ވޭތުވެދިޔަ ތިން ސީޒަންގައިވެސް އީގަލްސްގެ ކެޕްޓަން ބޭންޑް އެޅި އިމްރާން ނަޝީދު (އިންމަ) ނެތްތަން ފޫބެއްދުމަށް މުހައްމަދު އާރިފް (ބަކާ) އެކްލަބާ ގުޅިއްޖެއެވެ.
އީގަލްސްގެ ފޭސްބުކް ޕޭޖުގައި ބަކާ އެޓީމާ ގުޅުނުކަން ޔަގީން ކޮށްދީފައިވާއިރު، ބަކާއަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.
އައިއެފްސީން 2004 ވަނަ އަހަރު ކެރިއަރު ފެށި ބަކާވަނީ ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.
މީގެ ކުރިން 2013 ވަނަ އަހަރުގެ ސީޒަންގައި ބަކާވަނީ އީގަލްސްއަށްވެސް ކުޅެފައެވެ. 2015 ވަނަ އަހަރު މިޔަންމާގެ ކަމްބައުޒާ އެފްސީއަށްވެސް ކުޅުނު ބަކާ އެނބުރި ދިވެހި ލީގަށް އައިސް ގުޅުނީ ކްލަބު ވެލެންސިއާއެވެ.
ވޭތުވެދިޔަ ސީޒަންގެ މާލޭ ލީގުގައި ބަކާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޖާޒީގައި ފެނުނު ނަމަވެސް އެޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ގެއްލުމުން ދިވެހި ޕްރިމިއާ ލީގު ކުޅުމަށް ބަކާވަނީ މާޒިޔާއަށް ބަދަލުވެފައެވެ.
ގައުމީ ޓީމަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާއަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައިވެސް ހިމެނިފައިވާ ކުޅުންތެރިއެކެވެ. ފަހަކަށް އައިސް ގައުމީ ޓީމުގެ ޖާގަ ބަކާއަށް ގެއްލުނު ނަމަވެސް އޭނާއަށް ގައުމީ ޓީމުން އަދިވެސް ޖާގަ ދޭންޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.
އީގަލްސްގެ ކޯޗުކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އިހުސާން އަބްދުލްޣަނީ (ސާންތި) 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސުމާއެކު، އީގަލްސްއިންވަނީ އަންނަ ސީޒަނަށް އެޓީމުގެ ކޯޗުގެ މަގާމަށް މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސާފައެވެ.
އީގަލްސް ދޫކޮށް އެޓީމުގެ ކެޕްޓަން އިންމަ ނިއުއަށް ބަދަލުވި ނަމަވެސް، އިންމަ ނެތްތަން ފޫބެއްދޭނެ ކަމަށް އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވަނީ ސަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
އީގަލްސްގައި ތިބި ލޯކަލް ކުޅުންތެރިންގެ ތެރެއިން މުޖްތާޒު މުހައްމަދު (މުޖޭ) އާއި ކެޕްޓަން އިންމަ ނޫން އެހެން ހުރިހާ ކުޅުންތެރިން ވަނީ ކްލަބުގައި އަންނަ ސީޒަންގައިވެސް މަޑުކުރުމަށް ކޮންޓްރެކްޓް އައުކޮށްފައެވެ. އަދި ވޭތުވެދިޔަ ސީޒަންގައިވެސް އެޓީމުން ފެނިގެންދިޔަ ލަންކާ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާއާއެކު އަދި އިތުރު ތިން ބިދޭސީ ކުޅުންތެރިން ގެންނާނެ ކަމަށްވެސް ކްލަބުންވަނީ ބުނެފައެވެ.