އެއްބަސްވުމާ ހިލާފަށް ފްލެޓް ކުއްޔަށްދޭނަމަ އަތުލާނެ ކަމަށް މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެ

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކެއް --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ދޫކުރާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށްދޭނަމަ އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ފެލެޓް ދޫކުރަނީ އިޖްތިމާއީ ބޯހިޔާވަހިކަން ހައްލުކުރުމަށް ކަމަށާއި އެއްބަސްވުމާ ހިލާފަށް އެ ފެލެޓްތައް ކުއްޔަށް ދޫކުރާނަމަ ވެރިފަރާތުގެ އަތުން ފްލެޓް ވަކިކުރެވޭނެ ކަމަށެވެ.

ދާދި ފަހުން ސަރުކާރުން ވަނީ ހުޅުމާލެއިން އަލަށް ދޫކުރި 704 ފްލެޓު ލިބުނު މީހުންގެ ތެރެއިން ބައެއް މީހުނަށް ތަޅުދަނޑި ހަވާލުކޮށްފައެވެ.

އަލަށް ދޫކުރި ފްލެޓް ތަކަކީ ތިން ކޮޓަރިއާއެކު އެޓޭޗްޑް ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ. އެ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 6000 ރުފިޔާއެވެ. ޑައުންޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25000 ރުފިޔާއެވެ. އެއްބަސްވުމުގައި ވާގޮތުންނަމަ ތިން ކޮޓެރީގެ ތެރެއިން ކުއްޔަށް ދެވޭނީ އެއް ފެލެޓެވެ.

ނަމަވެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން ގިނަ މީހުން އެ ފެލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޫކޮށްލުމަށްފަހު މާލޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އުޅޭ ކަމުގެ ޝަކުވާ އަންނަނީ ގިނަވަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ފްލެޓްތައް ކުއްޔަށްދޭ މީހުންގެ އަތުން ފެލެޓް އަތުލާނެ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތަކަށް ވެދާނެކަމެއްތޯ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 704 ފްލެޓު ދޫކުރަން ނިންމިކަން އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މުއިއްޒު ވަނީ ފްލެޓުގައި ދިރިއުޅެންޖެހޭނީ ފްލެޓް ލިބުނު މީހުން ކަމުގައި ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މުއިއްޒު ވިދާޅުވީ ފްލެޓުގައި ދިރިނޫޅެ ކުއްޔަށްދޭނަމަ ފްލެޓުތައް އަތުލާނެ ކަމަށެވެ.

comment ކޮމެންޓް