ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މަހިބަދޫ ސްޕޯޓްސް ކްލަބަށް

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މަހިބަދޫ ސްޕޯޓްސް ކްލަބުގެ ހައްމަ --- ފޮޓޯ/ ނެޓްބޯލް އެސޯސިއޭޝަން

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މަހިބަދޫ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެވެށި ކޯޓުގައި ރޭ ކުޅުނު އެ މެޗުގައި މަހިބަދޫއިން ވިޔަންސާ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދީ 54-13 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަހިބަދޫ ސްޕޯޓްސް ކުލަބަށް މޮޅު ކުޅުމެއް ދެއްކި ހައްމަ އަބްދުލް ރަހްމާނެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގައި މިއަހަރު ހަ ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ސެމީ ފައިނަލަށް ދަތުރުކުރާޏީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ކުރި ހޯދާ ދެ ޓީމެވެ. ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް އެކެއްގެ އެއްވަނައާއި ގްރޫޕް ދޭއްގެ ދެވަނަ ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއްވަނައާއި ގްރޫޕް އެކެއްގެ ދެވަނަ ޓީމެވެ.

މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ މަހިބަދޫ ސްޕޯޓްސް ކްލަބާއި، ވިޔަންސާ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބު މެޓްރިކްސްއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ރެޑް ލައިން ކްލަބުގެ އިތުރުން ލޮރެންޒޯ ސްޕޯޓްސް ކްލަބު އަދި ރެޑް ލައިން ސިޓީއެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގެ މެޗެއް މިރޭވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ ގްރޫޕް ދޭއްގެ މެޗުގައި ބައްދަލުކުރާނީ ރެޑް ލައިން ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒު އެތެރެވެށި ކޯޓުގައެވެ.

comment ކޮމެންޓް