ސިންގަޕޫރުގެ މޫސުން ގޯސްވެ ފިނިހޫނުމިން 22 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށަށް

ސިންގަޕޫރަށް ކުރަމުންދާ ވިއްސާރަ--

ސިންގަޕޫރުގެ މޫސުން ގޯސްވެ ވިއްސާރަކުރަމުންދާ އިރު، އެގައުމުގެ ފިނިހޫނުމިން 22 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށަށް ހިނގައްޖެއެވެ.

ސިންގަޕޫރުގެ ނޭޝަނަލް އެންވަޔަރަމެންޓް އެޖެންސީ (އެންއީއޭ) އާ ހަވާލާދީ ޗެނަލް ނިއުސް އޭޝިއާއިން ބުނީ އެގައުމުގެ ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށެވެ. ސިންގަޕޫރަށް ކުރަމުންދާ ވިއްސާރައަކީ ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ މޫސުމީ ކޮޅިގަނޑަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ.

މި ކޮޅިގަނޑާ ގުޅިގެން ސިންގަޕޫރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް އެންއީއޭއިން ވަނީ މީގެ ކުރިންވެސް ބުނެފައެވެ. ވިލާގަނޑުގައި ގަދަވަޔާ ގުގުރުމާއެކު ވާރޭވެހޭނެކަމަށް ލަފާކޮށްފައިވާއިރު މި ދުވަސްވަރު އެވަރެޖްކޮށް އެގައުމުގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 22 ޑިގްރީ ސެލްސިއަސްއާއި 28 ޑިގްރީ ސެލްސިއަސް އާ ދެމެދުގައެވެ.

ފާއިތުވި ދެތިން ދުވަހަކީ ސިންގަޕޫރަށް ވިއްސާރަ ދުވަސްތަކެއް ކަމަށާއި އެގައުމުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެވަރެޖްކޮށް ސިންގަޕޫރަށް މަހެއްގެ މައްޗަށް ވާރޭވެހޭ މިންވަރަށް، ހޯމަ ދުވަހު އެންމެ ހަތަރު ގަޑިއިރު ތެރޭގައި ވާރޭ ވެހުނުކަމަށް ވަނީ ރިކޯޑްކުރެވިފައެވެ.

ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ހޮންކޮންގަށްވެސް މި ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް