ބޮޑު ތަފާތަކުން މެޓްރިކްސް ބަލިކޮށް މަހިބަދޫ ސެމީއަށް

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މަހިބަދޫގެ އީމާ --- ފޮޓޯ/ނެޓްބޯޅަ އެސޯސިއޭޝަން

ގައުމީ ނެޓްބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކްލަބުން ކުޅުނު ދެވަނަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ކްލަބު މެޓްރިކްސް ބަލިކޮށް، މަހިބަދޫއިން ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެވެށީ ކޯޓުގައި ރޭ ކުޅުނު މެޗު މަހިބަދޫއިން ކާމިޔާބުކުރީ 97-6 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަހިބަދޫ ސްޕޯޓްސް ކްލަބުގެ އީމާ އަބްދުލްސައްތާރެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ މަހިބަދޫއިން ސެމީއަށް ދަތުރުކޮށްފައިވާ އިރު، އެ ޓީމަކީ ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމެވެ. މި ގްރޫޕުން ދެން ސެމީއަށް ދަތުރުކުރާ ޓީމެއް އެނގޭނީ މާދަމާރޭ ވިޔަންސާއާއި މެޓްރިކްސް ވާދަކުރާ މެޗުންނެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް އެކެއްގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ރެޑްލައިން ސިޓީއާއި ރެޑްލައިން ކްލަބެވެ. މިއީ ރެޑްލައިން ސިޓީގެ ފުރަތަމަ މެޗެވެ. ރެޑްލައިން ކްލަބުން ގުރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ލޮރެންޒޯ ބަލިކޮށްފައިވުމުން މި މެޗުން މޮޅުވެ ސެމީގެ ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ރެޑްލައިނަށް އެބައޮތެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ހަ ޓީމެވެ. ދެ ގްރޫޕަކަށް ބަހައިލައިގެން މުބާރާތް ކުރިއަށްގެންދާ އިރު، ކޮންމެ ގްރޫޕަކުންވެސް ދެ ޓީމު ސެމީއަށް ދަތުރު ކުރާނެއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.

comment ކޮމެންޓް