އަމިއްލައަށް ޝެއިޚުންނަށް ވެގެން ބަޔަކު އުޅޭނަމަ އެކަން ރިޕޯޓު ކުރަން ޝެއިޚް ޒައިދު ގޮވާލައްވައިފި

ޝެއިހް އަލީ ޒައިދު --

އަމިއްލައަށް ޝެއިޚުންނަށް ވެގެން އުޅޭ ބަޔަކު އުޅޭނަމަ ލަސް ނުކޮށް އެކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެންގުމަށް ޝެއިޚް އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޒައިދު އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުވާގޮތަށް ވިދާޅުވެފައިވަނީ، ރާއްޖޭގައި ޝެއިޚުންގެ ގޮތުގައި ތިބީ ބައިނަލްއަގްވާމީ ޔުނިވާސިޓީތަކުން ދީނީ ތައުލީމް ހާސިލްކޮށްގެން ތިބި މީހުން ކަމަށެވެ. އަދި އެންމެ ކުޑަވެގެން ޝެއިޚުންގެ އަތުގައި ބެޗްލާސް ޑިގްރީއެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަމިއްލަ އަށް "ޝެއިޚުންނަށް ވެގެން އުޅޭ ބަޔަކު" ސިވިލް ސޮސައިޓީގެ ދިފާއުގައި ވާހަކަ ދައްކަމުންދާ މީހުންނަށް ހަމަލާތަކެއް ދެމުން އަންނަ ކަމަށާއި އެއީ ދިވެހި ދައުލަތުގެ ތެރެއިން އެހެން ދައުލަތެއް އުފެދިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހި ދައުލަތުގެ މައްޗަށް އެ ދައުލަތް ގަދަވެގަނެފާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އެވާހަކައަށް ރައްދު ދެއްވައި ޝެއިހް ޒައިދު ވިދާޅުވީ، "ޝެއިޚް" ލަގަބަކީ އިސްލާމިކް މިނިސްޓްރީން ސެޓްފިކެޓްތައް ބަލައި އެ މިނިސްޓްރީން ދޭ ލަގަބެއް ކަމަށެވެ.

"ސެޓިފިކެޓް ތައް އިސްލާމިކް މިނިސްޓްރީން ބަލައި އެ މިނިސްޓްރީން ދޭ ލަގަބެއް 'ޝެއިޚް' ގެ ލަގަބަކީ. އަމިއްލައަށް 'ޝެއިޚް' އިންނަށްވެގެން އުޅޭ ބަޔަކު އުޅޭ ނަމަ ލަސް ނުކުރައްވައި އެކަން ކަމާބެހޭ އިދާރާތަކަށް އެންގެވުން އެދެން،" ޒައިދުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް