ގޭޓްވޭ ކުދިންގެ ފޮތްތަކާއި ޔުނިފޯމު ލިބޭނެކަމުގެ ޔަގީންކަން ސްކޫލުން ދީފި

ހުޅުމާލޭގައި ހުންނަ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް -- ފޮޓޯ: ގޭޓްވޭ

އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ހުޅުމާލޭގައި ހުންނަ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ފޮތްތަކާއި ޔުނީފޯމު ލިބޭނެ ކަމުގެ ޔަގީންކަން ސްކޫލުން ދީފައިވާކަމަށް އެ ސްކޫލުގެ ބެލެނިވެރިން ބުނެފިއެވެ.

"ސަން" އާ ވާހަކަ ދެއްކި ގޭޓްވޭގެ ބެލެނިވެރިއަކު ބުނީ ދަރިވަރުންގެ ޔުނީފޯމުތަކާއި ބައެއް ގްރޭޑްތަކުގެ ކުދިންގެ ފޮތްތައް ލިބޭނެ ކަމަށް ސްކޫލުން މިހާރު ބުނެފައިވާ ކަމަށެވެ. މިވަގުތު ޔުނީފޯމް ލިބޭނީ ގްރޭޑް 5 އިން 10 ގެ ދަރިވަރުންނަށް ކަމަށް ސްކޫލުން ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.

ގޭޓްވޭ ކުދިންގެ ޔުނީފޯމާއި ފޮތްތައް ނުލިބޭ ކަމަށްބުނެ ބެލެނިވެރިން ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިވެހި އިސްލާމް ފޮތް ފިޔަވައި ގޭޓްވޭ ސްކޫލުގެ ޓެކްސްޓްް ފޮތްތައް ދެނީ ސްކޫލުންނެވެ. އެ ފޮތްތައް ގަންނަން ބެލެނިވެރިން އަތުން ސްކޫލުން ވަނީ ފީ ނަގައިފައެވެ. ދިވެހި އިސްލާމް ފޮތް ގަންނަން ޖެހެނީ ބެލެނިވެރިން އަމިއްލަ އަށެވެ. ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީތައް ގަތުމަށް ސްކޫލުން ވަނީ ސްޓޭޝަނަރީ ވައުޗާވެސް ދީފައެވެ.

މީގެކުރިން ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ހިންގި ކުރީގެ ފަރީދިއްޔާ ސްކޫލު ހިންގުން ކޮލިކޭޓް އެޑިއުކޭޝަން އާ ހަވާލުކުރީ ލާލޭ އަށް ސްކޫލުހިންގަން ދީފައިވާ މުއްދަތު ހަމަވުމުން އަލުން ބިޑަށް ހުޅުވާލައިގެންނެވެ.

ގޭޓްވޭ އަށް ސްކޫލު ހިންގުން މިދިޔަ އަހަރު ހަވާލުކުރިފަހުން ސްކޫލުގެ ކަންތައް ދޯދިޔާވެފައިވާކަމަށް ބެލެނިވެރިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ގޭޓްވޭ ސްކޫލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ގޭޓްވޭގައި ޕްލޭ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެއެވެ.

comment ކޮމެންޓް