ހައި ވޯލްޓޭޖް ކޭބަލް އެޅުމަށް ހަވާލުކުރީ އިންޓަނޭޝަނަލް ޓެންޑާއަކުން: ސްޓެލްކޯ

ސްޓެލްކޯ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ހައި ވޯލްޓޭޖް ކޭބަލް އެޅުމަށް ބަޔަކާ ހަވާލުކުރީ އިންޓަނޭޝަނަލް ޓެންޑާއަކަށް ހުޅުވާލައިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މި މަޝްރޫއު ބަޔަކާ ހަވާލުކުރުމުގަިއ ކޮރަޕްޝަން އެކުލެވޭތީ މަޝްރޫއު މަޑުޖައްސައިލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސްޓެލްކޯ އަށް އަންގާފައިވާ ކަމަށްބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން ޝާއިއު ކުރި ހަބަރަކާ ގުޅިގެން ސްޓެލްކޯއިން ރޭ ނެރުނުު ބަޔާނުގައި ބުނީ އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތެއް އަދި ހޯދާ ހިދުމަތެއް ނުވަތަ ގަންނަ މުދަލެއްވެސް ގަތުމަށް ހަވާލުކުރަނީ ޒިންމާދާރުކަމާއެކު ނުފޫޒުން އެއްކިބާވެގެން، އަދި ކޯޕަރޭޓް ގަވާނެންސް ކޯޑާ އެއްގޮތަށް ކަމަށެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެދުވެރިކޮށް އަޅާ މާލެ-ހުޅުމާލެ ޕަވާ އިންޓަކަނެކްޝަން ނެޓްވޯކް އެޅުމުގެ މަޝްރޫއު ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށް ބަޔާނުގައި ވެއެވެ.

މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ ޑޮންފަން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އާއެވެ.

އެކުންފުންޏާ މަސައްކަތް ހަވާލުކުރުމަކީ މާލީ ގޮތުންނާއި ފަންނީ ގޮތުންވެސް އެންމެ ފައިދާހުރި ގޮތް ކަމަށާއި މަސައްކަތް ހަވާލުކުރީ އިއުލާނު ކުރުމެއް ނެތި ކަމަށް ބުނާ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

މަޝްރޫއަށް ކުރިމަތިލީ ޑީއީސީގެ އިތުރުން ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯ ލިމިޑެޓް (ސީއެންއީއީސީ) ކަމަށާއި މަސައްކަތް ހަވާލު ކުރި ޑީއީސީއިން މަސައްކަތުގެ އަގުގެ ގޮތުގައި ހުށަހަޅާފައިވަނީ 44،462،087 މިލިއަން ޑޮލަރު ހަތް އަހަރުން ދައްކާ ޚަލާސް ކުރުމަށް ކަމަށާއި އަދި ސީއެންއީއީސީ އިން މަސައްކަތަށް ހުށަހެޅި އަގަކީ ފަސް އަހަރުން ދައްކާގޮތަށް 56،640،262 ޑޮލަރު ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

އެކުންފުނިން ބުނީ މި ބިޑުތައް އިވެލުއޭޓުކުރީ ކުންފުނީގެ ކަމާ ބެހޭ އިލެކްޓްރީޝަނުންވެސް ހިމެނޭ ޓީމަކުން ކަމަށެވެ.

ބްރިޖް މެދުވެރިކޮށް އަޅާ ހައިވޯލްޓޭޖް ކޭބަލަކީ ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމްކުރާ 50 މެގަވޮޓް އިންޖީނުގެއިން ބްރިޖް ހުރަސްކޮށް މާލެއާ ގުޅާލެވޭ 132 ކިލޯ ވޯޓުގެ ހައިވޯލްޓެޖް ކޭބަލެއް ކަމަށާއި މި މަސައްކަތަކީ ބްރިޖާއެކު ކުރަންޖެހޭ މަސައްކަތަކަށްވާތީ ސްޓެލްކޯއަށްވެސް އެންމެ ފައިދާވާނީ މަސައްކަތް އަވަހަށް ހަވާލު ކުރެވި، މަސައްކަތް ނިންމުން ކަމަށް އެ ކުންފުނިން ދެކޭކަމަށް ސްޓެލްކޯއިން ބުނެއެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނުން 2018 ޖެނުއަރީ 07 ވަނަ ދުވަހު މި ކުންފުންޏަށް ވަޑައިގެން މި މަސައްކަތާގުޅޭ މުއާމަލާތްތައް ބޭނުންވަކަމަށް އެދިވަޑައިގަތުމުން 'މާލެ-ހުޅުމާލެ ޕަވަ އިންޓަކަނެކްޝަން ނެޓްވޯކް' އެޅުމުގެ މަސައްކަތާ ގުޅޭ އެންމެހާ ޑޮކިއުމެންޓްތަކެއް ވާނީ އެ ކޮމިޝަނާ ހަވާލުކޮށްފައެވެ. އަދި މައްސަލަ ތަހުގީގު ނިންމަވާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން އަންގަވަންދެން، ހަމަ އެދުވަހުން ފެށިގެން މި މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް މި ކުންފުނިން ހުއްޓާލާ އެކަން ވާނީ ދަންނަވައިފައެވެ." މިހާރު އެ މަސައްކަތް އޮތް ހިސާބު ބަޔާންކުރަމުން ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް