ޕެރިސްގެ ރިޓްޒް ހޮޓެލުން ވަގަށް ނެގި 5.4 މިލިއަން ޑޮލަރުގެ ގަހަނާ ހޯދައިފި

ފުލުހުން ރިޓްޒް ހޮޓެލްގެ މައި ގޭޓުގައި ފޯރިމަރަނީ-- ފޮޓޯ: އޭއެފްޕީ

ފްރާންސުގެ ޕެރިހުގައި ހުންނަ މަޝްހޫރު ރިޓްޒް ހޮޓެލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ވަގަށް ނެގި 5.4 މިލިއަން ޑޮލަރުގެ ގަހަނާ އެ ގައުމުގެ ފުލުހުން ހޯދައިފިއެވެ.

ފްރާންސްގެ ފުލުހުން ބުނި ގޮތުގައި މޫނު ނިވާކޮށްގެން ތިބި ފަސް މީހަކު ހޮޓެލުގައި ހުރި ފިހާރައަށް ހަމަލާ ދިނީ ވަޅިއާއި ފުުރޯ ބޭނުންކޮށްގެންނެވެ. އަދި އެމީހުން ވަނީ ޑިސްޕްލޭގައި ބަހައްޓާފައި ހުރި ގަހަނާތައް ދަބަސްތަކަށް އަޅައިގެން ފިލައިފައެވެ.

ފުލުހުން ހިންގި ހާއްސަ އޮފަރޭޝަނެއްގައި 5.4 މިލިއަން ޑޮލަރުގެ ގަހަނާ އަޅާފައިހުރި ދަބަހެއް ވަނީ ހޯދާފައެވެ. ފުލުހުން ބުނީ މި މައްސަލާގައި ތިން ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށާއި ބާކީ ތިބި ދެ މީހުން ފިލާފައިވާ ކަމަށެވެ.

"އަހަރެން ޔަގީންކަން ދެން ވަގަށް ނެގި ހުރިހާ ގަހަނާއެއް އެ ދަބަހާއެކު މިހާރު ފުލުހުން ހޯދާފައިވާ ކަމަށް" ތަހުގީގާ ބެހޭ މައުލޫމާތު އެނގޭ ފަރާތެއް ރޮއިޓާރސްގައި ބުނެފައިވެއެވެ.

ފުލުހުންނާ ހަވާލާދީ ލެ ޕެރިސިއަން ނޫހުގައި ބުނެފައި ވަނީ ވަގުން ހުއްޓުވަން އެ ވަގުތު ޕެޓްރޯލުގައި ހުރި ފުލުހެއް މަސައްކަތް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ވަގަކު އިމާރާތުގެ ތެރޭގައި ތާށިވެ، ފުލުހުންނަށް އެމީހުން ހައްޔަރު ކުރެވުނު ކަމަށެވެ.

ނަމަވެސް ވަގަށް ނެގި ގަހަނާއާ އެކު އަނެއް ދެމީހުން ސައިކަލަކަށް އަރައިގެން ފިލީއެވެ. އެކަމުގެ ތެރޭގައި އާންމު ރައްޔިތެއްގެ ގައިގައި ޖެހި، ވަގަށް ނެގި ގަހަނާތަކާ އެކު ދަބަސް ދޫވެ، ބިން މައްޗަށް ވެއްޓުނީ ކަމަށް ވެސް އެ ނޫހުގައި ލިޔެފައިވެއެވެ.

ރިޓްޒް ހޮޓެލް ހުންނަނީ ފަރާންސްގެ ޖަސްޓިސް މިނިސްޓްރީއާ ޖެހިގެންނެވެ.

comment ކޮމެންޓް