އިންޑިވިޖުއަލް އެވޯޑުތަކާއެކު ޓްރޮފީ ކެބިނެޓް ފުރާލިއަސް، ފުޓުބޯޅަ ކުޅުންތެރިއެއްގެ ކެރިއަރު ފުރިހަމަ ނުވާނެއެވެ. ކުޅުންތެރިއަކު ކުޅޭ ކްލަބާއެކު، ނުވަތަ ނިސްބަތްވާ ގައުމާއެކު ޓްރޮފީތަކެއް ހޯދުމަކީ އެ ކުޅުންތެރިއެއްގެ ކާމިޔާބީ މިނެކިރާލުމަށް މުހިއްމު ކަމެކެވެ. ދުނިޔެ ދުށް އެންމެ މޮޅެތި ކުޅުންތެރިންނަށްވެސް ވޯލްޑް ކަޕު ޓްރޮފީގައި އަތް ޖައްސާނުލާ ކެރިއަރު ނިންމާލަން ޖެހެއެވެ.
ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ކުޅުންތެރިއަކީ ބްރެޒިލްގެ ޕެލޭއެވެ. އޭނާވަނީ ތިން ފަހަރަށް ވޯލްޑް ކަޕު އުފުލާލާފައެވެ. ޕެލޭއަކީ ވޯލްޑް ކަޕުގެ ތަށި ތިން ފަހަރަށް އުފުލާލި ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.
ގިނަ އަދަދެއްގެ އިންޑިވިޖުއަލް އެވޯޑުތައް ހޯދާފައިވާ ކުޅުންތެރިންވެސް ވޯލްޑް ކަޕުގެ ރަން މެޑައްޔެއް ކަރަށް މަހާލުމަށް މުޅި ޓްރޮފީ ކެބްނެޓް ދޫކޮށްލަންވެސް ތައްޔާރެވެ. ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވޯލްޑް ކަޕު ޓްރޮފީއަކަށް ފެންބޮވައިގަނެފައިވާއިރު، މެސީ ބުނީ އާޖެންޓީނާއައެކު ވޯލްޑް ކަޕް ތަށްޓެއް އުފުލާލުމަށް އޭނާގެ ފަސް ބެލޮންޑިއޯވެސް ގުރުބާން ކުރަންވެސް ތައްޔާރު ކަމަށެވެ. ވޯލްޑް ކަޕުގެ ތަށި އުފުލާލުން އެހާވެސް ޝަރަފިވެރިއެވެ. މި ގެނެސްދެނީ ވޯލްޑް ކަޕުގެ ތަށި އުފުލާލަން ފުރުސަތު ނުލިބިތިބި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ ލިސްޓެކެވެ. ލިސްޓްގައި ހިމެނިފައިވާ ކުޅުންތެރިންނަކީ ވަކިތަރުތީބެއް ނެތި ހިމެނިފައިވާ ކުޅުންތެރިންކަން ފާހަގަކޮށްލަމެވެ.
10- މިޝޭލް ޕްލެޓިނީ
ގައުމު: ފްރާންސް
ގައުމީ ޓީމަށް ކުޅުނު ތާރީހް: 1976 - 1987 (72 މެޗު)
ކުރިން ފީފާގެ ރައީސްކަންވެސް ކުރި ޕްލެޓިނީއަކީ ފްރާންސް ގައުމީ ޓީމަށް ރަން ދުވަސްތަކެއް ގެނެސްދިން ކުޅުންތެރިއެކެވެ. ދަނޑުމަތީގައި ކާމިޔާބު މިޑްފީލްޑަރެއްގެ ގޮތުގައި ފެނިގެންދިޔަ ޕްލެޓިނީ ވަނީ ކުޅުނު 580 ކްލަބު މެޗުން 312 ގޯލް ޖަހާފައެވެ. އަދި 20 އަހަރުވަންދެން އޭނާވަނީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް ދަމަހައްޓާފައެވެ. އޭނާގެ ރެކޯޑު މުގުރާލީ ތިއެރީ އޮންރީއެވެ.
ޕްލެޓިނީގެ ކެރިއަރުގައި ދެ ފަހަރަށް ވޯލްޑް ކަޕުގެ ސެމީ ފައިނަލް ކުޅެފައިވެއެވެ. އެއީ 1982 ވަނަ އަހަރާއި 1986 ވަނަ އަހަރުގައެވެ. 1994 ވަނަ އަހަރު ފްރާންސާއެކު ޔޫރޯ އުފުލާލި ޕްލެޓިނީ އެ މުބާރާތް ނިންމާލީ ނުވަ ގޯލް ޖަހައިގެންނެވެ. އޭނާއަކީ އެ މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާވެސް މެއެވެ.
9- ލިއޮނަލް މެސީ
ގައުމު: އާޖެންޓީނާ
ގައުމީ ޓީމަށް ކުޅުނު ތާރީހް: 2005- (123 މެޗު)
ލިއޮނަލް މެސީއަކީ މިހާރުވެސް އާޖެންޓީނާގެ ކެޕްޓަނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާ މެސީއަކީ ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، އޭނާގެ ކްލަބު ބާސެލޯނާއާއެކު ރެކޯޑުތައް މުގުރަމުންދާ ކުޅުންތެރިއެކެވެ. ބަލާލަން ފަސޭހަ، އަޖައިބުކުރުވަނިވި ކުޅުމެއް ދަނޑުމަތީގައި ދައްކަމުންދާ މެސީއަކީ މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ވޯލްޑް ކަޕު ތަށި އުފުލާލުމަށް އެންމެ ހައްގުވާ ކުޅުންތެރިޔާކަމަށްވެސް ގިނަ ބަޔަކު ބުނަމުންދެއެވެ. އޭނާގެ ކެރިއަރުގައި ކާމިޔާބެއް ނުލިބެނީވެސް އާޖެންޓީނާގެ ގައުމީ ޓީމާއެކު އެކަންޏެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް 61 ގޯލް ޖަހައިދީފައިވާ މެސީއަކީ އެގަމުގެ ގައުމީ ޓީމަށް އެންމެެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. މިހާތަނަށް ގައުމީ ޓީމާއެކު ތިން ވޯލްޑް ކަޕު ކުޅެފައިވާ މެސީވަނީ ވޭތުވެދިޔަ ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާއާއެކު ދަތުރުކޮށްފައެވެ. އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ރަން ބޯޅަ ހާސިލްކުރި މެސީއަށް ހިތިކޮށް ވޯލްޑް ކަޕް ނިމިގެން ދިޔަ ނަމަވެސް، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފިކޭޝަންގައި މުހިއްމު ދައުރެއް އަދާކޮށް މެސީ މިވަނީ އަނެއްކާވެސް ކެރިއަރު ނިމުމުގެ ކުރިން އޭނާގެ ގައުމީ ޓީމާއެކު ދުނިޔޭގެ އެންމެ ޝަރަފުވެރި ޓްރޮފީ އުފުލާލުމުގެ ފުރުސަތު ހޯދާފައެވެ.
8- ކްރިސްޓިއާނޯ ރޮނާލްޑޯ
ގައުމު: ޕޯޗުގަލް
ގައުމީ ޓީމަށް ކުޅުނު ތާރީހް: 2003- (147 މެޗު)
ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާދަވެރިކަމަކީ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ވާދަވެރިކަމެވެ. ދެ ކުޅުންތެރިންނަށްވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ލިބިފައިވާއިރު، ރޮނާލްޑޯއަކީ ޕޯޗުގަލްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ރޮނާލްޑޯއަކީ މިހާތަނަށް ދުނިޔެދުށް އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ވަކާލާތުކުރަމުންދާއިރު، 2016 ވަނަ އަހަރު ޕޯޗުގަލްއާއެކު ޔޫރޯ އުފުލާލައި ރޮނާލްޑޯވަނީ ގައުމީ ޓީމާއެކު ކާމިޔާބީއެއް ހޯދާފައެވެ. އަދި މެސީއާއި ގައުމީ ޓީމުގެ ކާމިޔާބީ އަޅާ ކިޔާލާއިރު ރޮނާލްޑޯއަށް ކުރިލިބެއެވެ.
