މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ސްކޮލަޝިޕް ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރުގެ ފުރަތަމަ ޓާމަށް ހުޅުވާލައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕް ފުރުސަތަކީ ކޮންމެ ސެމިސްޓަރަކު އެއްފަހަރު ހުޅުވާލާ ފުރުސަތުގައި އެކަމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަޝިޕެކެވެ.
އެގޮތުން ޖުމްލަ ތިން ސްކޮލަޝިޕަކަށް ދަރިވަރުންނަށް ފުރުސަތު ހުޅުވާލާނެއެވެ. އެއީ ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕް، އަންޑާގްރެޖުއޭޓް ސްކޮލަޝިޕް އަދި ޕޯސްޓް ގުރެޖުއޭޓް ސްކޮލަޝިޕެވެ.
އޭގެ ތެރެއިން ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕަށް 20 ފުރުސަތު ހުޅުވާލާފައިވާއިރު، އެ ސްކޮލަޝިޕްގެ ދަށުން ދަރިވަރުން ދައްކަންޖެހޭ ކޯސް ފީ ހިލޭ ކޮށްދެއެވެ. އަދި ޝަރުތަކަށްވާންޖެހޭނީ އެމްއެންޔޫގެ ފުލްޓައިމް ދަރިވަރެއް ކަމުގައި ވުމެވެ.
އަންޑާގުރެޖުއޭޓް އަދި ޕޯސްޓްގުރެޖުއޭޓް ސްކޮލަޝިޕްގެ ދަށުން ހުޅުވާލާނީ ކޮންމެ ސްކޮލަޝިޕަކުން ދެ ފުރުސަތެވެ.
އަންޑާގުރެޖުއޭޓް ސްކޮލާޝިޕް
- ދަރިވަރު ކިޔަވާ ކޯހުގެ ޓިއުޝަން ފީ ޔުނިވާސިޓީން ދައްކައިދޭނެ
- ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ 5000 ރުފިޔާ
- ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާމަކު 5000 ރުފިޔާ
- ސްކޮލަޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގުރާންޓުގެ ގޮތުގައި ވެސް 5000 ރުފިޔާ
ޕޯސްޓްގުރެޖުއޭޓް ސްކޮލަޝިޕް
- ދަރިވަރު ކިޔަވާ ކޯހުގެ ޓިއުޝަން ފީ ޔުނިވާސިޓީން ދައްކައިދޭނެ
- ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ 7000 ރުފިޔާ
- ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާމަކު 5000 ރުފިޔާ
- ސްކޮލަޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގުރާންޓުގެ ގޮތުގައި ވެސް 5000 ރުފިޔާ
އެމްއެންޔޫ އިން ބުނީ، އެ ސްކޮލަޝިޕަށް ހޮވާނީ ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުން ކަމަށާއި ދަރިވަރުން އެއްވަރުވެއްޖެނަމަ، ދަރިވަރު ހޮވާނީ ގުރު ނަގައިގެން ކަމަށެވެ.
އެ ސްކޮލަޝިޕްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.