އަނެއްކާވެސް ވޯލްޑް ޓުއާގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް: ހުސައިން

ރާއްޖޭގެ ހުރި ހަމައެކަނި އިންޓަނޭޝަލް ބީޗް ވޮލީ ރެފްރީ ހުސައިން މުހައްމަދު ---

ހަތަރު އަހަރު ތެރޭގައި ތިންވަނަ ފަހަރަށް ބީޗު ވޮލީބޯޅަ ޓުއާގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އިންޓަނޭޝަނަލް ރެފްރީ، ހުސައިން މުހައްމަދު ބުނެފިއެވެ.

އަންނަ ޖުލައިމަހު ޖަޕާނުގައި ބާއްވާ އެފްއައިވީބީގެ ވޯލްޑް ޓުއާގައި ހުސައިން ރެފްރީކަން ކުރާއިރު، އޭނާވަނީ 2015 ވަނަ އަހަރާއި ވޭތުވެދިޔަ އަހަރުގެވެސް ވޯލްޑް ޓުއާގައި ރެފްރީކަން ކޮށްފައެވެ.

"ސަން ސްޕޯޓްސް" އަށް ވާހަކަދައްކަމުން ހުސައިން ބުނީ އަނެއްކާވެސް ވޯލްޑް ޓުއާގެ ފުރުސަތު ލިބުމަކީ މަތީ ފަންތީގެ ރެފްރީއެއްގެ ހައިސިއްޔަތުން ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.

"މީ ވޮލީ ރެފްރީގައި މިހާރަށް ލިބެން އޮތް އެންމެ ރަނގަޅު ފުރުސަތު. މަތީ ފަންތީގެ ރެފްރީއެއްގެ ހައިސިއްޔަތުން ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުން މިއީ،" ހުސެން ބުންޏެވެ.

ހުސައިން ބުނީ އޮލިމްޕިކް ލެވެލްއަށް ދިވެހިން ތެރެއިން މީހަކަށް ނުދެވޭނެ ކަމަށާއި، މި ލެވެލްގައި ރެފްރީކަން ލިބުކަމީވެސް ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ.

ހުސައިންއަކީ މިވަގުތު ރާއްޖޭގައި ހުރި ހަމައެކަނި އިންޓަނޭޝަލް ބީޗް ވޮލީބޯޅަ ރެފްރީއެވެ. މީގެ އިތުރުން ހުސައިން އަކީ ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި ކުރިން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ. ހުސައިންވަނީ ވޭތުވެދިޔަ އަހަރު ތެރޭގައި ކުޅިވަރު މެނޭޖުމަންޓް ދާއިރާއިން މާސްޓާސް ހާސިލްކޮށްފައެވެ.

comment ކޮމެންޓް