ގޯލް ޖެހުމުގެ ގިނަ ރެކޯޑުތަކެއް ހިފަހައްޓަމުންދާ ރޮނާލްޑޯވަނީ އޭނާގެ ކެރިއަރުގައި ކުޅުނު 744 މެޗުން 547 ގޯލް ޖަހާފައެވެ. ވޯލްޑް ކަޕުގައި އަދި މާބޮޑު ކާމިޔާބީއެއް ހޯދިފައި ނުވިނަމަވެސް ރޮނާލްޑޯވެސް ބަލަމުންދާނީ ވޯލްޑް ކަޕު ޓްރޮފީއަށް ކަން ޔަގީނެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލްއާއެކު ކުޅޭ އެންމެ ފަހު ވޯލްޑް ކަޕްކަމަށް ވުންގާތެވެ.
7- އޮލިވާ ހާން
ގައުމު: ޖަރުމަން
ގައުމީ ޓީމަށް ކުޅުނު ތާރީހް: 1994 - 2006 (86 މެޗު)
އޮލިވާ ހާންއަކީ ކީޕަރުންގެ ރަސްގެފާނެވެ. ހާއްސަކޮށް ފީފާ ވޯލްޑް ކަޕުގައި ކުޅުނު އެންމެ ކާމިޔާބު އެއް ކީޕަރެވެ. ވޯލްޑް ކަޕުގެ ގޯލްޑަން ބޯޅަ ހާސިލްކުރި ހަމައެކަނި ކީޕަރެވެ. އެ މަގާމު ހާސިލްކުރި އެންމެ ފުރަތަމަ ކީޕަރެވެ.
ދެހާސް ދެވަނަ އަހަރު ވޯލްޑް ކަޕު ފައިނަލްގައި ބްރެޒިލްއާ ވާދަކޮށް ޖަރުމަނު ބަލިވިނަމަވެސް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮލިވާ ހާންއަކީ ދުނިޔެ ދުތް އެންމެ މޮޅު އެއް ކީޕަރެވެ. ކްލަބު ކެރިއަރުގައި ބަޔާން މިއުނިކާއެކު ހުރިހާ ޓްރޮފީއެއް ހޯދާފައިވާ ހާންއަށް ގައުމީ ޓީމާއެކު ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 1996 ވަނަ އަހަރުގެ ޔޫރޯގެ ތަށި އުފުލާލުމެވެ.
6- ޕައުލޯ މަލްޑީނީ
ގައުމު: އިޓަލީ
ގައުމީ ޓީމަށް ކުޅުނު ތާރީހް: 1988 - 2002 (126 މެޗު)
ދުނިޔޭގެ އެންމެ ރީތި ޑިފެންސިވް ކުޅުމެއް ކުޅުނު އެއް ކުޅުންތެރިއަކީ ޕައުލޯ މަލްޑީނީއެވެ. ހަޑި ޓެކުލްތަކެއް ނުޖަހައި ފޯވާޑެއް ހިފަހައްޓާލުމަކީ މަލްޑީނީއަށް އެއްވެސް ކަމެއް ނޫނެވެ. ޒުވާން ދުވަސްވަރުގައި މަލްޑީނީގެ ކުޅުމަކީ ނަމޫނާ ޑިފެންޑަރެއްގެ ކުޅުމެވެ. 1985 އިން 2009 ވަނަ އަހަރާ ހަމައަށް ކްލަބު ކެރިއަރު އޭސީ މިލާންގައި ހޭދަކުރި މަލްޑީނީވަނީ 10 އަހަރު ދުވަހު ކްލަބުގެ ކެޕްޓަންކަން ކޮށްފައެވެ.
ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުވެސް އުފުލާފައިވާ މަލްޑީނީވަނީ އިޓަލީގެ ގައުމީ ޓީމާއެކުވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އިޓަލީގެ މަޝްހޫރު ޑިފެންސިވް ފާރާއެކު ގިނަ ދުވަސްތަކެއްވަންދެން ގައުމީ ޓީމަށް ކުޅުނު މަލްޑީނީއަކީ ވޯލްޑް ކަޕަށް އެންމެ ނަސީބު ދެރަ އެއް ކުޅުންތެރިޔާ ކަމަށް ބެލެވިދާނެއެވެ. 1982 ވަނަ އަހަރު އިޓަލީން ވޯލްޑް ކަޕު އުފުލާލާފައިވާއިރު 2006 ވަނަ އަހަރުވެސް އިޓަލީންވަނީ ވޯލްޑް ކަޕު އުފުލާލާފައެވެ.
މަލްޑީނީ އިޓަލީ ގައުމީ ޓީމާއެކު ކުޅުނު ވޯލްޑް ކަޕުތަކުން އޭނާއަށް ދިނީ ހިތި ހަނދާންތަކެކެވެ. 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިންވަނައަށް އިޓަލީ ދިޔައިރު، 1994 ވަނަ އަހަރު އިޓަލީ ވޯލްޑް ކަޕް ފައިނަލްގައި ބަލިވީ ޕެނެލްޓީ ޖަހައިގެންނެވެ. 1998 ވަނަ އަހަރު ކުއާޓާއިން ކެޓި އިޓަލީ ޓީމު މަލްޑީނީއާއެކު އެންމެ ފަހުން ކުޅުނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕުން އިޓަލީ ކެޓީ ގަދަ 16 އިންނެވެ.
5- ޖޯޖު ބެސްޓް
ގައުމު: ނޯދަން އަޔަލެންޑް
ގައުމީ ޓީމަށް ކުޅުނު ތާރީހް: 1964 - 1977 (37 މެޗު)
އަހުލާގީ ގިނަ މައްސަލަތަކެއް ކެރިއަރުގައި ދިމާވިނަމަވެސް ޖޯޖު ބެސްޓަކީ ދަނޑު މަތިން ފެނުނު އެންމެ ހިތްގައިމު ކުޅުމެއް ކުޅުނު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުވެސް ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަޔަލެންޑް ގައުމީ ޓީމާއެކު ހޭދަކުރި ދިގު ތާރީހުގައިވެސް އޭނާއަށް ވޯލްޑް ކަޕެއް ކުޅެލުމުގެ ފުރުސަތެއް ލިބިފައެއް ނުވެއެވެ.
ޖޯޖު ބެސްޓް މަރުވެފައިވަނީ 2005 ވަނަ އަހަރުގައެވެ.
4- ޒީކޯ
ގައުމު: ބްރެޒިލް
ގައުމީ ޓީމަށް ކުޅުނު ތާރީހް: 1976 - 1988 (72 މެޗު)
ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު ލެޖެންޑްރީ ގިނަ ކުޅުންތެރިންނަކީ ވޯލްޑް ކަޕުގެ ޓްރޮފީ އުފުލާލައިފައިވާ ކުޅުންތެރިންނެވެ. ނަމަވެސް ބްރެޒިލް ގައުމީ ޓީމާއެކު 1978، 1982 އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުވެސް ކުޅުނު ޒީކޯއަށް އެ ފުރުސަތެއް ނުލިބުނެވެ.
