މުންޑޫ ކައުންސިލްގެ ނައިބު ރައީސްގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ލ. މުންޑޫ --

އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި، ލ. މުންޑޫ ކައުންސިލްގެ ނާއިބު ރައީސް އާދަމް ނާސިފުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ރޭ މުންޑޫގައި ހިނގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި 30 އަހަރުގެ މީހަކާއި 19 އަހަރުގެ މީހާއަށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 30 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަަސް ޖަހާފައިވާ އިރު، 19 އަހަރުގެ މީހާގެ ބަންދަށް ޖެހީ ފަސް ދުވަސް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މުންޑޫ ކައުންސިލްގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ މި ހާދިސާ ހިނގީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.

މުންޑޫ ކައުންސިލް މެމްބަރު ވިދާޅުވީ އެ އަންހެން މީހާ ރޭ 9:00ގައި މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔުމުން އެއަތޮޅު ގަމު ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔުމަށް ލަފާދިން ކަމަށެވެ.

ސަބަބަކީ އެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށާއި މިހާރު އޭނާ އަށް ގަމު ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

comment ކޮމެންޓް