ސިޔާސީ ގޮތުން ހުންނާނީ ރައީސް ޔާމީނާއެކު، އާއިލީ ގުޅުމަށް ބަދަލެއް ނާދޭ: ޣައްސާން މައުމޫން

ޣައްސާން މައުމޫން: ސިޔާސީ ގޮތުން ހުންނެވި މަގާމުގެ ސަބަބުން އައިލޫ ގުޅުމަށް ބުރޫ ނާރާކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ގޮތުން ހުންނަވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުގައި ކަމަށާއި އާއިލީ ބޭފުޅުންނާ އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެސްއެމް އިން ގެނެސްދިން އުއްމީދާއި ކުރިއެރުން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ އޭނާ ހުންނެވި ސިޔާސީ މަގާމުގެ ސަބަބުން ނުވަތަ ސިޔާސީ ވިސްނުމުގެ ސަބަބުން "މަންމަ، ބައްޕަ، ދައްތަމެން އަދި ބޭބެ އާ މެދު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް" ނާންނަ ކަމަށެވެ.

ރައީސް މައުމޫން މި ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައި ވަނިކޮށް، އަދި ޣައްސާނުގެ ބޭބޭފުޅު އަހުމަދު ފާރިސް މައުމޫން ހައްޔަރުގައި ހުންނެވިއިރުވެސް މި ސަރުކާރުގައި ދެމިހުންނެވީ މަޖުބޫރީހާލަތެއްގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެފަދަ މަޖުބޫރީ ހާލަތެއް ނެތް ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ޔާމީން އަރިހުގައި މިހުރީ އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ވަރަށް ކައިރިން ފެނި އެގޮތް ގަބޫލު ކުރެވިގެން،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާނު އާ ގުޅިގެން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވުނު ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވުމަށް މީޑިއާއާ ކުރިމަތި ނުލައްވަނީ ކީއްވެތޯ ސުވާލު ކުރުމުން ޣައްސާނު ވިދާޅުވީ އޭގެސަބަބަކީ "ބަޔަކު ވާހަކައެއް ދެއްކި ނަމަވެސް އެއަށް ރައްދު ދޭންޖެހޭ ކަމަށް ގަބޫލު ނުކުރެވޭތީ" ކަމަށެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން ޣައްސާން ވިދާޅުވީ 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު، ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ރައީސް ޔާމީންގެ އަރިހަށް ދިޔަ ފަސް މީހުންގެ ތެރެއިން އޭނާ އަކީ އެކަކު ކަމަށާއި އެދުވަހުވެސް އަދި މިއަދުވެސް ހުރި ގޮތް ބަދަލު ކުރައްވާފައި ނުވާތީ، ބަޔަކު ދައްކާ ވާހަކައަކަށް ރައްދު ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެދުވަހު ވެސް ހުރި ގޮތަށް މިއަދުވެސް މިހުރީ. އެގޮތް ބަދަލެއް ނުވޭ. އެހެންވީމަ ބަޔަކު ވާހަކައެއް ދެއްކި ނަމަވެސް އެއްޗެއް ނުބުނަނީ،" ޣައްސާން ވިދާޅުވިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭ ޕީޕީއެމް ދެބައިވެ ރައީސް މައުމޫނު ވަނީ ރައީސް ޔާމީންގެ ސަރުކާރަށް އެމަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވި ކަން އިއުލާނު ކުރައްވައިފައެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ސިވިލްކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީން އާ ހަވާލު ކޮށްފައެވެ.

ރައީސް މައުމޫން ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެއްދެވުމާ ގުޅިގެން ޕީޕީއެމް ދެބައިވެ އެޕާޓީއަށް ނިސްބަތްވާ ގިނައަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ރައީސް މައުމޫނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ފަށާއިފައެވެ. އެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރު ކުރުމާއެކު ރައީސް މައުމޫނުގެ ބޭފުޅުން ސަރުކާރުން ވަކިވެވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ހީކުރިއެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ވަނީ ރައީސް މައުމޫން އެޕާޓީން ވަކިކުރަން ފާސްކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތަސް ޣައްސާން ވޯޓެއް ނުދެއްވައެވެ.

އޭރު ފޮރިން މިނިސްޓަރު ކަމުގެ މަގަމުގައި ހުންނެވި ދުންޔާ މައުމޫނު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަފައެވެ. އޭގެ ފަހުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ދުންޔާ ވަނީ އައްޔަނުކޮށްފައެވެ.

comment ކޮމެންޓް