'ވައިޓް ޕެލޭ' ގެ ނަމުން މަޝްހޫރު ވެފައިވާ ޒީކޯއާއެކު 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ބްރެޒިލްގެ ޓީމަކީ މިހާތަނަށް ވޯލްޑް ކަޕު ތަށި ނުހޯދުނު އެންމެ ވަރުގަދަ ޓީމު ކަމަށްވެސް ގިނަ ބަޔަކު ސިފަކުރެއެވެ. ޒީކޯއަކީ މެރަޑޯނާ އަދި ޕައުލޯ ރޮސީ ފަދަ ހުނަރުވެރި ކުޅުންތެރިންނާ އެއް ސަފެއްގައި 1970 އަދި 1980ގެ އަހަރުތަކުގައި ގުނާލެވޭ ކުޅުންތެރިއެކެވެ.
3- ފެރެންކް ޕުސްކަސް
ގައުމު: ހަންގޭރީ، ސްޕެއިން
ގައުމީ ޓީމަށް ކުޅުނު އަހަރު: ހަންގޭރީ 1945 - 1956 (85 މެޗު) ، ސްޕެއިން 1961 - 1962 (4 މެޗު)
ފެރެންކް ޕުސްކަސްއަކީ ގޯލް މެޝިނެކެވެ. ރެއާލް މެޑްރިޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޕުސްކަސްއަކީ އޭނާ ކުޅުނު ޒަމާނުގައި ޔޫރަޕުގެ އެންމެ މޮޅު ސްޓްރައިކަރެވެ.
ހަންގޭރީގެ ގައުމީ ޓީމަށް ކުޅުނު 85 މެޗުން 84 ގޯލް ޖަހާފައިވާ ޕުސްކަސްގެ ނަމުގައި ފީފާއިން ހޮވާ އަހަރުގެ އެންމެ ރީތި ގޯލް ހޮވާއިރު، ޕުސްކަސް މަޝްހޫރުވެފައވަނީ 'ސެކަންޑް ސްޓްރައިކަރު'ގެ ރޯލު އުފެއްދި ކުޅުންތެރިޔާގެ ގޮތުގައެވެ. ހަންގޭރީގެ 'މަގްޔާސް'ގެ ނަމުން މަޝްހޫރުވި ރަން ޖީލުގެ ކެޕްޓަންކަން ކުރި ޕުސްކަސްއަށް ގައުމީ ޓީމާއެކު 1954 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކުރެވުނު ނަމަވެސް، ފައިނަލްގައި ވެސްޓް ޖާމަނީ އަތުން ސަލާމަތެއް ނުވެވުނެވެ.
ގައުމީ ޓީމު ބަދަލުކޮށް ސްޕެއިންއާއެކު 1962 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތް ޕުސްކަސްއަށް އެ މުބާރާތް ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ.
2- އަލް ފްރެޑް ޑި ސްޓެފަނޯ
ގައުމު: އާޖެންޓީނާ، ކޮލަމްބިއާ، ސްޕެއިން
ގައުމީ ޓީމަށް ކުޅުނު އަހަރު: އާޖެންޓީނާ 1947 (6 މެޗު)، ކޮލަމްބިއާ 1949 (4 މެޗު)، ސްޕެއިން 1957-1961 (31 މެޗު)
އަލް ފްރެޑް ޑި ސްޓެފަނޯއަކީ ރެއާލް މެޑްރިޑްގެ ލެޖެންޑެކެވެ. ޕެލޭފަދަ ކުޅުންތެރިން ސްޓެފަނޯ ސިފަކޮށްފައިވަނީ 'އެންމެ ފުރިހަމަ ކުޅުނުންތެރިޔާ'ގެ ގޮތުގައެވެ. މިޑްފީލްޑު ރޯލަތަކަށްވެސް ކުޅޭ ސްޓެފަނޯއަކީ ކްރިއޭޓިވް ކުޅުމެއް ކުޅޭ ކަމަށް ފާހަގަކުރެވޭ ކުޅުންތެރިއެކެވެ. ކޮލަމްބިއާގެ ކްލަބު މިލެނޭރިއޯސްއިން މަޝްހޫރިވި ސްޓެފަނޯވަނީ 1953 ވަނަ ރެއާލް މެޑްރިޑަށް ބަދަލުވެ އޭނާގެ ފެންވަރު ދައްކާލާފައެވެ. ފްރެންސިސްކޯ ގެންޓޯއާއި ފެރެންކް ޕުސްކަސްއާއެކު ރެއާލުން އުފެއްދި ވަރުގަދަ އެޓޭކިން ލައިންއަކީ ފާހަގަކޮށްލެވޭ އެޓޭކެކެވެ. ސްޓެފަނޯވަނީ ރެއާލްއާއެކު ޔޫރަޕްގެ ތަށި ފަސް ފަހަރު އުފުލާލާފައެވެ.
