އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ސިއްރު މައުލޫމާތު ލީކް ކޮށްލުމުގެ އަޑީގައި ހުރި ވިކިލީކްސްގެ ވެރިޔާ ޖޫލިއާން އަސާންޖަށް އިކުއަޑޯގެ ރައްޔިތުކަން ދީފިއެވެ.
އިކުއަޑޯގެ ފޮރިން މިނިސްޓަރު މާރިއާ ފެނާންޑާ އެސްޕިނޯސާ އިއްޔެ މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިކުއަޑޯގެ ރައްޔިތަކަށް ވުމަށް ޖޫލިއަން އަސާންޖް ހުށަހެޅި އެޕްލިކޭޝަން، އެގައުމުން ގަބޫލުކޮށްފައިވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު އަސާންޖް ވަނީ، އިކުއަޑޯގެ ގައުމީ ފުޓުބޯޅަ ޓީމުގެ ޖާޒީއެއް ލައިގެން ނަގާފައިވާ ފޮޓޯއެއް ޓްވީޓުވެސް ކޮށްފައެވެ.
އިކުއަޑޯގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އަސާންޖް ރައްކާތެރިކަމާ އެކު އިކުއަޑޯއަށް ދަތުރުކުރުމަށްޓަކައި އޭނާއަށް ޑިޕްލޮމެޓިކް ސްޓޭޓަސް ދިނުމަށް އެދުނު އެދުން އިނގިރޭސި ސަރުކާރުން ވަނީ ބޭރުކޮށްލާފައި ކަމަށެވެ.
އިނގިރޭސި ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އަސާންޖްގެ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ އޭނާ އިކުއަޑޯ އެމްބަސީން ނުކުމެ، އަދުލު އިންސާފާ ކުރިމަތިލުންކަން އިކުއަޑޯއަށް އެނގޭނެ ކަމަށެވެ.
އެހެން ނަމަވެސް އިކުއަޑޯގެ ފޮރިން މިނިސްޓަރު މާރިއާ އެސްޕިނޯސާ ވިދާޅުވީ އަސާންޖްގެ މައްސަލައަކީ އިނގިރޭސި ގާނޫނުތަކާ ކުރިމަތިލުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ.
"އޭނާގެ ނަފްސަށާއި މުސްތަގިއްލުކަމަށް ހުރި ނުރައްކާތަކެއްގެ މައްސަލަ މި އުޅެނީ. އިނގިރޭސިވިލާތުން އޮތް ނުރައްކަލެއް ނޫން މިއީ. އެހެން ގައުމުތަކުން އަސާންޖަށް ކުރިމަތިކޮށްފާނެ ނުރައްކާތަކެއްގެ ވާހަކަ މިއީ،" އިކުއަޑޯގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
އޮސްޓްރޭލިއާއަށް އުފަން އަސާންޖަކީ 2012 ވަނަ އަހަރުން ފެށިގެން، އިނގިރޭސިވިލާތުގައި ހުންނަ އިކުއަޑޯ އެމްބަސީގެ ހިމާޔަތުގެ ދަށުން، އެތަނުގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާ އިކުއަޑޯގެ އެމްބަސީގެ ހިމާޔަތަށް އެދުނީ، ސްވީޑެންއިން އޭނާއާ ދެކޮޅަށް ހުށަހެޅި ރޭޕްއާއި ޖިންސީ ގޯނާގެ މައްސަލައެއްގެ ތަހުގީގަށް އޭނާ ސްވީޑެންއަށް ފޮނުވާލަފާނެތީއެވެ.
މި މައްސަލަ ސްވީޑެންއިން އަނބުރާ ގެންގޮސްފައި ވީ ނަމަވެސް، އޭނާ ކަފާލާތުގެ ޝަރުތުތަކާ ޚިލާފުވެފައިވާތީ ހައްޔަރުކުރާނެކަމަށް އިނގިރޭސި ފުލުހުން ބުނުމުން، އޭނާ އަދިވެސް ހުރީ އިކުއަޑޯ އެމްބަސީގައެވެ.
އޭގެ އިތުރުން ވިކިލީކްސްގައި އެމެރިކާގެ ސަރުކާރުގެ އަސްކަރީ އަދި ޚާރިޖީ ސިއްރު ލިޔެކިޔުންތަކެއް ޝާއިއުކުރި މައްސަލައިގައި އަސާންޖްގެ މައްޗަށް ޝަރީއަތް ކުރުމަށް އެމެރިކާއަށްވެސް ފޮނުވާލަފާނެ ކަމުގެ ބިރުވެސް އޭނާއަށް އެބަ އޮތެވެ.