ބޯކޮށް ވާރޭ ވެހި ކިސަޑު ފޭބުމުގެ ސަބަބުން ކެލިފޯނިއާގައި 13 މީހަކު މަރުވެއްޖެ

މޮންޓެސީޓޯގެ މަގުތައް ވަނީ 'ކިސަޑުގެ ކޯރުތަކަށް' ބަދަލުވެފައި -- ފޮޓޯ: ޓުވިޓާ

ސެކްރެމެންޓޯ (ޖެނުއަރީ 10): އެމެރިކާގެ ކެލިފޯނިއާއަށް އިއްޔެ ބޯކޮށް ވާރޭ ވެހި ކިސަޑު ފޭބުމުގެ ސަބަބުން 13 މީހަކު މަރުވެއްޖެ އެވެ.

ކެލިފޯނިއާގެ ދެކުނުގައި އޮންނަ ސެންޓާ ބާބަރާ ކައުންޓީގައި އެހާދިސާ ހިނގާފައި ވަނީ އެސަރަހައްދުގެ ޖަންގަލިތަކުގައި ރޯވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެވެ. އެހެންކަމުން އެސަރަހައްދުގެ ބިންގަނޑު ހަރުވެ، ފެންގަނޑު ހިނދެން ގިނަ އިރުވާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކިސަޑު ފޭބުމުގެ ސަބަބުން 25 މީހަކަށް އަނިޔާވެފައިވާ ކަމަށާއި މިހާތަނަށް 163 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ބުނެފަ އެވެ. އަދި ކިސަޑު ފޭބުމުގެ ސަބަބުން ގިނަ މަގުތަކެއް ބަންދުވެފައި ވުމުން މީހުން ސަލާމަތް ކުރުމަށް ހުރަސް އެޅިފައިވާ ކަން ވެސް އެފަރާތްތަކުން ފާހަގަ ކުރި އެވެ.

ފާއިތުވި 24 ގަޑި އިރު ތެރޭގައި ސެންޓާ ބާބަރާއިން އެންމެ ބޮޑަށް ވާރޭ ވެހިފައިވާ މޮންޓެސީޓޯ ކޮމިއުނިޓީގެ ބައެއް ގެތައް ވަނީ އެއްކޮށް ސުންނާފަތިވެފައި ކަމަށް އެކައުންޓީގެ ފަޔާ ޑިޕާޓްމެންޓުން ބުނެ އެވެ. އެސަރަހައްދަކީ އެލެން ޑިޖެނެރެސް އާއި އޯޕްރާ ވިންފްރޭ ފަދަ މުއްސަނދިންގެ ގެތައް ހުންނަ ސަރަހައްދެކެވެ.

އެހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރަކީ އެމެރިކާގެ ރިކޯޑު ކުރެވިފައިވާ ތާރީހުގައި ތިން ވަނަ އަށް އެންމެ ހޫނު އަހަރު ކަމަށް އެގައުމުގެ ނެޝަނަލް އޯޝެނިކް އެންޑް އެޓްމޯސްފެރިކް އެޑްމިނިސްޓްރޭޝަނުން ބުނި ފަހުންނެވެ. (ބީބީސީ)

comment ކޮމެންޓް