ކަމަދޫ ރައްޔިތުންގެ ހިތްހެޔޮކަމަށް އެތައްބައެއްގެ ތައުރީފު، އެރަށުން ފެނުނީ ނަމޫނާއެއް

ކާވިޔާ ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް ކަމަދޫ އިން ދިން މެންދުރުގެ ކެއުން --- ފޭސްބުކް ފޮޓޯ: ހުސައިން ރަޝީދު

ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެކެވެ. އެކަކަށް ޖެހޭ މުސީބާތްތަކުގައި އަނެކާ އެހީވަމުން އައި ގޮތުގެ ވަހަކަތައް ތާރީޚުން ފެންނަން އެބަހުއްޓެވެ. ޒަމާނަށާއި ހާލަތަށް އަންނަމުންދާ ބަދަލާއެކު މި މާތް އާދަ ދިވެހިންގެ ފަރާތުން ފެންނަމިންވަރު މަދުވި ނަމަވެސް ކަށީގައި ހިފާފައި ހުރި މި ސިފަ އަދިވެސް ދިވެހިންގެ ފަރާތުން ކެނޑިގެންނެއް ނުދެއެވެ.

އާ އަހަރަކަށް މަރުހަބާ ކިޔުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރޭ ގިނަ ބަޔަކު ހަރަކާތްތައް ބާއްވަމުން ދަނިކޮށް ރޭ އިވިގެންދިޔައީ 100 މީހުންނާއެކު ހއ. އިހަވަންދޫން ފުރައިގެން މަލެ ދަތުރުކުރި "ކާވިޔާ" ބޯޓުގެ އިންޖީނު ހުއްޓި ހާލުގައި ޖެހުނު ވާހަކައެވެ. އޭރު އެ ބޯޓު އޮތީ ބ. އަތޮޅު ކަމަދުއާ ތިން ކިލޯމީޓަރަށްވުރެ ކައިރީގައެވެ.

ކާވިޔާ ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް ކަމަދޫ އިން ދިން މެންދުރުގެ ކެއުން --- ފޭސްބުކް ފޮޓޯ: ހުސައިން ރަޝީދު

އެހެން ބޯޓެއްގައި ކަފު ޖަހައިގެން ކަމަދުއަށް ކާވިޔާ ބޯޓު މިއަދު ހެނދުނު ވަންއިރު އެ ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނަށް ކަމަދޫ އިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެރަށު ގޭގޭގައިއެއްވެސް އަގެއް ނެތި ތިބެވޭ ގޮތަށް ހަމަޖައްސައިދިނެވެ.

"އަޅުގަނޑުމެން ވާނީ ބުނެފައި އެއްވެސް ދައްޗެއް ނެތި ރަށުގެ ގޭގޭގައި ތިބެވޭނެ ކަމަށް. ހުރިހާ ކަމެއް ހިލޭ އެމީހުންނަށް ފޯރުކޮށްދޭނެ ކަމަށް،" ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން" އަށް ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ކަމަދުއަކީ ވަރަށް ކިޔަމަންތެރި ރައްޔިތުންތަކެއް ދިރިއުޅޭ އެކުވެރި ރަށެއް ކަމަށެވެ.

"މިހާރު ސިޔާސީ ކަންތައް ބޮޑުވެ މި އުފެދޭ ހިތްހަމަ ނުޖެހުންތަކުގެ އަސަރެއްވެސް ނޯންނާނެ. ވަރަށް އެކުވެރި ރަށެއް މިއީ،" އޭނާ ވިދާޅުވިއެވެ.

ކާވިޔާ ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް ކަމަދޫ އިން ދިން މެންދުރުގެ ކެއުން --- ފޭސްބުކް ފޮޓޯ: ހުސައިން ރަޝީދު

ކަމަދޫ އަންހެނުންގެ ކޮމެޓީ އާއި އެރަށުގެ ރައްޔިތުން އިސްނަގައިގެން ކައުންސިލްގެ ލަފައާއެކު މިއަދު ވަނީ ބޯޓުން ދަތުރުކުރި މީހުންނަށް ޚާއްސަ ޖާފަތެއްވެސް ދީފައެވެ. އެ ޖާފަތުގައި ކާވިޔާ ބޯޓުން ދަތުރު ކުރި ފަސިންޖަރުން ވަނީ ބައިވެރިވެފައެވެ.

"ރަށުގެ އަންހެނުންގެ ކޮމެޓީ އާއި އަންހެނުން ގުޅިގެން ކައުންސިލްގެ ވެސް ލަފައާއެކު މިއަދު މެންދުރު ޚާއްސަ ކެއުމެއް ތައްޔާރު ކުރީ. ބޯޓުން ދަތުރުކުރި މީހުންވެސް ވަރަށް ފާހަގަ ކުރި ރަށުގެ ރައްޔިތުންގެ ހިތްހެޔޮ ކަމާއި އޯގާވެރިކަން،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކާވިޔާ ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް ކަމަދޫ އިން ދިން މެންދުރުގެ ކެއުން --- ފޭސްބުކް ފޮޓޯ: ހުސައިން ރަޝީދު

"ހއ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުންވެސް އަޅުގަނޑުމެންނަށް ގުޅި. ވަރަށް ޝުކުރު އަދާކުރި. އެ ބޭފުޅުން ދެންނެވި މިއިީ މިހާރު ވަރަށް ނުފެންނަ މަންޒަރެކޭ. މިހާ އެއްބައިވަންތަ ކޮށް އެކުވެރިކަން މަތީ ބަޔަކަށް އެހީ ވެދޭތަން. ކަމަދޫ ރައްޔިތުންނަކީ އަބަދުވެސް ހިތްހެޔޮ ބައެއް،" އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކާވިޔާ ބޯޓުން ދަތުރުކުރި ފަސިންޖަރުން ބަލައި މާލެއިން އެހެން ބޯޓެއް އެރަށަށް ދަތުރުކުރަމުންދާ ކަމަށެވެ. މިރޭގެ އިރާކޮޅުގެ ވަގުތެއްގައި އެ ބޯޓަށް ކަމަދު އަށް ދެވޭނެކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.

ކަމަދޫ ރައްޔިތުންގެ މި އަމަލުން އިބްރަތް ހާސިލްކޮށް ކޮންމެ ރަށަކުންވެސް ބަލައިގަންނަންވީ ނަމޫނާ އަކީ ސިޔާސީ ވާދަވެރިކަމާއި ހިތްހަމަ ނުޖެހުން އެއްފަރާތްކޮށް ޒަމާނުއްސުރެ ދިވެހިންގެ "ޓްރޭޑްމާކް" އާދަ ކަމުގައިވާ، އެއްބައިވަންތަކަމާއި އެކުވެރިކަންމަތީ އުޅުމެވެ. އަނެކާ އަށް ދިމާވާ ހިތާމަ އާއި ބުރަ ލުއިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް