ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ޓީޗަރަކު ގޭގައި މަޑުކުރަން އަންގައިފި

ގއ. ވިލިނގިލި--

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރަމުންދާ ދެ މުދައްރިސަކު ގޭގައި މަޑުކުރަން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިޔުކޭޝަނުން އެ ގޮތަށް އަންގާފައި ވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރާ އިސްލާމް ޓީޗަރު ޒުލްފީނާ އަހްމަދާއި ޕްރައިމަރީ ޓީޗަރު ހިދާޔަތު އަހުމަދަށެވެ. އެ ދެބޭފުޅުންގެ ތެރެއިން ޒުލްފީނާއަކީ ވިލިނގިލި ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދުގެ އަނބިކަނބަލުންނެވެ. އަދި ހިދާޔަތަކީ ނިމިދިޔަ ކައުންސިލްގެ ޕީޕީއެމް މެމްބަރު ފަތުހީ މޫސާގެ އަނބިކަނބަލުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ ގއ. ވިލިނގިލީ ދެ ޓިޗަރަކު މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ޓީޗަރުން ވެސް ސަސްޕެންޑް ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށާއި މިވަގުތު އެ މައްސަލައަކީ ކޮބައިކަން ވިދާޅުވެން ނެތް ކަމަށެވެ.

"ދެ މުދައްރިސަކަށް ވާނީ ގޭގައި މަޑުކުރަން އަންގާފައި. އެއީ ކޮން މައްސަލައަކާ ގުޅޭ ގޮތުން ކަމެއް އަދި ހާމަކުރެވޭކަށް ނެތް." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ މައްސަލައިގެ ތަފްސީލް ހާމަ ކުރެވެން ނެތީ އެ ދެ މުވައްޒަފުންގެ ހައްގުތައް ވެސް ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ. ސައީދު ވިދާޅުވީ އެޑިޔުކޭޝަނުން ކުރިއަށްގެންދާ ތަހުގީގު ނިމުނުހާ އަވަހަކަށް އެ ދެ މުވައްޒަފުން އަލުން ވަޒީފާއަށް ނުކުތުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.

އެ ދެ ޓީޗަރުން ސަސްޕެންޑް ކުރީ ސީދާ ކޮން މައްސަލައަކާ ގުޅޭ ގޮތުން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

comment ކޮމެންޓް