މެލޭޝިއާގެ ޔުނިވާސިޓީއަކާ ގުޅިގެން އެވިޑް ކޮލެޖުގައި ސިއްހީ ދާއިރާގެ ކޯސްތަކެއް ފަށަނީ

ސިއްހީ ދާއިރާގެ ކޯސްތަކެއް އެވިޑް ކޮލެޖުގައި ފެށުމަށް މެލޭޝިއާގެ ސައިބަޖަޔާ ޔުނިވާސިޓީ ކޮލެޖްއާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެވިޑް ކޮލެޖް

ހެލްތުކެއާ ޕްރޮގްރާމްތަކަށް ހާއްސަ މެލޭޝިއާގެ ޕްރައިވެޓް ޔުނިވާސިޓީއެއް ކަމަށްވާ ސައިބަޖަޔާ ޔުނިވާސިޓީ ކޮލެޖް އޮފް މެޑިކަލް ސައިންސެސް (ސީޔޫސީއެމްއެސް) ގުޅިގެން އެވިޑް ކޮލެޖުގައި ސިއްހީ ދާއިރާގެ ކޯސްތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއީ ސިއްހީ ދާއިރާއާ ގުޅުންހުރި ކޯސްތަކެއް އެވިޑް ކޮލެޖުގައި ފަށާ ފުރަތަމަ ފަހަރެވެ. އަދި އެ ކޯސްތައް ފެށުމަށް އެވިޑް ކޮލެޖުން ވަނީ ސީޔޫސީއެމްއެސް އާއެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

ސީޔޫސީއެމްއެސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ. ސައިބަޖަޔާ ޔުނިވާސިޓީ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ޔުނިވާސިޓީގެ ޗާންސެލަރެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގު މިރޭ ވިދާޅުވީ، ސައިބަޖަޔާ ޔުނިވާސިޓީ ކޮލެޖާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ޔުނިވާސިޓީގެ ތިން ކޯހެއް އެވިޑް ކޮލެޖުގައި ފަށަން ނިންމާފައިވާ ކަމަށެވެ.

އެއީ ބެޗެލާ އޮފް ފާމަސީ، ބެޗެލާ އޮފް ސައިކޮލެޖީ އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ހެލްތު ކެއާ އެވެ.

އެ ކޯސްތަކުގެ ތެރެއިން މާސްޓާ އޮފް ހެލްތު ކެއާ މެނޭޖްމަންޓް ކޯހަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ ކޯހެއް ކަމަށް ޗެއާމަން މުސްތާގު ވިދާޅުވި އެވެ.

އެވިޑް ކޮލެޖުން ބުނީ، އެ ކޯސްތައް އެވިޑް ކޮލެޖުގައި ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ މެއި މަހު ފަށާ ދެވަނަ ސެމިސްޓަރުގައި އެ ކޯސްތައް ފެށުން ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.

ނަމަވެސް އެ ކޯށްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އެވިޑް ކޮލެޖުން ވަނީ ހުޅުވާލައިފައެވެ.

އެވިޑް ކޮލެޖުން މިއަދު އެއްބަސްވި ސައިބަޖަޔާ ޔުނިވާސިޓީ ކޮލެޖަކީ 2005 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޔުނިވާސިޓީ އެކެވެ.

މެލޭޝިއަން ކޮލިފިކޭޝަން އެޖެންސީން އެކްސެލެންޓް ރޭޓިން ދީފައިވާ އެ ޔުނިވާސިޓީން ޑިޕްލޮމާ ފެންވަރުން ފެށިގެން މާސްޓާސްއާ ހަމައަށް ކޯސްތައް ހިންގަމުންދާއިރު އެ ޔުނިވާސިޓީގެ ދަށުން ފަސް ފެކަލްޓީ އާއި ދެ އެކެޑެމިކް ސެންޓަރު އަދި ހަ ހޮސްޕިޓަލް ޓީޗިން ރިސޯޓް ސެންޓަރު ހުރެއެވެ.

comment ކޮމެންޓް