އެމެރިކާ ތިން ބަލިން ބަލިވުމާ އެކު ނިއްކީ ހޭލީގެ އަޑު ކެނޑިފައި

ނިއްކީ ހޭލީ

ތިން ހަފްތާ ތެރޭގައި މިވަނީ އދ. ގައި އެމެރިކާއަށް ބޮޑެތި ނަކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެތެރެއިން ފުރަތަމަ ނާކާމިޔާބީ އާ ކުރިމަތިލާންޖެހުނީ ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލުކުރުމަށާއި އިސްރާއީލުގައިވާ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް އެމެރިކާ ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލިހުގައި ނެގި ވޯޓުގަ އެވެ.

ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އެމެރިކާ ފިޔަވައި އެހެން ހުރިހާ ގައުމުތަކުން ވޯޓުދިނީ މި މައްސަލާގައި އެމެރިކާ ނިންމި ނިންމުން ބަދަލުކުރުމަށެވެ. މިއާ އެކު އެންމެ ފަހުން އެމެރިކާއަށް ޖެހުނީ ޑިމޮކްރަސީގެ އުސޫލާ ޚިލާފަށް އޮންނަ ޚުދު މުޚްތާރު ވީޓޯގެ ބޭނުންކޮށްގެން އެގަރާރު ބާތިލްކުރުމަށެވެ.

އެމެރިކާގެ ނިންމުން ބާތިލް ކުރުމަށް ގޮވާލައި އެމެރިކާއާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ހުޅަނގުގެ ބައިވެރިން ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ވެސް ހިމެނެ އެވެ. ސަލާމަތީ މަޖިލީހުގައި އެމެރިކާ އާ ދެކޮޅަށް ވޯޓު ދިންގައުމުތަކުގެ ތެރޭގައި އެމެރިކާއާ ވަރަށްގާތް ޔޫރަޕްގެ ގައުމުތަކާއި އެނޫން ގައުމުތައް ވެސް ހިމެނެ އެވެ. ނަމަވެސް މިއިން އެއްވެސް ގައުމަކުން ގުދްސުގެ މައްސަލާގައި އެމެރިކާގެ އަޑެއް ނޭހި އެވެ. މިއީ އެމެރިކާ ކަންބޮޑުވެ ދުނިޔޭގެ ބޮޑުބާރުގެ ހައިސިއްޔަތުން އެމެރިކާ ލަދުގަތް ކަމެކެވެ.

އެއަށް ފަހު ގުދްސުގެ މައްސަލަ، އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުމުން އދ.ގެ މެންބަރު ގައުމުތަކުގެ ގޮތުގައި ހިމެނޭ 193 ގައުމުގެ ތެރެއިން 128 ގައުމުން ވޯޓު ދީފައި ވަނީ އެމެރިކާއާ ދެކޮޅަށެވެ. އެމެރިކާގެ ނިންމުން ބަދަލުކުރުމަށެވެ. ތިރީސް ފަސް ގައުމަކުން ވޯޓުގައި ބައިވެރިވެފައިނުވާ އިރު 21 ގައުމުން އެ ޖަލްސާއަށް ހާޒިރު ވެފައެއް ނުވެ އެވެ. ގުދްސުގެ މައްސަލާގައި އެމެރިކާއާ އެއްކޮޅަށް ވޯޓު ދީފައިވަނީ އެންމެ ނުވަ ގައުމުންނެވެ. މީގެތެރޭގައި އެމެރިކާއާއި އިސްރާއީލު ފިޔަވައި ދެން ތިބީ ވަރަށް ކުދިކުދި މައިކްރޯ ގައުމުތަކެވެ. އާރެއް ބާރެއްނެތް ގައުމުތަކެވެ. މިއީ ވެސް އެމެރިކާގެ އާރާއި ބާރު ދުނިޔޭގައި ނެތްމިންވަރު ހާމަވެ ދުނިޔޭގެ ބޮޑުބާރުގެ ހައިސިއްޔަތުން އެމެރިކާ ލަދުގަތް ކަމެކެވެ.

ތިންވަނަ ލަދާ އެމެރިކާ ކުރިމަތިލާން ޖެހުނީ އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އދ.ގެ ސަލާމަތީ މަޖިލިސް ވެއްދުމަށް އެމެރިކާ އިސްވެ އޮވެގެން ކުރަމުން ގެންދިޔަ މަސައްކަތްތަކުގަ އެވެ. އީރާން ސަރުކާރާ ދެކޮޅަށް އެގައުމުގެ ބަޔަކު ކުރިމުޒާހަރާ ތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ އެދުމުގެ މަތިން އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އީރާން ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ރިޔާސީ ބަޔާނެއް ނެރުމަށް އެމެރިކާ ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.

މިމައްސަލާގައި ފަރަންސޭސިވިލާތާއި ރަޝިޔާއާއި ޗައިނާ އަދި އެނޫން ވެސް ގައުމުތައް ފާޅުކަން ބޮޑުގޮތެއްގައި އެމެރިކާއާ ދެކޮޅަށް ވާހަކަ ދެއްކި އެވެ. އަދި ގައުމުތަކުގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތަކީ އދ. ގެ ނިޒާމު އޭގެ މައްޗަށް ބިނާވެފައިވާ މައިގަނޑު އަސާސްކަމާއި ސިޔާސީ ބޭނުމެއްގައި އެމެރިކާއަށް އެކަން ބަދަލުނުކުރެވޭނެ ކަމުގެ މެސެޖް ފަރަންސޭސިވިލާތާއި ރަޝިޔާއާއި ޗައިނާއާ އެނޫން ވެސް ސަލާމަތީމަޖިލީހުގެ މެންބަރު ގައުމުތަކުން އެމެރިކާ ސަރުކާރަށް ދިނެވެ.

ދުނިޔޭގެ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމާއި އެއްގައުމު އަނެއްގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި އެއްގައުމު އަނެއްގައުމާ ދެކޮޅަށް އުދުވާން ހިންގުމާއި ބިރު ދެއްކުމަކީ އދ.ގެ ޗާޓަރުގައި މުޅިން މަނާކޮށްފައިވާ ކަންކަމެވެ. ނަމަވެސް އދ.ގެ ޗަޓަރާ ޚިލާފަށް މިއީ އެމެރިކާ ދުނިޔޭގެ ބައެއް ގައުމުތަކާ ދެކޮޅަށް އެންމެ ބޮޑަށް ކުރަމުން ގެންދާ ކަންކަމެވެ. އެމެރިކާއަށް އދ. ބޭނުންވަނީ އުތުރުކޮރެޔާއާ ދެކޮޅަށް ނޫނީ އީރާނާ ދެކޮޅަށް ގަރާރެއް ފާސްކުރަން ބޭނުންވުމުންނެވެ. ނަމަވެސް އިސްރާއީލާ ދެކޮޅަށް ގަރާރެއް ފާސްކުރުމުން އދ. އަކީ އެމެރިކާއަށް ބޭނުންތަނަކަށް ނުވެއެވެ.

ގުދްސުގެ މައްސަލާގައި އދ.ގެ ޖެނެރަލް އެސެމްބްލީން އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ފާސްކުރި ގަރަރަކީ ބޭކާރު އެއްޗެއްކަމަށާ އެއާ އެއްގޮތަށް އަމަލުނުކުރާނެ ކަމަށް އެމެރިކާއާއި އިސްރާއީލުވަނީ ބުނެފަ އެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން އުތުރުކޮރެޔާއާ ދެކޮޅަށް ގަރާރެއް ފާސްކުރުން އެއީ ވަރަށް މުހިއްމު ގަރާރެއްކަމަށާއި އެ ގަރާރަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް އަމަލުކުރަންޖެހޭނެ ކަމަށް އެމެރިކާ ވަނީ ބުނެފަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހަކީ ހަމައެކަނި ބައިނަލްއަގްވާމީ އަމަނާއި ސަލާމަތަށް ނުރައްކާވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އޮންނަ މަޖިލީހެކެވެ. އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރި މުޒާހަރާތަކަކީ އެގައުމުގެ އަމިއްލަ ދާޚިލީ ކަމެކެވެ. މިއީ ދުނިޔޭގެ އަމަނާއި ސަލާމަތާ އެއްވެސް ވަރަކަށް ގުޅުން ހުރިކަމެއްނޫނެވެ. ނަމަވެސް މިކަން އެމެރިކާއަށް އަންގައިދީ އެމެރިކާއަށް ފިލާވަޅު ދޭން ޖެހުނީ އެހެން ގައުމުތަކަށެވެ.

އދ. އުފެދިފައި ވަނީ ދުނިޔޭގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ ހަރުދަނާ އުސޫލުގެ މައްޗަށް ކަމަށްވިޔަސް އީރާނަކީ އެމެރިކާ އާއި އިސްރާއީލާ އިދިކޮޅު ގައުމަކަށްވާތީ އެމެރިކާ މަސައްކަތްކުރީ އެގައުމަށް ލިބިފައިވާ ބާރާއި ނުފޫޒު ބޭނުންކޮށްގެން އދ.ގެ ނިޒާމު ވެސް ގަޑުބަޑުކޮށްލުމަށެވެ. މިކަމަށް މަސައްކަތްކުރައްވައި ވަކަލާތު ކުރެއްވީ އދ.ގައި ހުންނަވާ އެމެރިކާ ދާއިމީ މަންބޫދާ ނިއްކީ ހޭލީ އެވެ. އޭނާއަކީ ޓްރަމްޕް ގޮތަށް ހަރުކަށިކޮށް އެހެން ގައުމުތަކަށް ބިރުދައްކަވައި އިންޒާރު ދެއްވަމުން ގެންދަވާ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ.

ތިން ހަފްތާ ތެރޭގައި އެމެރިކާއަށް އދ.ގައި ބޮޑު ތިން ނާކާމިޔާބީ ލިބި ލަދުގަނެ އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެފައިވާ މިންވަރު ހަމަވެގެން ހިނގައްޖެވެ. މިލަނޑު އެމެރިކާއަށް ލިބިގެން މިދިޔައީ ނިކީގެ މޭސްތިރިކަމުގަ އެވެ. މިއީ ނިއްކީގެ ސިޔާސީ ހަޔާތަށް ލިބިގެންދިޔަ ނިކަމެތި ކަމެއްކަން މުހައްލިލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޚާއްސަކޮށް ގުދްސުގެ މައްސަލާގައި އެމެރިކާއާ ދެކޮޅަށް ގަރާރު ފާސްކުރަން ތައްޔާރުވަމުން ދިޔައިރު ޖެނެރަލް އެސެމްބްލީގެ ގައުމުތަކަށް ނިއްކީ ވަރަށް ބޮޑަށް ބިރުދެއްކެވި އެވެ. އެމެރިކާގެ އެހީތައް ކަނޑާލާނެކަމާއި އެނޫން ވެސް ބިރުތަކެވެ. އދ.ގެ ފޯރަމްތަކުގައި މިގޮތަށް ބިރުދެއްކުމަކީ އެހެން ގައުމުތަކުން ކުރާކަމެއް ނޫނެވެ. ނަމަވެސް މި ބިރު ދެއްކުންތަކާއެކު ވެސް މަދު ގައުމަކުން ނޫނީ ނިއްކީ ދެކެވެސް އަދި އެމެރިކާ ދެކެވެސް ބިރުގެންފައެއް ނުވެ އެވެ.

ނިއްކީ އަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. އޭނާ އަށް އެމެރިކާގެ މުޖްތަމައުގައި ކުރިމަތިވާ ނަސްލީ ތަފާތުކުރުންތަކާ ގުޅިގެން އެކަން ފޫބެއްދުމަށް މަސައްކަތް ކުރައްވަނީ އެމެރިކާގެ ދޮން މީހުންނަށް ވުރެ ވެސް ބޮޑަށް ޔަހޫދީ ވެގެންނެވެ. އަދި ޓްރަމްޕަށް ވުރެ ވެސް ބޮޑަށް ޓްރަމްޕް ހެދިގެންނެވެ. އެއީ އެމެރިކާ އަށް ނުފޫޒު ފޯރުވާފައިވާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތައް ރުއްސައިގެންނާއި ޓްރަމްޕްގެ ރުހުން ހޯއްދަވައިގެން މަގާމުގައި ދެމިހުންނެވުމަށާއި އެނޫން މަތީ މަގާމުތައް ހޯއްދެވުމުގެ ބޭނުމުގައި ކަމަށް ވެދާނެ އެވެ.

ބުނެވޭ ގޮތުގައި ނިއްކީގެ އުންމީދަކީ އެމެރިކާގެ ޚާރިޖީ ވަޒީރުކަން ހޯއްދެވުމެވެ. އަދި އެމެރިކާގެ ރައީސްކަމަށް ކުރިމަތި ލެއްވުމުގެ ވިސްނުންވެސް ނިއްކީ ގެންގުޅޭ ކަމަށް ވެ އެވެ. ޓްރަމްޕްގެ ސަރުކާރުގައި ނިއްކީ އަކީ އެމެރިކާގެ ޚާރިޖީ ކަންކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލަސަން އަށްވުރެ ވެސް މަތިން ބަސް ވިދާޅުވަމުންދާ ބޭފުޅެކެވެ. ނަމަވެސް ތިން ހަފްތާ ތެރޭގައި އެމެރިކާއަށް އދ.ގައި ބޮޑު ތިން ނާކާމިޔާބީ ލިބިގެން ދިޔުމާއެކު ނިއްކީ އަށް ވަރުގަދަ ފިލާވަޅެއް ލިބި އޭނާގެ އަޑު ވަނީ ކެނޑިފަ އެވެ.

comment ކޮމެންޓް