ކްލަބު ފުޓުބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދި ސްޓެފަނޯއަށް އެއްވެސް ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އާޖެންޓީނާގެ ރައްޔިތެއްގެ ގޮތުގައި ސްޓެފަނޯ ހުރިއިރު އެގައުމުންވަނީ 1950 އަދި 1954 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރަން އިންކާރުކޮށްފައެވެ. އަދި 1958 ކަޕަށް ސްޓެފަނޯ ކޮލިފައިން ކުޅެފައިވަނީ ސްޕެއިންގެ ގައުމީ ޓީމަށެވެ. އެފަހަރުގެ ވޯލްޑް ކަޕަށް ސްޕެއިން ކޮލިފައިވެފައެއް ނުވެއެވެ. 1962 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ސްޕެއިންގެ ޓީމު ވޯލްޑް ކަޕަށް ކޮލިފައިވިނަމަވެސް ސްޓެފަނޯއަށް ވޯލްޑް ކަޕު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.
1- ޔޯހަން ކްރައިފް
ގައުމު: ނެދަލޭންޑްސް
ގައުމީ ޓީމަށް ކުޅުނު ތާރީހް: 1966 - 1974 (48 މެޗު)
ޔޯހަން ކްރައިފްއަކީ މިހާރު ކުޅޭ ޕާސިން ފުޓުބޯޅައިގެ ބައްޕަ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ޓޯޓަލް ފުޓްބޯޅައިގެ ފިލޯ ސޮފީއާއެކު ދުނިޔޭގެ ފުޓުބޯޅަ ބަދަލުކޮށްލި މޭސްތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކްރައިފްއަކީ ތިން ފަހަރަށް ބެލޮންޑިއޯވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ.
ބާސެލޯނާ އަދި އަޔެކްސްއާއެކު ގިނަ މެޗުތަކެއް ކުޅެ ކްލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްރައިފް މަޝްހޫރު ވެފައިވަނީ ރީތި ތިރި ޕާސްތަކެއް ޖަހައިގެން ކުޅުނު ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. 'ކްރައިފް ޓާން' ގެ ނަމުން މަޝްހޫރު ވެފައިވާ 'މޫވް' އަކީވެސް މިހާރުވެސްް ގިނަ ކުޅުންތެރިން ހަދަމުންދާ ޗަރުކޭހެކެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ހަތަރު ވަނަ އަހަރުގެ ވޯލްޑް ކަޕު ކުޅުނު ނެދަލޭންޑްސްގެ ޓީމުން ފެނިގެން ދިޔައީ ޓޯޓަލް ފުޓުބޯޅައެވެ. އެޓީމުގެ ކެޕްޓަންކަން ކުރި ކްރައިފްއާއެކު މުބާރާތުގެ ފައިނަލަށް ނެދަލޭންޑްސް ދިޔަ ނަމަވެސް، ފައިނަލްގައި ވެސްޓް ޖާމަނީ އިން ވަނީ ފަހަތުންއަރައި އެޓީމު ބަލިކޮށްފައެވެ. ކާމިޔާބު ކެރިއަރެއް ނިންމާލި ކްރައިފްގެ ކެރިއަރު ނިންމާލަން ޖެހުނީ ވޯލްޑް ކަޕުގެ މެޑައްޔަކާ ނުލައެވެ.