ސާއިދު ހުސްފައިގައި ދުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްޓަކައި!

ޖެނުއަރީ 20، 2018: ސާއިދު ހުސްފައިގައި 24 ގަޑިއިރު ދުވެ، 'މައިލްސް ފޯ ސްމައިލްސް' ރަން ނިންމާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން 24 ގަޑިއިރު ވެގެންދިޔައީ ދިގު ދުވުންތަކުގައި މަޝްހޫރުކަން ހޯދަމުންދާ އިބްރާހިމް ސާއިދު އަލީއަށް ވަރަށް ހާއްސަ ތަޖުރިބާއަކަށެވެ. ސާއިދުގެ އެ ދަތުރަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްޓަކައި ފުރިހަމަކުރި ދަތުރެކެވެ. ހުސްފައިގައި 24 ގަޑިއިރުގެ ދުވުން ސާއިދަށް ފުރިހަމަވެގެންދިޔައީ އެ ކުދިންގެ ފަރާތުން ލިބުނު ހިތްވަރުންނެވެ.

ހުސްފައިގައި 24 ގަޑިއިރުގެ ދުވުމެއް ފުރިހަމަކުރުމަކީ އާންމުކޮށް ދުވުންތެރިން ވަރަށް ނުކުރާ ކަމެކެވެ. އެތުލީޓުން ހުސްފައިގައި 24 ގަޑިއިރުގެ ދުވުން ފުރިހަމަ ނުކުރަނީ އެކަމަކީ ވަރަށް ރިސްކު ވެސް ބޮޑު ކަމަކަށް ވާތީއެވެ. އެއީ އޭޝިއާގެ ގައުމުތަކުގައި އާ ކަމެކެވެ. ސާއިދުގެ އެ ދުވުން ނިންމުމާއެކު ސާއިދުގެ ނަން ވަނީ ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފައެވެ. އޭނާ ވެގެންދިޔައީ ހުސްފައިގައި 24 ގަޑިއުރުގެ ދުވުމެއް ފުރިހަމަކުރި ހަތަރުވަނަ އެތުލީޓަށެވެ.

ޖެނުއަރީ 20، 2018: ސާއިދު ހުސްފައިގައި 24 ގަޑިއިރު ދުވެ، 'މައިލްސް ފޯ ސްމައިލްސް' ރަން ނިންމާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސްފައިގައި ސާއިދުގެ އާ ތަޖުރިބާ ވަރަށް ކާމިޔާބު!

ސާއިދަށް ހުސްފައިގައި 24 ގަޑިއިރު ފުރިހަމަކުރުން ވެގެންދިޔައީ ވަރަށް އުނދަގޫ ތަޖުރިބާއަކަށެވެ. އޭނާއަކީ ކުރިން ހުސްފައިގައި ދުވެފަހުރި މީހެއް ނޫނެވެ. ހުސްފައިގައި ދުވުމަށް ފަރިތަކުރީ ވެސް ވަރަށް މަދު ދުވަސްކޮޅަކުއެވެ. އެކަމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އެންމެ ދެ ހަފްތާއެއްހާ ދުވަހުއެވެ. ދުވަން ފެށުމުގެ ކުރިން މައިލްސް ފޯ ސްމައިލްސް ދުވުން އިންތިޒާމްކުރި ސްޕޯޓްސް ކޯޕަރޭޝަނަށް ވެސް ސާއިދު ހުސްފައިގައި ދުވަން ނިންމިކަމެއް ނޭނގެއެވެ.

"އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް ހަތް ޕްރެކްޓިސްއެކޭ ބެއާފުޓްގައި ޖެހުނީ. އެކަމަކު މިކަމުގެ ބާވަތުން އަޅުގަނޑު ނެގި ޗެލެންޖެއް މިއީ. އަޅުގަނޑު ދުވަން ފެށި އިރުވެސް ސްޕޯޓްސް ކޯޕަރޭޝަނަކަށް ވެސް ނޭނގޭނެ އަޅުގަނޑު ހުސްފައިގައި ދުވާ ކަމެއް. އަޅުގަނޑު ހުސްފައިގައި ދުވާކަން އެނގޭނީ ކައި އަށާއި ކޯޕަރޭޝަންގައި ތިބި ދެ މުވައްޒަފަކަށް. އެކަން އޮތީ ވަރަށް ބޮޑު ސިއްރެއްގެ ގޮތުގައި،" ސަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ސާއިދު ބުންޏެވެ.

ޖެނުއަރީ 20، 2018: ސާއިދު ހުސްފައިގައި 24 ގަޑިއިރު ދުވެ، 'މައިލްސް ފޯ ސްމައިލްސް' ރަން ނިންމާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަޅުގަނޑުވެސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް ގަބޫލެއް ނުކުރެވޭ ނިމުމާ ހަމައަށް ވެސް ކޮމްޕްލީޓް ކުރެވޭނެ ކަމެއް. ވަރަށް އެހެންކަހަލަ ތަޖުރިބާއެއް އެއީ. ހީޓާއި، ޓްރެކުގައި ގާ ހުރުން."

މައިލްސް ފޯ ސްމައިލްސްގެ ކުރިން ސާއިދު ދުވި އެންމެ ދިގު ދުވުމަކީ މިނިވަން 50 ހަރަކާތެއްގެ ގޮތުގައި މީގެ ދެ އަހަރު ކުރިން ބޭއްވި ދުވުމުގައެވެ. އެ ދުވުމުގައި އަހްމަދު އާތިފް (އާތި) 24 ގަޑިއިރު ދުވި އިރު، ސާއިދު ވަނީ 55 ކިލޯމީޓަރުގެ ދުވުން ފުރިހަމަކޮށްފައެވެ. ދެން މުޅިން ވެސް ސާއިދު ދުވެފައިވަނީ ހާފް މެރަތަން އަދި މެރަތަން ދުވުންތަކުގައެވެ.

ސާއިދު ހުސްފައިގައި 24 ގަޑިއިރުގެ ދުވުން ފުރިހަމަކުރި ތަޖުރިބާ 'ސަން ސްޕޯޓްސް'އާ ހިއްސާކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހުސްފައިގައި ދުވަން ސާއިދަށް ހިޔާލުދިނީ ކައި!

ދިގު ދުވުމެއް، ހާއްސަކޮށް 24 ގަޑިއިރުގެ ދުވުމެއް ފުރިހަމަކުރުމަކީ ސާއިދު ވަރަށް ކުރީއްސުރެ ދެކެމުންދިޔަ ހުވަފެނެކެވެ. އަދި އެކަން މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ވެސް ހުސްފައިގައެވެ. ހުސްފައިގައި ދުވަން ސާއިދުއަށް ވިސްނައިދިން ފަރާތަކީ އޭނާގެ ޓްރޭނަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކައިޝާ ސަލީމް (ކައި) އެވެ.

"އަޅުގަނޑު މިކަމެއް ކުރަން އުޅެނިކޮށް، ކައިއާ މިދިމާވީ. ކައިއާ ދިމާވެގެން ކައި ބުނެފި ވާނެއޭ. އަޅުގަނޑު އެއްރޭ ޓެސްޓަކަށް ޓްރެކުގައި 24 ގަޑިއިރު ބޫޓުގައި ދުވަންވެގެން ޕްރެކްޓިސް ކުރިއިރު އާތީގެ އެކްސްޕީރިއަންސަށް ބަލާފައި ފައިގަ ފޮޅުލައިގެން މިކަހަލަ ކަންތައްތައް ވެފަ ހުރީމަ ހިތަށް އެރީ ކުޑަކޮށް ޗެކް ކޮށްލަން ބެއާފުޓްގައި ދުވެލާނީއޭ. ދުވިތަނާ ކައިއަށް އަޅުގަނޑު މި ފެންނަނީ. ފެނިގެން ކައި އަޅުގަނޑަށް އަންގައިފި، މިކަން ކުރެވޭނެއޭ. ހިނގާށޭ މިކަން ކުރަމާ. އެހިސާބުން ހަގީގަތުގައި ބެއާފުޓަށް މި ޗޭންޖުވީ،" އޭނާ ބުންޏެވެ.

