވާކަމަށް،" އަބްދުއްސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ ބައެއް މީހުން ހާލު ބޮޑުވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް ފޮނުވާލާ ކަމަށެވެ.

މިކަމާ ގުޅިގެން ހަނިމާދޫ ސިއްހީ މަރުކަޒަށް ގުޅާލުމުން ބުނީ އެތަނުގައި މީޑިއާ އަށް މައުލޫމާތު ދޭނެ އިންފޮމެޝަން އޮފިސަރެއް ނުހުންނަކަމަށެވެ. އެހެންކަމުން އެ ސިއްހީ މަރުކަޒުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ޑެންގީއަށް ރައްޔިތުން ހޭލުންތެރިކުރުމަށް މިހާރުވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަޑުގަދަކުރާ ބޭނުންކޮށްގެން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ ސްކޫލު ކުދިން ހޭލުންތެރި ކުރުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަދި މާދަމާ އިން ފެށިގެން އަނެއްކާވެސް ރަށުތެރެ ފޮގް ކޮށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިގެން މަދިރި އުފެދޭ ތަންތަން ނައްތައިލުމަށް މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ޑެންގީހުން ފެރުތުން އިތުރުވާނެ ދުވަސްވަރެއް ކަމަށް ލަފާކުރެވޭތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މަދިިރި ހެފުމުން ރައްކާތެރިވެ، މަދިރި ނައްތާލުމަށް މަސައްކަތް ކުރުމަށް އެ އެޖެންސީ އިންވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެއެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް