ސަންޗޭޒް ހޯދުމަށް މެންޗެސްޓާ ދެ ކްލަބު ކޯޅެނީ، މޮޅުވުން ގާތީ ޔުނައިޓެޑް!

ސަންޗޭޒަކީ ޕެޕް ގާޑިއޯލާ ވަރަށް ބޭނުންވާ ކުޅުންތެރިއެއް ކަމަށް އޭނާ ވަނީ ކުރިން ބުނެފައި -- ފޮޓޯ/ ގެޓީ

އާސެނަލްގެ ތަރި އެލެކްސިން ސަންޗޭޒް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީން ކޯޅެމުންދާ އިރު، އޭނާ ދިއުންގާތީ ޔުނައިޓެޑަށް ކަމަށް ބީބީސީން ރިޕޯޓް ކޮށްފިއެވެ.

ބީބީސީން ބުނެފައިވަނީ ސަންޗޭޒަށް އާސެނަލްއިން ބޭނުންވާ އަގަކީ 35 މިލިއަން ޕައުންޑް ކަމަށާއި، އޭނާގެ އެޖެންޓަށް ބޭނުންވާ ފަސް މިލިއަން ޕައުންޑާއެކު އޭނާގެ އަގު 40 މިލިއަން ޕައުންޑަށް އަރާ ކަމަށެވެ. އެ އަގަކީ އާސެނަލްއިން ސަންޗޭޒް ދޫކުރާނެ އަގަށް ވާއިރު، ސިޓީން ބޭނުންވަނީ އެ އަގުގެ ދެބައިކުޅަ އެއްބައި ކުޑަ އަގަކަށް ސަންޗޭޒް އެޓީމަށް ގެންދާށެވެ. އެއާހިލާފަށް ޔުނައިޓެޑް އޮތީ ސަންޗޭޒްގެ 40 މިލިއަން ޕައުންޑް ދިނުމަށް ތައްޔާރަކަށް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑުންވެސް ސަންޗޭޒް ހޯދަން މަސައްކަތް ކުރަމުންދާ އިރު، ފްރާންސްގެ ޕީއެސްޖީންވެސް ވަނީ އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ހޫނު މޫސުމުގައިވެސް ސަންޗޭޒް ވަނީ އޭނާ ސިޓީއަށް ފޮނުވައިދިނުމަށް އާސެނަލްގެ ބޯޑުގައި އެދިފައެވެ.

ވޭތުވެދިޔަ ހަފްތާގައި ނޫސްވެރިންނާ ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސަންޗޭޒަށް ސިޓީން ޝައުގުވެރިކަން ފާޅުކުރާކަމުގެ ވާހަކައަށް އެއްވެސް ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާގެ ފޯކަސް މިވަގުތު ހުރީ މާދަމާ ރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ ސަންޗޭޒަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި، އެހެން ނަމަވެސް އޭނާއަކީ އާސެނަލްގެ ކުޅުންތެރިއެއް ކަމަށެވެ. މޮރީނިއޯ ބުނީ މެންޗެސްޓާ ޔުނައިޓެޑްގެ ބޯޑާއި އޭނާވެސް ޖެނުއަރީ ޓްރާންސްފާގައި މާ ބޮޑު ހޭދައެއް ކުރަން ނުވިސްނި ނަމަވެސް، އަހަރުގެ ކޮންމެ ޓްރާންސްފާއެއްގައިވެސް ގެންނަ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބޭނެ ކަމަށެވެ. އަދި އެ ކުޅުންތެރިން ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ސަންޗޭޒްއާ ގުޅިގެން ނޫސްވެރިއަކު ކުރިމަތިކުރި ސުވާލަށް އޭނާ ދިނީ ކުރު ޖަވާބެކެވެ. ވެންގާ ބުނީ އާންމުކޮށް ކުޅުންތެރިން ކްލަބު ދޫކޮށްލާނީ ސީޒަން ނިމުމުން ކަމަށާއި، ސަންޗޭޒްގެ ހަނދާނެ ގޮތް އެނގޭނީ އޭނާއަށް ކަމަށެވެ.

ދެހާސް ސާދަވަނަ އަހަރު އާސެނަލްއާ ގުޅުނު ސަންޗޭޒް ވަނީ 2015 ވަނަ އަހަރު އާސެނަލަށް 25 ގޯލް ޖަހައިދީ، އެޓީމާއެކު އެފްއޭ ކަޕު އުފުލާލައިފައެވެ. 2016 ވަނަ އަހަރު އާސެނަލްއިން ހުސްއަތާ ނިންމާލި އިރު، ސަންޗޭޒް ވަނީ އެ ސީޒަންގައިވެސް 17 ގޯލް ޖަހައިފައެވެ. މިދިޔަ އަހަރުގެ ސީޒަންވެސް އެފްއޭ ކަޕު ތަށްޓާއެކު ސަންޗޭޒް 30 ގޯލް އެޓީމަށް ޖަހައިދިން ނަމަވެސް، އާސެނަލަށް ވަނީ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިފައެވެ. މި ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާ ކަމަށްބުނެ ސަންޗޭޒް ވަނީ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނުގައިވެސް އާސެނަލް ދޫކޮށްލަން މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް