ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި، މުހައްމަދު ސަލާހަކީ 200 މިލިއަން ޕައުންޑުގެ ކުޅުންތެރިއެއް ކަމަށް އެޓީމުގެ ލެޖެންޑު އިއާން ރަޝް ބުނެފިއެވެ.
ވޭތުވެދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި 36.9 މިލިއަން ޕައުންޑަށް ރޯމާއިން ލިވަޕޫލްއާ ގުޅުނު ސަލާހު ދަނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލިވަޕޫލަށް އޭނާ މިހާތަނަށް 23 ގޯލް ޖަހައިދީފައިވާ އިރު، ސަލާހު ފާހަގަކޮށްލެވެނީ މިސްރުގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ. ގައުމީ ޓީމު 27 އަހަރަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައިވެސް ސަލާހު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސަލާހުގެ ކުޅުމާ ގުޅޭގޮތުން ރަޝް ބުނެފައިވަނީ ލިވަޕޫލަށް ބަދަލުވެ ފުރަތަމަ މެޗުން ފަށައިގެން ތަފާތު ދެއްކުނީ މަދު ކުޅުންތެރިއަކަށް ކަމަށާއި، އެ ކުޅުންތެރިންގެ ތެރޭގައި ސަލާހު ހިމެނޭ ކަމަށެވެ.
"ލިވަޕޫލަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ފުރަތަމަ މެޗުން ފެށިގެން ތަފާތު ދެއްކުނީ ސުއަރޭޒާއި ޓޮރޭސް ފަދަ މަދު ކުޅުންތެރިއަކަށް. އެ ލިސްޓުގެ ތެރެއަށް ސަލާހް މިހާރު އިތުރުވެއްޖެ،" ރަޝް ބުންޏެވެ.
ރަޝް ބުނެފައިވަނީ 200 މިލިއަން ޕައުންޑް ފަދަ އަގުތަކާއެކު ސަލާހު ހޯދަން ބޮޑެތި ކްލަބުތަކުން އަންނާނެ ކަމަށާއި، އެކަމަށް ލިވަޕޫލް ސަމާލުވާން ޖެހޭނެ ކަމަށެވެ.
ސަލާހަކީ ނަމޫނާ ކުޅުންތެރިއެއް ކަމަށާއި، މިހާރުގެ ކުޅުންތެރިންގެ ތެރޭގައި ސަލާހު ކަހަލަ ހިތްތިރި ކުޅުންތެރިން މަދުވާނެ ކަމަށްވެސް ރަޝްވަނީ ބުނެފައެވެ.
"ސަލާހަކީ ހިތްތިރި ކުޅުންތެރިއެއް. މީގެ އިތުރުން އޭނާގެ ކުޅުން އަހަންނަށް ވަރަށް ގާތުން ފެނިއްޖެ. ސަލާހަށް ބޭނުން ފެންވަރެއްގައި ފުޓްބޯޅަ ކުޅެވިދާނެ." ރަޝް ބުންޏެވެ.
ރަޝް ބުނީ ސަލާހަކީ ހަލުވި ކުޅުންތެރިއެއް ކަމަށާއި، ހުނަރުގެ ގޮތުން އޭނާއަކީ އާޖެންޓީނާގެ ލިއޮނެލް މެސީ ސްޓައިލްގައި ކުޅޭ ކުޅުންތެރިއެއް ކަމަށެވެ.
ރަޝް ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ބޮޑުބައެއް ލިވަޕޫލްގައި ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 660 މެޗުން 346 ގޯލް ޖަހައިދީފައެވެ.