"މައިލްސް ފޯ ސްމައިލްސް" ދުވުމުގައި ހެލްތު މިނިސްޓަރު ވެސް ބައިވެރިވެވަޑައިގަންނަވާނެ

ހެލްތު މިނިސްޓަރު ނާޒިމް 'މައިލްސް ފޯ ސްމައިލްސް'ގެ ޓީޝާޓާ ހަވާލުވެލައްވަނީ --- ފޮޓޯ/ ސްޕޯޓްސް ކޯޕަރޭޝަން

ސްޕޯޓްސް ކޯޕަރޭޝަނުން ބާއްވާ "މައިލްސް ފޯ ސްމައިލްސް" ޗެރިޓީ ދުވުމުގައި ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

"މައިލްސް ފޯ ސްމައިލްސް" ދުވުން ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުގެ 4:30 އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:30އާ ހަމައަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގަ އެވެ.

ސައުވީސް ގަޑިއިރަށް ކުރިއަށްދާ "މައިލްސް ފޯ ސްމައިލްސް" ޗެރިޓީ ދުވުމުގައި ގިނަ ފަރާތްތަކަކުން ދަނީ ބައިވެރުވަމުންނެވެ. އެގޮތުން ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އާއި މޯލްޑިވިއަން އައިޑޮލްއިން ފެނިގެން ދިޔަ މުހައްމަދު ޒަލީފްގެ އިތުރުން މަޝްހޫރު ގިނަ ބަޔަކު އެ ދުވުމުގައި ބައިވެރިވާނެ ކަމަށް ދުވުން އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.

ސްވިމިން ރެކޯޑު ހޯލްޑަރު ސަޖަން ޝާހިދުގެ އިތުރުން ޗެސް ފެޑަރޭޝަންގެ ބައިވެރިނާއި މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަން، ބެޑްމިނަޓަން އެސޯސިއޭޝަން، ބާސްކެޓް ބޯޅަ އެސޯސިއޭޝަން އަދި ވޮލީ ބޯޅަ އެސޯސިއޭޝަންގެ މެމްބަރުން ވެސް "މައިލްސް ފޯ ސްމައިލްސް"ގައި ދުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ވެސް ގޭމާސް އެސޯސިއޭޝަނާއި މޯލްޑިވްސް ޗެސް ފެޑަރޭޝަން، ބައިކް މޯލްޑިވްސް، މާޝިއަލް އާޓް މޯލްޑިވްސް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ މެމްބަރުން ވެސް އެ ދުވުމުގައި ދުވުމަށް ހަމަޖެހިފައިވާ އިރު، ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ.

"މައިލްސް ފޯ ސްމައިލްސް"ގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައި ވަނީ އިބްރާހިމް ސާއިދު އަލީއެވެ. ސާއިދަކީ ދިގު ދުވުންތައް ދުވުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު ދުވުންތެރިއެކެވެ. އެ ދުވުމުގައި ދެން ދުވާ މީހުންނަކީ ސާއިދުއަށް ހިތްވަރު ދިނުމުގެ ގޮތުން ދުވާ ބައެކެވެ.

މައިލްސް ފޯ ސްމައިލްސްއަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ 'ލެޓްސް ޕްލޭ" ކެމްޕެއިންއަށް ފަންޑު ހޯދުމަށް ކުރިއަށްގެންދާ ޗެރީޓީ ދުވުމެކެވެ. އެދުވުމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް