ދ. މީދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް

މީދުގައި މިއަދު ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް

ދ. މީދޫގައި މިއަދު ދުއްވާފަ ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެއެވެ.

މީދޫއިން ވާހަކަ ދެއްކި މީހަކު 'ސަން' އަށް ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު އިރު އޮއްސުނުއިރު އެރަށު ދެކުނު ފަރާތު ޖެޓީގައި ކަމަށާއި ކާރު މޫދަށް ވެއްޓުނު އިރު ޑްރައިވަރާއެކު އިތުރު ދެ މީހަކު ކާރުތެރޭގައި ތިބި ކަމަށެވެ.

އެ ހާދިސަގައި ކާރު ވިލުތެރެއަށް ވެއްޓުނު ނަމަވެސް އެތެރޭގައި ތިބި ތިން މީހުންނަށް ބޮޑު ހާނިއްކައެއް ނުލިބި ސަލާމަތްވި ކަމަށް މަންޒަރު ފެނުނު މީހަކު "ސަން" އަށް ކިޔައިދިނެވެ.

"ލައިސެންސް ނެތް މީހަކު ކާރު ދުއްވަން އިނީ. އެހެންވެ ޖެޓީ މަތިން ގޮސް ކޮންޓްރޯލް ނުވެގެން މޫދަށް ވެއްޓުނީ،" ކާރު މޫދަށް ވެއްޓުނު އިރު އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެ.

އޭނާ ބުނީ ކާރު ވެއްޓުނު ސަރަހައްދަކީ ފުން ވިލެއް އޮންނަ ސަރަހައްދެއް ކަމަށާއި ފުރަތަމަ ކާރު ގޮސް ޖެހުނީ ތިލަ ސަރަހައްދެއްގައި ކަމަށެވެ. އެހެންކަމުން ކާރު ވިލުތެރެއަށް ވެއްޓުމުގެ ކުރިން ތިން މީހުން ވެސް ކާރުގެ ތެރެއިން ނިކުމެފައިވާ އޭނާ ކިޔައިދިނެވެ.

"ކާރު މިހާރު އޮތީ ވިލު ތެރޭގައި ވިއްސަކަށް މީޓަރު އަޑީގައި،" އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަ މީހަކު އެ ރަށުގައި ދުއްވާ އެ ކާރަކީ ސްޕޯޓްސް ކާރެކެވެ. އަދި އެފަދަ ހާދިސާއެއް މީދޫގައި ހިނގައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަން ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް