ޓީީސީއަށް ކުޅެމުންދިޔަ ބަންބުޗް ޔޫވީއަށް

ޔޫވީއަށް ސޮއިކުރުމަށްފަހު އެ ކުލަބުގެ ޖެނެރަލް ސެކްރަޓަރީ އިސްމާއީލް ޝިފާއު (އިއްސެ) އާއެކު އަހްމަދު ސުހައިލް (ބަންބުޗް) --- ފޮޓޯ/ ޔޫވީ ފޭސްބުކް

ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންދިޔަ އަހްމަދު ސުހައިލް (ބަންބުޗް)، އަންނަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުމަށް ސޮއިކޮށްފިއެވެ.

ބަންބުޗް ރޭގެ ވަގުތެއްގައި ސޮއިކޮށްފައިވާ އިރު، އޭނާ ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ބަންބުޗް، 2014 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަންގެ މާލޭ ލީގު ނިމެންދެން ހޭދަކޮށްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގައެވެ. އޭނާ ވަނީ ނިއުރޭޑިއަންޓްގައި ވިދާލައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ބަންބުޗް ވަނީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުމުގެ އިތުރުން، 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެފައެވެ.

ނިމިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ކުޅުމަށް ބަންބުޗް ޓީސީއަށް ބަދަލުވި ނަމަވެސް، ގިނަ މެޗުތަކެއްގައި އޭނާ ފެނިގެން ދިޔައީ ބެންޗުންނެވެ.

އަންނަ ސީޒަނަށް ތައްޔާރުވަމުންދާ ޔޫވީން ދަނީ ޓީމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ މާލޭ ލީގުގައި އެޓީމަށް ކުޅުނު އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ޓީމާ އަލުން ގުޅިފައިވާ އިރު، ތިންވަނަ ޑިވިޝަންގައި ސީލައިފް ސްޕޯޓްސް ކުލަބާއެކު މޮޅު ކުޅުމެއް ދެއްކި ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވެސް ވަނީ ޔޫވީއާ ގުޅިފައެވެ. މީގެ އިތުރުން ވޭތުވެދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) ވެސް ވަނީ އަލުން އެނބުރި ޔޫވީއާ ގުޅިފައެވެ.

ޔޫވީއަށް ވޭތުވެދިޔަ ސީޒަންގައިވެސް ކުޅުނު، ހުސައިން ޝިމާޒް (ކޮކީ)ގެ އިތުރުން ނާވީ މުހައްމަދާއި އަހުސަން ނައީމް ވަނީ އަންނަ ސީޒަންގައިވެސް އެ ކްލަބަށް ކުޅުމަށް އެއްބަސްވެ ކޮންޓްރެކްޓް އައުކޮށްފައެވެ.

އަންނަ ސީޒަންގައިވެސް ޔޫވީއަށް އިރުޝާދު ދޭނީ، ވޭތުވެދިޔަ އަހަރު މާލޭ ލީގުގެ ފަހުކޮޅުގައި އެ ޓީމާ ހަވާލުވި ކޯޗު މުހައްމަދު ނަޒީހެވެ.

comment ކޮމެންޓް