މުސްތަފާގެ އަތުން ފައިސާތަކެއް ހޯދަން އެމިޓީއަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މުސްތަފާ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަމުން ވަކިވެފައިވާ މުހައްމަދު މުސްތަފާގެ އަތުން ފައިސާތަކެއް ހޯދުމަށް ދައުވާކުރުމުގެ ހައްގު އެމިޓީ އެންޓަޕްރައިޒަސްއަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ އެމިޓީން މުސްތަފާއާ ދެކޮޅަށް ދައުވާކުރި މައްސަލައެއް ބެލުމަށް ފަހު އިއްޔެ އެވެ.

އެމިޓީން މުސްތަފާގެ މައްޗަށް ދައުވާކުރީ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްގެ ފަރާތުން އެކުންފުންޏަށް ލިބެން ޖެހޭ ފައިސާތަކެއް ދެއްކުމުގެ ޒިންމާއާ މުސްތަފާ ހަވާލުވެ، ހަވާލުނުކޮށް ހުރި ފައިސާ އާއި އެ ފައިސާ ނުދީ ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަަލު ހޯދުމަށެވެ.

އެމިޓީން ކުރި ދައުވާގައިވާ ގޮތުން ނަސީމް ދައްކަންޖެހޭ ފައިސާގެ ތެރެއިން މުސްތަފާ އެކުންފުންޏާ ހަވާލުނުކޮށްފައި ވަނީ 267,459 ރުފިޔާ އެވެ. އަދި އެ ފައިސާ ނުދީ ހިފެހެއްޓުމުގެ ސަބަބުން 187,284.30 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް އެމިޓީން ކުރި ދައުވާގައިވެ އެވެ. އެހެންކަމުން އެމިޓީން ކުރި ދައުވާގައިވާ ގޮތުން ޖުމްލަ 454,833.30 ރުފިޔާ މުސްތަފާ އެކުންފުންޏަށް ދޭން ޖެހެ އެވެ.

އެމިޓީން ދައުވާ އިއްވުމުން މުސްތަފާގެ ފަރާތުން ވަނީ، ދައުވާގައި ބަޔާންކޮށްފައިވާ ފައިސާ ހިމެނޭ އެ ޗެކުތަކަކީ 10 އަހަރާއި 11 އަހަރު ވެފައިވާ ޗެކްތަކެއް ކަމަށް ވާތީ އެ ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ "ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނު"ގެ 39 ވަނަ މާއްދާގެ (ހ) އަށާއި އެ މުއާމަލާތް ހިނގާފައިވާ މުއްދަތަށާއި ދައުވާކޮށްފައިވާ މުއްދަތަށް ރިއާޔަތްކޮށް، އެ ފައިސާ ހޯދުމަށް ދައުވާކުރުމުގެ ހައްގު އެމިޓީއަށް ލިބިގެންނުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

comment ކޮމެންޓް