ރާއްޖޭގެ ކްލަބަކުން ހުށަހެޅުމެއް އައިސްފިނަމަ އަދިވެސް ވިސްނާނެ ކަމަށް ސީރިއާގެ ކީޕަރު މަހުމޫދު ޔޫސުފް ބުނެފިއެވެ.
"ސަން ސްޕޯޓްސް"އާ ވާހަކަދައްކަމުން މަހުމޫދު ބުނީ، މިވަގުތު އޭނާ ހުރީ އެއްވެސް ޓީމެއްގެ ކޮންޓްރެކްޓްގައި ނޫން ކަމަށާއި، ރާއްޖޭގެ ކުލަބުތަކުގެ ހުށަހެޅުމަށް އޭނާ އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
"އަހަރެން މިވަގުތު މިހުރީ އެއްވެސް ޓީމެއްގެ ކޮންޓްރެކްޓަކު ނޫން. ހުށަހެޅުންތަކެއްވެސް އަދި ނާދޭ. ފުޓުބޯޅައިގައި އަންނާނެ ކެތް ކޮށްލައިގެން ހުންނަން ޖެހޭ ކަހަލަ ވަގުތުތައް،" މަހުމޫދު ބުންޏެވެ.
ވޭތުވެދިޔަ ސީޒަންގެ މާލޭ ލީގުގައި މަހުމޫދު ކުޅުނީ ވިކްޓަރީ ސްޕޯޓްސް ކްލަބަށެވެ. މަހުމޫދާއި ވިކްޓަރީގެ ކޯޗު ސުޒޭންއާއި ދެމެދު މައްސަލަތަކެއް ޖެހުނު ނަމަވެސް ދިވެހި ޕްރިމިއާ ލީގުގައި މަހުމޫދު ވަނީ މާޒިޔާ ސުޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގު 2016ގައި ޔޫވީ އާއީ ޓިސީ ބައްދަލުކުރި މެޗެއްގެ ތެރެއިން މަހުމޫދު، އަލީ ފާސިރުގެ ހަމަލާއެއް މަތަކުރަން މަސައްކަތްކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
މާޒިޔާގެ ކޮންޓްރެކްޓް ހަމަވެ، މަހުމޫދު މިވަގުތު ހުރީ އޭނާގެ އުފަން ގައުމު ސީރިއާގައެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފައިނަލް ބުރާ ހަމައަށް ގައުމީ ޓީމު، ސީރިއާއާއެކު ދަތުރުކުރި އިރު މަހުމޫދު ވަނީ ޓީމުގެ ސްކޮޑުގައި ހިމެނިފައެވެ.
މަހުމޫދު ބުނީ ވޭތުވެދިޔަ ސީޒަންގެ ކުރީކޮޅުގައި ބައެއް މައްސަލަތައް ދިމާވި ނަމަވެސް، ސީޒަންގެ ފަހުކޮޅުގައި އެ ކަންތައްތައް ރަނގަޅުކޮށްފައި ވާނެ ކަމަށެވެ.
"ސީޒަންގެ ފުރަތަމަ ކޮޅުގައި ކުދިކުދި މައްސަލަތައް ދިމާވި، އެހެން ނަމަވެސް ބުރަކޮށް މަސައްކަތްކޮށް އަހަރެން އެކަންކަން ރަނގަޅު ކުރިން. ކޮންމެފަހަރަކު ތަށި ނުލިބިދާނެ. 11 ކުޅުންތެރިން ޓީމުގައި ތިބޭ އިރު އަހަރެންގެ އެކަނި މަސައްކަތަކުންވެސް ހުރިހާ މޮޅެއް ނުވާނެ،" މަހުމޫދު ބުންޏެވެ.
ރާއްޖޭގެ ޓީމަކުން ހުށަހެޅުމެއް ނައިސްފިނަމަ އޭނާ ފެނުން އެންމެ ގާތީ އިންޑޮނޭޝިއާ ފަދަ ގައުމަކުން ކަމަށް ވެސް މަހުމޫދު ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގު 2016ގައި ޔޫވީ އާއީ ޓިސީ ބައްދަލުކުރި މެޗެއްގެ ތެރެއިން ނާއިޒް ފޮނުވާލި ހަމަލާއެއް މަހުމޫދު ދިފާއުކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
"އެހެން ގައުމުތަކުގެ ހުށަހެޅުން ތަކަކަށްވެސް މަޑުކުރަމުން މިދަނީ. ފެނިދާނެ އިންޑޮނޭޝިއާ ފަދަ ގައުމަކުންވެސް. އެހެން ނޫނީ އަމިއްލަ ގައުމުގައި މަޑުކުރާ ކަހަލަ ވިސްނުމެއް ހުރީ،" މަހުމޫދު ބުންޏެވެ.
ސީރިއާގެ ކީޕަރު މަހުމޫދަކީ ފަހަކަށް އައިސް ރާއްޖޭގެ ލީގުން ފެނުނު އެންމެ މަތީ ފަންތީގެ އެއް ކުޅުންތެރިޔާއެވެ. ޔުނައިޓެޑް ވިކްޓަރީން 2016 ވަނަ އަހަރު ލީގަށް ތައާރަފްވި މަހުމޫދު ވޭތުވެދިޔަ ސީޒަން ވިކްޓަރީން ފެށި ނަމަވެސް ނިންމާލީ މާޒިޔާއިންނެވެ.