ރިބަރީއަށް ހައްގު ބެލޮންޑިއޯ ދިނީ ރޮނާލްޑޯއަށް!

ޗެމްޕިއަންސް ލީގުގައި ރެއާލްއާއި ބަޔާން ބައްދަލުކުރި މެޗެއްގައި ރޮނާލްޑޯއާއި ރިބަރީ ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ --- ފޮޓޯ: ދި އިންޑިޕެންޑެންޓް

ފްރާންސްގެ މިޑްފީލްޑަރު ފްރޭންކް ރިބަރީއަށް ހައްގު ބެލޮންޑިއޯއެއް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދީފައިވާ ކަމަށް ރިބަރީ ބުނެފިއެވެ.

ފްރާންސްގެ ކުޅިވަރު މަޖައްލާއެއް ކަމަށްވާ ކަނާލް ފުޓްބޯލްއަށް ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންދާ ރިބަރީ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ ބެލޮންޑިއޯއަކީ އޭނާއަށް ހައްގުވާ އެއްޗެއް ކަމަށެވެ. އަދި އެ އަހަރުގެ ބެލޮންޑިއޯއަކީ ރިބަރީގެ އަތުން ރޮނާލްޑޯ "ލޫޓުވާލި" ޓްރޮފީއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

"ރޮނާލްޑޯއަށް 2013 ވަނަ އަހަރު ދިން ބެލޮންޑިއޯއަކީ ލޫޓުވާލި ބެލޮންޑިއޯއެއް، ގަބޫލުކުރަންވެސް ދަތި، އެ އަހަރުގެ ހުރިހާ ޓްރޮފީއެއް ހޯދިން، އެވަރު ކުރެވޭނީ ދެން، އެ އަހަރު ބެލޮންޑިއޯ ދިޔައީ ނާއިންސާފުން،" ރިބަރީ ބުނެފައިވެއެވެ.

ބަޔާން މިއުނިކާއެކު ރިބަރީ ވަނީ 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ އިތުރުން ޖަރުމަން ލީގާއި ޖަރުމަން ކަޕް ވެސް އުފުލާލައިފައެވެ. ރޮނާލްޑޯއަށް ރެއާލްއާއެކު 2013 ވަނަ އަހަރު އެއްވެސް ޓްރޮފީއެއް ނެގިފައެއް ނުވެއެވެ. ލަލީގާ 2012-13 ސީޒަން ބާސާއިން ނެގި އިރު ކޮޕާ ޑެލްރޭ ނެގީ އެތުލެޓިކޯ މެޑްރިޑުންނެވެ.

ރިބަރީ ބުނެފައިވަނީ އޭނާއަށް ބެލޮންޑިއޯ ނުލިބުނީ އަމިއްލަ ގައުމު އޭނާގެ ފަހަތުގައި ނެތުމުން ކަމަށެވެ. ރިބަރީ ބުނީ ފްރާންސް ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކަންތައް ދިޔަގޮތުން ހުރިހާ އެންމެންވެސް އޭނާއަށް ނަފުރަތު ކުރާ ކަމަށެވެ.

"އަހަރެންގެ ގައުމު އަހަރެންގެ ފަހަތުގައި ނެތުމުން ބެލޮންޑިއޯ ގެއްލުނީ، އަހަރެން ދުށިން ފްރާންސް އެންމެން އެއްކޮށް ރޮނާލްޑޯއަށް އާނއެކޭ ބުނި މަންޒަރު. ޕޯޗުގީޒު ރައްޔިތުން ބޭނުން ވާނެތަ މެސީ ނޫނީ ރިބަރީއަށް ލިބެން؟ ނުވާނެ،" ރިބަރީ ބުނެފައިވެއެވެ.

ރިބަރީ ބުނެފައިވަނީ 2010ގެ ވޯލްޑް ކަޕުގައި ފްރާންސް ފެއިލްވުމުން އެކަމަށް ބަދުނާމު ކުރާނެ ކޮންމެވެސް މީހަކު މީޑިއާއަށް ބޭނުންވި ކަމަށާއި، ހުރިހާ މީޑިއާއަކުންވެސް އޭނާއަށް އެކަމުގެ ރުޅި ބޭލި ކަމަށެވެ.

"ދެހާސް ދިހަވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފެއިލްވުމުން މީޑިއާއިން އެކަން އެޅުވީ އަހަރެންގެ ބޮލުގައި. ހުދު އަހަރެންގެ މަންމަވެސް ގަބޫލުކުރީ އެގޮތަށް. ބައެއް މީޑިއާތަކުން މާ މައްޗަށް ދިޔަ އަހަންނަށް ފާޑު ކިޔުމުގައި. އަދިވެސް އެކަންކަން ހިތުން ފިލައިގެން ނުދޭ،" ރިބަރީ ބުންޏެވެ.

ސީޒަން ނިމުމުން ބަޔާންއާއެކު ރިބަރީ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ އިރު، ކޮންޓްރެކްޓް އާކުރުމާމެދު ރިބަރީ އާއި ބަޔާނުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އުމުރުން 34 އަހަރުގެ ރިބަރީ ވަނީ 2014 ވަނަ އަހަރު ފްރާންސް ގައުމީ ޓީމުން ރިޓަޔާވެފައެވެ.

comment ކޮމެންޓް