ކުޓީނިއޯ ހުރީ އަނިޔާގައި ކަމަށާއި، ބާސެލޯނާ ޖާޒީގައި ވާދަވެރި މެޗަކުން ފެންނާނީ ތިން ހަފްތާ ފަހުން ކަމަށް އެ ކުލަބާ ހަވާލާދީ މީޑިއާއިން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު އިނގިރޭސިވިލާތުގެ ލިވަޕޫލްއިން 142 މިލިއަން ޕައުންޑުގެ ޓުރާންސްފާއެއްގައި ސްޕެއިންގެ ބާސާއަށް ބަދަލުވި ކުޓީނިއޯ ވަނީ ރަސްމީކޮށް ބާސާ ޖާޒީގައި ދައްކާލައިފައެވެ. ފަސް އަހަރާ ބައިގެ އެއްބަސްވުމެއްގައި ބާސާއަށް ބަދަލުވި ކުޓީނިއޯގެ ރިލީސް ފީ އަކަށް ބާސާއިން ކަނޑައަޅާފައިވާ އަގަކީ 355 މިލިއަން ޕައުންޑެވެ.
ބާސާއަށް ބަދަލުވުމުގެ ކުރިން ލިވަޕޫލް އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް އަނިޔާގެ ސަބަބުން ކުޓީނިއޯ ކުޅެފައެއް ނުވެއެވެ. ރިޕޯޓުތައް ބުނެފައިވަނީ ކުޓީނިއޯގެ ފަލަމަސް ގަނޑަށް ލިބިފައިވާ އަނިޔާ ރަނގަޅު ނުވާ ކަމަށާއި، ކުޓީނިއޯއަށް ބާސާ ޖާޒީގައި ފުރަތަމަ މެޗު ކުޅެވޭނެ ކަމަށް ލަފާ ކުރެވެނީ ތިން ހަފްތާ ފަހުން ކަމަށެވެ.
ބާސާއިން އަންނަ ބުރާސްފަތި ދުވަހު ކޮޕާ ޑެލްރޭގެ މެޗުގައި ސެލްޓާ ވީގޯއާ ދެކޮޅަށް ނުކުންނަ އިރު، އަންނަ އާދީއްތަ ދުވަހު އޮންނަ ލަލީގާ މެޗުގައި ބާސާ ކުޅޭނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ. މި ދެ މެޗުގައިވެސް ކުޓީނިއޯ ނުކުޅޭނެ ކަމަށް ބެލެވޭ އިރު، ބާސާގެ މެޑިކަލް ޓީމުން އޭނާގެ އަނިޔާއާ ގުޅިގެން އިތުރު ތަފްސީލު ދޭނެ ކަމަށް ސުޕެއިންގެ ނޫހެއް ކަމަށްވާ މުންޑޯ ޑިޕޮޓީވޯއިން ރިޕޯޓް ކުރެއެވެ.
ދެހާސް ތޭރަވަނަ އަހަރު އިޓަލީގެ އިންޓާ މިލާންއިން ލިވަޕޫލްއާ ގުޅުނު ކުޓީނިއޯ ވަނީ އެޓީމަށް ކުޅެދިން 202 މެޗުން 54 ގޯލް ޖަހައިފައެވެ.