"އޭރު އަޅުގަނޑު ބެއާފުޓްގައި ދުވާކަން ހާމަކޮށްފިއްޔާ އަޅުގަނޑަށް އެ ފުރުސަތެއް ހާއްސަކޮށް ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ ނުދެއްވާނެކަން އެނގޭ. ބެއާފުޓަކީ ދުނިޔޭގައި ވެސް އަޅުގަނޑަށް އެނގިފަ އޮތްގޮތުން ވެއްޖެއްޔާ 24 ގަޑިއިރު ދުވުމެއްގައި ވަރަށް މަދުން ބަޔަކު ކޮށްފަ ހުރި ކަމެއް. ދެން މެޑިކަލީ އެކަންތައް އޮންނަގޮތެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑަށް ހީވަނީ އެއީ ރިސްކު ބޮޑުވީމަ ކަންނޭނގެ ބެއާފުޓްގައި ނުދުވެ ހުންނަނީ. މައިގަނޑު ގޮތެއްގައި ދަންނަވަންޏާ ބުނެވޭނީ ވަރަށް އެހެންކަހަލަ ހުވަފެނެއް ހަގީގަތަކަށް ވެގެންމިދިޔައީއޭ."

ސްޕޯޓްސް ކޯޕަރޭޝަނުން ބޭއްވި 'މައިލްސް ފޯ ސްމައިލްސް' 24 ގަޑިއިރުގެ ޗެރިޓީ ދުވުމުގައި ހެލްތު މިނިސްޓަރު ނާޒިމާއި ސާއިދު އަދި އާތި ދުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ޗެލެންޖަށް މާ ބޮޑަށް ތައްޔާރެއް ނުވޭ!

ހުސްފައިގައި 24 ގަޑިއިރު ދުވަން ތައްޔާރުވުމަށް ސާއިދު މާ ބޮޑު ފަރިތަކުރުންތަކެއް ކުރިއަކަށް ނުގެންދެއެވެ. ޓްރެއިން ވިތު ކައިގެ ފައުންޑަރު ކައި ބުނި ބުނުމަކަށް އުނދަގޫ އަދި ރިސްކުބޮޑު އެ ޗެލެންޖާ ކުރިމަތިލީއެވެ. ސާއިދުއަށް އެކަން ވާނެއޭ ބުނުމުން އެއްރޭ އަށް ގަޑިއިރެއް ހާއިރު ޓްރެކުގައި ހުސްފައިގައި، ދަންވަރު ސާއިދު ޓެސްޓެއް ކޮށްލިއެވެ.

"ހަގީގަތަކީ އެ ދުވަހު ފެށި ގަޑީގައި އަސްލު ބަޔަކު ބަލާލައިފިއްޔާ އެނގޭނެ އަޅުގަނޑުގެ މޫނުމަތީގައި ހުރި މާޔޫސްކަން. އެވަރުގެ ބޮޑު ކަމެއްގައި ވާނެ ބާއޭ ނުވާނެބާއޭ. އަޅުގަނޑު ގަބޫލުކުރާ ގޮތަކީ ނުވާނެ ކަމެއް އޮވެގެން ނުވާނެ. ކޮންމެ ކަމެއްވެސް ރަނގަޅު މަގްސަދެއްގައި ކުރިމަތިލައިފިއްޔާ ވާނެއޭ. ދެ ހަފްތާގެ ޓްރޭނިންއަކީ 24 ގަޑިއިރަށް ނުކުންނަ އަޅުގަނޑުމެން ކަހަލަ އާދައިގެ އެތުލީޓަކަށް ވަރަށް ވަރަށް ބޮޑު ޗެލެންޖެއް،" އޭނާ ބުންޏެވެ.

ޖެނުއަރީ 20، 2018: ސާއިދު ހުސްފައިގައި 24 ގަޑިއިރު ދުވެ، 'މައިލްސް ފޯ ސްމައިލްސް' ރަން ނިންމާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާއިދުގެ ހިތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ގަދަރެއް!

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މުޖުތަމައުގައި ބޭނުން ހިފޭނެ ކުދިންތަކެކެވެ. އެކުދިން ބޭނުންވަނީ ވެސް އެގޮތަށް ބާކީކޮށްނުލައި ކޮންމެވެސް ކަމެއްގައި ބައިވެރިވުމަށެވެ. ގައުމަށް ހިދުމަތެއް ކޮށްދިނުމަށެވެ. އެކުދިންނަކީ މުޖުތަމައަށް ވަރަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި ސާއިދު ވެސް ދެކެއެވެ.

ސާއިދު މިދިޔަ އަހަރު ފާހަގަކޮށްލެވުނީ ސްޕޯޓްސް ކޯޕަރޭޝަނުން ބޭއްވި މައިލޯ 5ކޭ ރަންގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގްރޫޕަކާއެކު އެ ދުވުމަށް ނުކުތުމުންނެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގު އިބްރާހިމްގެ އިރުޝާދާއެކު އެމްޕީޑީއޭގެ ފަސް ކުދިން ސާއިދު ހޯދިއެވެ. އެ ހިސާބުން ސާއިދު މަސައްކަތް ފެށީ އެ ކުދިންނަށް އެހީތެރިވާނެ އިތުރު ފަސް މީހަކު ހޯދުމަށެވެ. އެ މަސައްކަތް ވެގެންދިޔައީ ސާއިދުއަށް ވަރަށް އުނދަގޫ މަސައްކަތަކަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްޓަކައި ދުވަން ސާއިދު ނިންމީ އެ ދުވުމަށްފަހުއެވެ.

ޖެނުއަރީ 19، 2018: ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ 'މައިލްސް ފޯ ސްމައިލްސް' 24 ގަޑިއިރުގެ ޗެރިޓީ ދުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އޭރުވެސް ވަރަށް ވިއްސާރަ ދުވަހެއްގައި ފަސް މީހުން ހޯދަންވެގެން ވަރަށް ހާލުން އަޅުގަނޑަށް ފަސް މީހުން ހަމަވެއްޖެ. ފުރަތަމަ ދާން ފަސް މީހުން، ފަހު ވަގުތު ނުވާނެކަމަށް ބަލާފަ ނައުމާއި، މިހެން ގޮސް ވަރަށް ހާލުން ފަސް މީހުން ހަމަވީ. އެ ފަސް މީހުން ހަމަވެގެން އެ ރޭސް ނިންމާލި ގަޑީގައި އެ ކުދިންގެ މޫނުމަތިން އެ ފެނުނު އުފާވެރިކަން. އެ ދުވަހުން ފެށިގެން އަޅުގަނޑު ނިޔަތްގަތީ ދެން އަޅުގަނޑުގެ އުމުރުގެ ބާކީ ބައިގައި ދުވިއްޔާ ދުވާ ކޮންމެ ދުވުމެއް ދުވާނީ އެ ކުދިންނަށްޓަކައޭ. ދުވުންތައް ހާއްސަ ކުރާނީ އެ ކުދިންނަށޭ،" ސާއިދު ބުންޏެވެ.

މައިލްސް ފޯ ސްމައިލްސްގެ ހިޔާލު އައިސްފައިވަނީ ވެސް މިދިޔަ އަހަރު ބޭއްވި ދުވުމަށްފަހުއެވެ. ކޯޕަރޭޝަނުން ދިން ހިޔާލާ އެއްގޮތަށް ސާއިދުއާ މަޝްވަރާކުރެވިގެން މައިލްސް ފޯ ސްމައިލްސްގެ 24 ގަޑިއިރު ޗެރިޓީ ދުވުން ރޭވިގެންދިޔައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްޓަކައި އެފަދަ ހަރަކާތެއް ރާވައި، އެކަން ކާމިޔާބުކުރެވުމުން ސާއިދު ވަރަށް އުފާވެއެވެ. އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

ސާއިދު ހުސްފައިގައި 24 ގަޑިއިރުގެ ދުވުން ފުރިހަމަކުރި ތަޖުރިބާ 'ސަން ސްޕޯޓްސް'އާ ހިއްސާކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަ އެކުދިންނަށް އެ ލިބޭ ފުރުސަތު. ފަހުން މި ކުދިން ބައިވެރިވާ ހުރިހާ އިވެންޓްތަކެއްގައި ބައިވެރިވެވޭ. އެ އުސޫލުން މިއީވެސް ހަމަ އެކުދިންނަށް ހާއްސަކޮށްގެން ބޭއްވި އިވެންޓެއްވީމަ ވަރަށް ކުޑަ ދުވަސްކޮޅެއްގައި އެޑްވަޓައިޒްކޮށްގެން 200 އެއްހާ ކުދިން ބައިވެރިވުމަކީ އަޅުގަނޑުމެން މި ޕްރޮގްރާމް ހިންގި އެއް މަގްސަދުގެ ތެރޭގައި ވެސް ހިމެނިގެންދިޔަ ކަމެއް. އެހެންވީމާ އެ ކުދިން ފެނިފައި، އަޅުގަނޑަށް ފަހުން މިފެނުނީ ފޮޓޯތަކާ އެއްޗެހި. އެކުދިންގެ މޫނުމަތިން ފެންނަ އުފާވެރިކަން ފެނުނީމަ އަދިވެސް އެބަ ހިތަށް އަރާ މިއަށްވުރެ ބޮޑު ޗެލެންޖެއް އެކުދިންނަށްޓަކައި ކުރިއަށްއޮތްތާނގައި ނަގަންވީއޭ،" ސާއިދު ބުންޏެވެ.

ގާތްގަނޑަކަށް 200 ވަރަކަށް ކުދިން ބައިވެރިވި އެ ދުވުމަށްފަހު އެ ކުދިންގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި ކުޅިވަރުގެ ތެރެއިން އެ ކުދިންނަށް އުފާވެރިކަން ލިބުމުކީ ސާއިދަށް ލިބުނު އުފަލެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ. ސާއިދުއަށް އެ ދުވަހު އަދި މިއަދުވެސް ލިބޭ ހިތްވަރަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ.

ސާއިދަށް އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށްވެސް ހާއްސަ ޝުކުރެއް!

ސާއިދުގެ 24 ގަޑިއިރުގެ ދުވުން ހުސްފައިގައި ފުރިހަމަކުރެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއި ދިން ހިތްވަރާއެކުއެވެ. ހާއްސަކޮށް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ވަގުތެއްގައި ވެސް އާއިލާގެ ކޮންމެވެސް މެންބަރަކު ދުވާ ޓްރެކުގައި ހަރަކާތްތެރިވިއެވެ. އެއީ ސާއިދު ވެސް ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެކެވެ. ސާއިދުއަށް ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ ރައްޒާގާއި އެ ކޯޕަރޭޝަންގެ ބޯޑު މެންބަރުން އަދި ހުރިހާ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ދުވުމުގައި ބައިވެރިވި އެންމެހާ ބައިވެރިންނަށް އޭނާ ޝުކުރު އަދާކުރެއެވެ.

ޖެނުއަރީ 20، 2018: ސާއިދު ހުސްފައިގައި 24 ގަޑިއިރު ދުވެ، 'މައިލްސް ފޯ ސްމައިލްސް' ރަން ނިންމާލުމަށްފަހު ހެލްތު މިނިސްޓަރު ނާޒިމާއި ކުޑަހުސެންއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާއިދުއާއެކު ޗެރިޓީ ދުވުމުގައި ބައިވެރިވެ، 24 ގަޑިއިރުގެ ދުވުން ފުރިހަމަކުރި ރާއްޖޭގެ އެތުލެޓިކްސްގައި ކުރިން ރަން ވަނަތަކެއް ހޯދި ދުވުންތެރިޔާ އަދި މިހާރު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ ނަން ވެސް ސާއިދު ފާހަގަކޮށް، ކުޑަހުސެންގެ ހިތްވަރަށް ވަނީ ސާބަސް ދީފައެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ސާއިދު އެކި ދުވުންތަކުން ފެންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ. ކޮންމެ ދުވުމެއްގައި ވެސް އޭނާ ދުވާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްޓަކައެވެ. އެކަމަށްޓަކައި ކުޅިވަރުގެ އެންމެހާ ޝަހުސިއްޔަތުންނާއި ކުޅިވަރުގެ އާއިލާތަކުން ސާއިދުއަކީ ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެ، އޭނާއަށް ހިތްވަރުދޭން އެބަ ޖެހެއެވެ.

comment ކޮމެންޓް